ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީން ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކައިފި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެކި އުމުރުފުރާގެ 384 މީހަކާ މި ސާވޭގައި ސުވާލުކޮށްފައިވެ އެވެ.
ސާވޭގެ ނަތީޖާ ދެއްކި ގޮތުން ސާވޭއަށް މައުލޫމާތު ދިން މީހުންގެ 18 ޕަސަންޓް މީހުން ބުނެފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށެވެ. މީގެއިތުރުން މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދޭނެ ކަމަށް 13 ޕަސަންޓް މީހުން ބުނެފައިވެ އެވެ. ސާވޭގައި ތިންވަނަ އަށް އެންމެ ގިނަ މީހުން ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ސުވާލުކުރި މީހުންގެ ތެރެއިން ހަތަރު ޕަސަންޓް މީހުން ވަނީ ރައީސް ނަޝީދަށް ވޯޓު ދޭނެ ކަމަށް ބުނެފަ އެވެ.
ސާވޭގައި ސުވާލުކުރި މީހުންގެ ތެރެއިން 43 ޕަސަންޓް މީހުން ވޯޓުލާނެ ކެންޑިޑޭޓެއް އަދި ނިންމާފައި ނުވާއިރު 15 ޕަސަންޓް މީހުން ވަނީ އިންތިހާބުގައި ވޯޓު ނުލާނެ ކަމަށް ބުނެފަ އެވެ.
ފޯނުކޮށްގެން މައުލޫމާތު ހޯދައިގެން ކުރިއަށް ގެންދިޔަ ސާވޭގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މުޅިން ޔަގީންވުމުން މިވަގުތު ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން ނިންމާފައި ނުވާ މީހުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.
ރޭންޑަމްކޮށް މީހުންނާ ސުވާލުކުރި މިސާވޭ އެކި ފަހަރު މަތިން ހެދި ނަމަވެސް ސާވޭގައި ގެނެސްފައި ހުރި އަދަދުތަކަށް ފަސް ޕަސަންޓަށް ވުރެ ބޮޑު ބަދަލެއް ދެން ނާންނާނެ ކަމަށްވެސް ބާނި ސެންޓަރުން ބުނެ އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.