މިއަހަރުގެ ރިޔާސީ އިންތިހާބު މިއޮތީ ބޯމަތިވެފަ އެވެ. އެހެންކަމުން އެންމެންވެސް ދައްކަމުންދާ މައިގަނޑު ވާހަކައަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާހަކަ އެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަށް ވާނީ ކިހިނެއް ހެއްޔެވެ. އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ފުރުސަތު ބޮޑީ ކޮން ބޭފުޅަކަށް ހެއްޔެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބޭތޯ ބަލާލުން އެއީ ހަމަ ޝައުގު ކުރުވަނިވި ކަމަކަށްވާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އަކީ ކާކު
ގާސިމް އިބްރާހީމް އަކީ ރައްޖޭގައި ދެވަނަ އެއް ނެތްފަދަ އެންމެ ކާމިޔާބު އެއް ވިޔަފާރި ވެރިޔާ އެވެ. ހަމައެހެންމެ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް އެފަދަ ދެވަނަ އެއް ނެތްފަދަ ކުޅަދާނަ އަދި ހަމަ ކާމިޔާބު ބޭފުޅެކެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފު ކުރި ފަހުން އެމަނިކުފާނުގެ މަދަދާއި ނުލައި އެއްވެސް ރިޔާސީ އިންތިހާބެއް، އެއްވެސް ޕާޓީއަކަށް ކާމިޔާބު ކުރެވިފައި ނުވެއެވެ. އެއީ އިންތިހާބު އެއްބުރުން ކަމަށްވިޔަސް އަދި ދެވަނަ ބުރުން ކަމަށްވިޔަސް އެކަން އޮތީ އެމަގުން ހިނގައި އެ ހަގީގަތުގެ މައްޗަށް ބުރަވެ އެވެ. އެހެންކަމުން މިފަހަރުވެސް އެމަނިކުފާނުގެ މަދަދާއި ނުލާ އިންތިހާބު ކާމިޔާބު ކުރުން ވާނީ އަރަތެއް ކަހަލަ ކަމަކަށެވެ.
ގާސިމަކީ މަލްޓި ޕާޓީ ޑީމޮކްރަސީ ރާއްޖެ ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. އެމަނިކުފާނަކީ އައު ގާނޫނު އަސާސީ ވުޖޫދުކުރެވިގެން އައިއިރު އެކަން ހިންގި މަޖިލީހުގެ ރައީސެވެ.
ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެތަކެއް ފަހަރު ކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުރި އެންމެ ބޮޑު ތަޖުރިބާކާރެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވަން މިހާތަނައް އިއުލާންކުރެއްވި ބޭފުޅުންގެ ތެރެއިން ދިވެހި "ނާޒުކު" އިގްތިސޯދަށް އެންމެ ފަރިތަ ބޭފުޅާއޭ ބުނެގެން ދޮގަކަށް ވާނެހެނެއް ހިއެއް ނުވެއެވެ.
ރައީސް ނަޝީދަކީ ކާކު
ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލު ކުރުމަށް އަދި ރައީސް މައުމޫނު ގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި އަދި ދުނިޔޭގަ މަދުން ނޫނީ ނުފެންނަވަރުގެ ސިޔާސީ އެކްޓިވިސްޓެކެވެ. އެމަނިކުފާނު ހިފި ކޮޅެއްގައި ވާ ގޮތެއް ވަންދެން ދެ ގޮތެއް ނުވެ ހުންނަވާ ބޭފުޅެއްކަން މިހާތަނަށް އެމަނިކުފާނު ކުރެއްވި އަޒުމް ވަރުގަދަ ހަރަކާތްތަކުން ސާބިތުކޮށްދެ އެވެ. އެމަނިކުފާނު މިއަދު އެހުންނެވީ ރައިސް ސޯލިހުގެ ވެރިކަން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ނިމުމަކަށް ގެނައުމަށް ފޫގަޅައިގެންނެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ހަތަރު އަނގޮޅިއެއްގެ ކަންމަތީއެވެ. އެމްޑީޕީގެ ޕްރައިމަރީ އިން ފެއިލްވުމާއި އެކު މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ވަނީ މުޅިހެން ބަންދުވެފަ އެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ރައީސް ސޯލިހާއި ސަތޭކަ ފޫޓަށް ވުރެންވެސް ދުރަށް ޖެހިވަޑައިގެންނެވެ. ރައީސް ނަޝީދުގެ ތަޖުރިބާކާރު "ސިޔާސީ ދުރުމިން" ބެއްލެވީމަ، ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެއްވެސް ފޯމިއުލާއެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ހުންނެވީ ރައީސް ސޯލިހާއި ދިމާ އިދިކީލިއަށެވެ.
ގާސިމާއި ނަޝީދުގެ އިންތިހާބީ ކާމިޔާބީތައް
ކުރިންވެސް ދެންނެވި ފަދައިން މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް 2008 ގައި ތައާރަފްވީފަހުން މިހާތަނަށް ރާއްޖޭގައި ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބެއްގައި ގާސިމް އިބްރާހީމް ވަނީ ވާދަ ކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ މަދަދާއި ލައިގެން މެނުވީ މިއިން އެއްވެސް ރިޔާސީ އިންތިހާބެއް އެއްވެސް ބޭފުޅަކަށް ކާމިޔާބުވެފައެއް ނުވެއެވެ. އެކަމަށް އިޝާރާތްކޮށް 2013 ގައި ރައީސް މައުމޫނު ސަމާސާ ރާގެއްގައި ގާސިމަކީ "ކިންގެ މޭކާރ" ކަމަށް ވިދާޅުވެފައިވެ އެވެ.
2008 ގެ ރިޔާސީ އިންތިހާބުގައި ނިކުމެވަޑައިގެން ގާސިމް 27،056 ވޯޓް ނުވަތަ އިންތިހާބުގެ ޖުމްލަ ވޯޓްގެ %15.32 ވޯޓް ހޯއްދަވާފައިވެ އެވެ. އަދި ހަމަ އެބުރުގައި ރައީސް ނަޝީދު، ރައީސް މައުމޫނު ގެ ފަހަތްޕުޅުން ދެވަނަ ހޯއްދެވީ 44،293 ވޯޓް ނުވަތަ %25.09 ވޯޓް ހޯއްދަވައިގެން ނެވެ. އެފަހަރު ފުރަތަމަ ބުރުގައި 2 ވަނަ ހޯއްދެވި ނަޝީދަށް، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ގާސިމް ތާއީދު ކުރެއްވި އެވެ. އަދި ރައިސް ނަޝީދު އެފަހަރު ވެރިކަމަށް ވަޑައިގަތެވެ.
2013 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް 50،422 ވޯޓް ނުވަތަ މުޅި ޖުމްލަ ވޯޓުގެ %24.07 ހޯއްދެވި އިރު ހަމަ އެބުރުގައި ރައީސް ނަޝީދު ހޯއްދެވީ 95،224 ވޯޓު ނުވަތަ މުޅި ޖުމްލަ ވޯޓު ގެ %45.45 ވޯޓެވެ. އެބުރުގައި ދެވަނަ ހޯއްދެވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓް ނުވަތަ މުޅި ޖުމްލަ ވޯޓްގެ 25.35% ވޯޓެވެ.
2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ސައްހަ ނުވާކަމުގެ މައްސަލަ ހުށަހެޅި ތުހުގީގުކުރެވި ޝަރީއަތް ހިންގި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުން ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކޮށް އަލުން ފުރަތަމަ ބުރުގެ ވޯޓްލުން ވަނީ ބާއްވާފަ އެވެ.
މި ބުރުގައި ގާސިމް އަށް 41،831 ވޯޓު ނުވަތަ މުޅި ޖުމްލަ ވޯޓު ގެ %23.34 ވޯޓް ހޯއްދެވި އިރު ނަޝީދަށް ލިބިވަޑައިގަތީ 96،764 ވޯޓު ނުވަތަ މުޅި ޖުމްލަ ވޯޓުގެ %46.93 އެވެ. އެފަހަރު ފުރަތަމަ ބުރުގައި 2 ވަނަ ހޯއްދެވި ޔާމީނަށް ދެވަނަ ބުރުގައި ގާސިމް ތާއީދު ކުރެއްވި އެވެ. އަދި އެފަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތެވެ.
ގާސިމް އަދި ނަޝީދު އެކުގައި “ސިއްސުވާލާނެ”
ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ބޮޑު ގާސިމާއި އަދި ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއްބޭފުޅަކު ކަމުގައިވާ ނަޝީދު އެކުގައި ރިޔާސީ އިންތިހާބަށް ނިކުތުން އެއީ ރައިސް ސޯލިހަށް ސިއްހުން ގެނުވާނެ ކަމެކެވެ. ގާސިމާއި ނަޝީދު އެކުގައި ނިކުމެ އެއްބުރުން މި އިންތިހާބު ކާމިޔާބު ނުވި ނަމަވެސް ދެވަނަ ބުރަކަށް، އެއްވަނަ ނުވަތަ ދެވަނައިގައި "ގާސިމާއި ނަޝީދުގެ ޖޯޑު" އައުމަކީ ރައީސް ސޯލިހަށް ސިހުން ގެނުވާނެކަމެއްކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.
ގާސިމާއި ނަޝީދު އެކުގައި ނިކުމެ ބައިލައްކައެއްހާ ވޯޓު ހޯދުން އެއީ ދާދި ފަސޭހަ ކަމެއްކަމަށް ބެލެވޭއިރު، ރައީސް ސޯލިހު އެ އަދަދަށް ނުވަތަ އެއާ ގާތްކުރާ ވަރަށް ވޯޓު ނުލިބުން ވެގެންދާނީ ވަރަށް ލަދުވެތި ސިނާރިއޯ އަކަށެވެ.
އެމްޑީޕީ ގެ ޕްރައިމަރީ ނިމުމާއެކު ރައިސް ނަޝީދު ވިދާޅުވެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިހާބު ވެގެން ދާނީ ގާސިމަށް ރަނުގެ ފުރުސަތަކަށް ކަމަށެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ ރައްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް ގެ ކެންޑިޑޭޓް ރައިސް ޔާމީން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ވަޑައިގަތުމާއެކު އެޕާޓީގެ ހަގީގީ ކެންޑިޑޭޓެއް ނެތުމާއި ރައީސް ސޯލިހު މި އިންތިހާބުގައި ބަލިކޮށްލެވޭނެ އެއްމެނަށް އެއްބަސްވެވޭ ގުޅިފައިވާ ކެންޑިޑޭޓަކަށް ގާސިމް ވުމުގެ ފުރުސަތު ބޮޑުކޮށް އޮތުމުންނެވެ.
ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމަށް ދެއްވި އުންމީދަށް ފަހު ނަޝީދު ގެ ވަފްދެއް ގާސިމް އާއި ބައްދަލުކޮށް އެމަނިކުފާނާއި އެކު ސިޔާސީ މަޝްވަރާތަކެއް ވަނީ ހިންގާވާފައެވެ.
ހަމަ އެހެންމެ މިދިޔަ ހަފްތާގައި ބޭއްވުނު ޖޭޕީ ގެ ކޮންގްރެސް ފެށުމުގެ އަދި ނިންމުމުގެ ޖަލްސާގައި ނަޝީދު ބައިވެރިވެ ވަޑައިގަތުމުން ގާސިމް ގެ "ހިތްހަލާސް" އޮތްކަން ފާޅުވެއެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ގާސިމް ދެއްކެވި ވާހަކަފުޅުގައި މަޒީގައި 2 ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތުން ލިބިވަޑައިގެންނެވި ކާމިޔާބީ ތަކަށް އަލި އަޅުވާ ލެއްވުމުން ތަމްސީލް ވެގެން ދަނީ ދެންވެސް އެކުގައި މަސައްކަތް ކުރެވިއްޖެނަމަ ދެފަރާތުގެ "މަސްލަހަތު" ހިމާޔަތްކުރެއްވި ދާނެ ކަމެވެ. އަދި ކޮންގްރެސް ގައި އާންމުކޮށް ދިވެހިރައްޔިތުންނަށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި އެވާހަކަތަކަށް އަލި އަޅުވާލުމުން އެއީ ސިދާ ގޮތުން ރައީސް ނަޝީދައް އެކުގައި މަސައްކަތް ކުރައްވަން ދެއްވި ދައުވަތެއްކަމުގައި ބެލުމުގެ ފުރުސަތު ބޮޑެވެ.
ގާސިމް އަދި ނަޝީދު އެކުގައި ނުވަތަ ނަޝީދު ގެ ތާއީދާ އެކު ގާސިމް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނިކުތުން ވެގެންދާނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވާ "މަރުގެ" އެތިފަހަރަކަ ށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ރައީސް ނަޝީދު ގުޅިގެން ރިޔާސީ އިންތިހާބަކަށް ނުކުތުން ވެގެން ދާނީ ރައީސް ސޯލިހަށް އެކަނި އޮތް ނުރައްކަލަކަށް ނޫނެވެ. އެކަމަކު އެއީ ޕީޕީއެމް އަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. ޔަގީނުންވެސް މި "ސިޔާސީ ޖޯޑު" ގެ ހުވަފެން ހަގީގަތަކަށް ވެއްޖެނަމަ މި ރިޔާސީ އިންތިހާބު ވެގެން ދާނީ ދިވެހި ޖުމްހޫރިއްޔާ ގެ ތާރީހްގައި ލިޔެވިގެން ދާނެ މުޅިން އާ ބާބަކަށެވެ.