ކުރީގެ ރައީސް އަބްދުﷲ ޔާމީން ޣައްދާރުންނާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ ރައްދު ދެއްވީ ކުރީގެ ރައީސް ޔާމީނާއެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި ރައީސް ޔާމީން "އޯކޭ" ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމުންނެވެ.
ގައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށާއި އެކަން ދުވަހަކުވެސް ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޔާމީންއަކަށް ގައުމުގެ ޣައްދާރުން އޯކޭއެއްނުން. ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ސޯލިހް،" ރައީސް ސޯލިހް ޓެގް ކުރައްވާ އަދުރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން "އޯކޭ" ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވާ އެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި އިދިކޮޅު ޕީޕީއެމްއާ އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ އިދިކޮޅުން އިންޑިއާއާ މެދު ދެކޭ ގޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީނުގެ ސިޔާސަތުތަކާއި ވިސްނުންފުޅު ކަމުދާ ކަމަށާއި އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.