ޑީއެންއޭ

އުމަރު - ދުންޔާގެ ޑީއެންއޭއަކީ ތެލާއި ފެން!

Mar 6, 2021
92

ކުރީީގެ ވަޒީރުން ކަމަށްވާ އުމަރު ނަސީރާއި ދުންޔާ މައުމޫން އެކުވާ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟ ބަައެއް ބޭފުޅުންގެ ނަޒަރުގައި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އަކީ ސިޔާސީ "ތިންވަނަ ފިކުރެއް" ގެ ނަމްބޯޑު އަޅުވައިގެން 2023 ގެ ރިޔާސީ އިންތިހާބުން ޖާގައެއް ހޯދަން އުމަރު ނަސީރު ކުރައްވާ މަސައްކަތާއި ސިޔާސީ ގޮތުން ދުންޔާ މައުމޫނުގެ އޮތް އުންމީދީ ހުވަފެންތަކުގައި ކުލައެއް ޖެއްސޭތޯ ކުރާ މަސައްކަތްތެއް އެކަތި އަނެކައްޗާ ގުވައިލުމުގެ ފޯމިއުލާ އެކެވެ. އެކަމަކު އެ ފޯމިއުލާއަކީ ރާއްޖޭގައި ހިނގާނެ ސިޔާސީ ފޯމިއުލާތޯ އެއީ ބަލަން ޖެހޭ ކަމެކެވެ.

ކުރީން ނޫސްވެރިކަން ކުރައްވާ މިހާރު އެ މަސައްކަތާ ފެއަށް ޖެހިވަޑައިގެން ހުންނެވި ސީނިއާ ނޫސްވެރިޔަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަގުތުން މަރުގެ ހުކުމް ތަފީޒު ކުރުން ނޫން އެހެން ގޮތެއް ގަބޫލު ނުކުރައްވާ އަދި އެކަމަށް ފެންބޮވައިގެންފައި ހުންނެވި ބޭފުޅަކާއި އެފަދަ ވިސްނުންތަކާ ދުރު "މޮޑަރޭޓް ބޭފުޅަކަށް ވެވަޑައިގެން އިންނެވި" އަންހެން ބޭފުޅަކު އެކުވެގެން ރާއްޖޭގެ މިހާރު އޮތް ސިޔާސީ ދެ ފިކުރަށް ގޮން ޖައްސަވައި ތިން ވަނަ ފިކުރެއް ގެންނަ ވާހަކަ ދެއްކުމަކީ ވަރަށް އެހެން ކަހަލަ ސިޔާސީ މެސެޖެކެވެ.

"ފުރަތަމަ އާންމު މީހާއަށް އެ އޮތީ އެ ދެ ބޭފުޅުންގެ ވިސްނުން މާ ރަނގަޅަށް ފެންނަން،" އޭނާ ވިދާޅުވި އެވެ. "ޑީއެންއޭގެ އުފެދުނު ވަގުތާ ހަމައިން މިއީ ނޫސްވެރިން އިތުރަށް ބަލައިލަން ޖެހޭނެ ވެސް ކަމެއް،"

ޖުލައި 5، 2016 ގައި މިހާރުގެ އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުން ދުންޔާ އިސްތިއުފާ ދެއްވި އެވެ. އެ ދުވަހު ބަޔާނެއް މެދުވެރިކޮށް އޭނާ ވިދާޅުވި ގޮތުގައި މަގާމު ދޫކޮށްލެއްވީ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު ސަރުކާރާ ހިޔާލު ތަފާތު ވެގެނެވެ. މަރަށް މަރު ހިފުން ސިޔާސަތެއްގެ ގޮތު ބާއްވައިގެން ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރަން ދަތިފުޅު ވެގެނެވެ. އޭނާ އެހެން ވިދާޅުވި އިރު އެ ސަރުކާރުގައި އެކަން ކުރަން "ކައިވަތެއްހާ ކައިރިއަށް" ވަޑައިގެންނެވި އުމަރު ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އެވެ. އޭގެ ފަހުން ޖޫން 21، 2016 ގައި އުމަރު، މަގާމުން އިސްތިއުފާ ދެއްވި އިރު މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަން ކުރަންޖެހޭ އިދާރީ އަދި ތަންފީޒީ ހުރިހާ ކަމެއް ވަނީ ކުރައްވާ އެވެ.

"ގައުމެއްގެ ކަންކަންކަން އިސްލާހު ކުރަން އަދި ސިޔާސީ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށް ބުނެ އުމަރާއި ދުންޔާ ޕޯޑިއަމެއްގައި ދައްކަވާ ވާހަކަ ވަށައިޖެހޭނެ ގޮތެއް އަދި އެފަދަ ވާހަކަތަކެއް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔެއްގެ މެދުގައި މަގުބޫލުވާނެ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

އުމަރު ވިދާޅުވާ ގޮތުން ނަމަ ޑީއެންއޭއަކީ ރައްޔިތުން ބާރުވެރި ކުރުވާން އުފެއްދި އިސްލާހީ ހަރަކާތެކެވެ. އަދި އެއީ އެކަމަށް އެކުލަވައިލާ ޑްރީމް ޓީމެކެވެ.

ދުންޔާ އާއި އުމަރުގެ ފަހަތަށް އެ ޓީމްގައި އެތުރޭ ކަމަށް ދެން އަޑު ފަތުރާފައި އޮންނަނީ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ވިޔަފާރިވެެރިޔާ ކެޕްޓަން އަލީ އިހްސާނާއި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާޒް އަހުމަދު ސަލީމާއި އީސީގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ކަރެކްޝަންގެ ކުރީގެ ވެރިޔާ، އަބްދުﷲ މުނާޒެވެ. މީގެ ތެރެއިން ފެނުނީ މާޒް ސަލީމާ މުނާޒެވެ. އެހެން ބޭފުޅަކު އަދި ފާޅެއް ނުވެއެވެ. ބުނެވޭ ގޮތުގައި މި ޕްލެޓްފޯމުން ރަނގަޅު ކަހަލަ އެހެން ބޭފުޅަކު ފާޅެއް ނުވެސް ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވި ގޮތުގައި އުމަރާއި ދުންޔާ އެކުވެ އެކުލަވައިލާ ޓީމަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ރިފޯމް ކުރަން އަލަކުން ކުރާނެ އެއްވެސް މަސައްކަތެއް އަދި ނެރެވޭނެ އެއްވެސް ނަތީޖާއެއް ވެސް ނެތެވެ.

ޖާބިރު ވިދާޅުވި ގޮތުގައި "ޑީއެންއޭ" ހަރަކާތަކީ ރައްޔިތުންގެ ތެރެއިން ބައެއްގެ ލޯ މައްޗަށް ދައްކާ ހަގީގަތެއް ނެތް، އަދި ބުރަދަނެއް ވެސް ނެތް އޮޅުވާލުމެކެވެ. ޑީއެންއޭގައި އިސްވެ ހުންނެވި އުމަރަކީ "ހަރުކަށި މުރަނަ" ބޭފުޅެކެވެ. އޭނާގެ ފަހަތު ދެން ޕޯޑިއަމަށް އަރައި ވަޑައިގަންނަވާ ދުންޔާއަކީ "ވެސްޓާން" ހިޔާލެކެވެ. ވެރިކަމެއްގެ ހުވަފެނުގައި އޮޅުވާލުމުގެ ގޮތުން ނަމަވެސް ތެލާއި ފެނާއި އެއް ކުރަވާން އުޅުއްވުމަކީ ވާނެ ކަމެއް ނޫނެވެ.

"ހަލުވައިލުމުން ލޮލަށް ފެންނާނީ އެކުވާ މަންޒަރު، ހަލުވާލާފައި ދޫކޮށްލުމުން ތެލާއި ފެން ވަކިވާނެ،" ޖާބިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި "ތިންވަނަ ފިކުރަކީ އޭނާގެ ހިޔާލާތައި ޑީއާރްޕީ،" އެވެ.

ހަލުވައިލުމުން ލޮލަށް ފެންނާނީ އެކުވާ މަންޒަރު، ހަލުވާލާފައި ދޫކޮށްލުމުން ތެލާއި ފެން ވަކިވާނެ،
އަބްދުﷲ ޖާބިރު | ކާށީދޫ ދާއިރާގެ މެންބަރު

އުމަރު / ދުންޔާގެ ފަހަތަށް އަދިވެސް ރާއްޖޭގެ ސިޔާސީ ދާއިރާއިން ފެނުނު ބައެއް ނަންތައް ހިމެނޭ ގޮތަށް ސިޔާސީ އިސްލާހީ ހަރަކާތެއް، ޑީއެންއޭގެ ނަމުގައި ގެނައީ މިދިއަ ބުދަ ދުވަހުގެ ރޭގަ އެވެ. އެ ހަރަކާތް މިހާރު އެވަނީ ފަށައިގެންފަ އެވެ.

އިސްލާހެއް ކުރިޔަސް ސިޔާސީ ހަރަކާތެއް ހިންގިއަސް މިވަގުތު ރާއްޖޭގެ "ސިޔާސީ ތޮބީއަތް" ފެތެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރުގެ ތައްގަނޑުގެ ތެރެއަށެވެ. އެ ތޮބީއަތް ހެޔޮވަރަށް ފަރި ވަނީ ވެސް ރީނދުލާއި ފިޔާތޮއްޓަށެވެ.

މި ދެ ބައިން ކުރެ ބަޔަކު ރޭހުގައި ކާމިޔާބު ހޯދައިގެން ކޮންމެ ގޮތަކަށް ވެރިކަން ކުރިޔަސް އެ ތޮބީއަތް އެ ނޫން ގޮތަކަށް އަދި ހަރަކާތް ނުކުރާކަން މިދިއަ 12 އަހަރުގެ ތަޖުރިބާއިން ދިމާއަށް ފެންނާން އެބައޮތެވެ. އެހެން އޮއްވާ މީގެ ތެރޭގައި ހޭކި ހުރިހާ ހަޑިއެއް އުނގުޅިގެން ނުކުމެ އުމަރު- ދުންޔާ، އެފަދަ އެހެން ބޭފުޅުން ކޮޅެއް ހޯއްދަވައިގެން "ސިޔާސީ މަގަތު ސަފަ" ށް ނުކުމެެވޭތޯ މަސައްކަތެއް ފެއްޓެވި ނަމަވެސް އެކަން ވާނީ ކަނޑުގައި އަޅާ ރޮނގަކަށެވެ. ހަމަ އަޅާ އިރަށް ފޮހެވޭނެ އެވެ. ސަފު ހަދާއިރަށް ރޫޅޭނެ އެވެ.

ސިޔާސީ ގިނަ ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވާ ގޮތުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ވަރުގަދަ ލީޑަރު މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ އާއި އަދި މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ރައީސް ޔާމީނުގެ ޕީޕީއެމް / ޕީއެންސީގެ ވަށައި ހަރަކާތް ކުރާ ކުދި ކޭމްޕްތަކެއް ހިމެނޭ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެހެން ސިފައެއް ޖެހޭން އަދި ކައިރި ވެސް ނުވެއެވެ. އެހެން ކުލައެއް ޖެއްސޭނެ ސިޔާސީ ވިސްނުމެއް ހަކަތައެއް ވެސް ދިވެހި ސިޔާސީ ފަސްގަނޑަކު އަދި ނެތެވެ.

ތިންވަނަ ފިކުރެއް އުފައްދަން ސިޔާސީ ޕާޓީއެއް ހެދިޔަސް އަދި ސިޔާސީ އާ ފިކުރެއް އުފަން ކުރުވާނެ ހަރަކާތަކަށް ބަލައިގެން ވާތު ފިޔައިގެ ސިޔާސީ ހަރާތެއް ގެނައި ނަމަވެސް އަދި އިސްލާހީ ސިޔާސީ އާ ޕްލެޓްފޯމެއް ކްރިއޭޓް ކުރި ނަމަވެސް އެމްޑީޕީ އާއި ޕީޕީއެމް ފަހަށްލައި ބާރުވެރި ކަމެއް ހޯދޭވަރުގެ އެސްޓަބަބްލިޝްމެންޓެއް ސިޔާސީ ގޮތުން ގާއިމު ކުރެވިދާނެ ކަމަކަށް އަދިއަކު ނުފެނެ އެވެ.

ޑީއެންއޭގެ ތެރޭގައި ހަރަކާތެރިވާ އެކަމަކު އަދި ބޭރަށް ނުކުމެ ވަޑައި ނުގެން ހުނެވި ވަރަށް އިލްމީ ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ބޭފުޅުން އުމަރު-ދުންޔާ ހިމެނޭ ގޮތަށް ފޯމްކުރާ ހަރަކާތަކީ ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ރައްޔިތުން ބާރުވެރި ކުރުވުމުގެ މަސައްކަތެކެވެ. އެއީ މިހާރު ޕްރޮމޯޓްކުރާ ސިޔާސީ ފިކުރުތަކަށް ވުރެ އާއްމުންނަށް ރަނގަޅު މަގު ދެއްކުމާއެކު ރަނގަޅު ޖީލެއް ބިނާކުރަން މަސައްކަތް ކުރާނެ ފިކުރެކެވެ. އޭނާ އެހެން ވިދާޅުވާއިރު އެއީ އަލަށް ވުޖޫދުވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ހިމެނޭ މަގުސަދުތައް ލިޔެފައި އޮންނަ ޖުމްލަކަން ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެވެ.

އެ ހުރިހާ ވާހަކައެއް އެގޮތަށް ދައްކަވާފައި ދެން ފަހަތަށް ގެންނަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަދި ޕޯޑިއަމް ދެއްކީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ މައިގަނޑު ވާހަކައަކީ މިއީ އެވެ: މި ހަރަކާތުގެ ތެރެއިން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަކީ ވެސް ގާތް ކަމެކެވެ. އެކަމަކު އަދި މިއޮތީ ސިޔާސީ ޕާޓީއެއް ނޫނެވެ. ބޭނުމަކީ އުމަރު ވެރިކަމަށް ގެނައުމެއް ވެސް ނޫނެވެ. އެހެނެއް ކަމަކު މިއީ އިސްލާހީ ހަރަކާތެކެވެ.

އުމަރު ވިދާޅުވާ ގޮތުގައި ޑީއެންއޭއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް ކޮއްޕާލާ ބަދަލުގެ އެނބުރޭ ފޮރޮޅެވެ. އެއީ ސިޔާސީ ވަކި ލީޑަރެއްގެ ފަހަތުގައި ވަށައިގެން އެނބުރޭ ފިކުރުތަކަކުން ގައުމަށް ހެޔޮ ބަދަލެއް އަންނަ މަންޒަރު ނުފެންނާތީ އެންމެންނަށް މިނިވަންކަމާ އެކު ބަސްބުނެވޭ، ބައިވެރިވެވޭ އިސްލާހީ ބަދަލަކާއެކު އަނެއް އަތަށް އެނބުރޭނެ ފުރޮޅެކެވެ.

މިދިއަ ބުދަ ދުވަހުގެ ރޭ ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތެވެ.

އުމަރަކީ ޑީއެންއޭގެ "ލީޑަރު" ކަމަށް ކިޔަމާ ހިނގާށެވެ. އޭނާ ވެސް މި ވަގުތު ދައްކަވަނީ އެ ފާޑުގެ ވާހަކަތަކެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކި ކުލައިގެ ޕާޓީތަކުން ވެރިކަމަށް އެކި ބޭފުޅުން ވަޑައިގެން ރާއްޖެ ހިންގައިފި އެވެ. ބަދަލެއް ނުގެނެވުނެވެ. ރާއްޖޭގައި ސިޔާސީ މަސައްކަތަކީ ހެޔޮލަފާ މީހުން ކައިރިވާން ފަސް ޖެހޭ ކަމެކެވެ. ރާއްޖޭގައި ސިޔާސީ މަސައްކަތްތައް ހާއްސަ ވެފައި ވަނީ ވައްކަން ކުރާ މީހުނަށެވެ. ޕާޓީތައް ހިމެނޭ ނިޒާމަށް 16 އަހަރުވީ އިރު އެންމެން ވެސް ސިޔާސީ ޕާޓީތައް ދެކެ ފޫހިވެފަ އެވެ. "ޓެސްޓު ކުރެވިފައިވާ" ލީޑަރުންނާ މެދު އަލުން ކުރާނެ އުއްމީދެއް ނެތެވެ. އެ މީހުން ގެނެސްދޭނެ އާ ވައުދެއް، ކިޔައިދޭނެ އާ ވާހަކައެއް ވެސް ނެތެވެ.

ސިޔާސީ މައިދާނުގެ ކޮންމެ ކަމަކީ ހިސާބު ނަމްބަރެކެވެ؛ އެ ނަމްބަރު ނުހަދައި ސިޔާސީ ފުރުސަތަކަށް ބަލައިގެން ކިތަންމެ ވަރަކަށް ޕޯސްޓަރު ހެދިޔަސް ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ސިސްޓަމުގެ ތެރޭގައި ކާމިޔާބެއް ހޯދަން ދަތިވާނެ އެވެ. އަނެއް ހަގީގަތަކީ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނީ ޕާޓީ ތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނެވެ. ސިޔާސީ ޕާޓީގެ ތަކުގެ ހަރަކާތް ފިޔަވައި ސަރުކާރު ޖަވާބުދާރީ ކުރުވަން ނަން ނަމުގައި މަގުމައްޗަށް ނުކުމެގެން ކުރާ ކަމަކުން ނަގާ ފޮޓޯއަކުން ސިޔާސީ އަދަދެއް ނުނެރެވެ އެވެ. އެހެންވީމާ އުމަރު-ދުންޔާގެ ޑީއެންއޭ ފޯމިއުލާއަކީ އަދި ބަލައިގަންނަވަރުގެ ނަމްބަރަކަށް ނުވެއެވެ. އެކަކީ މަރަށް މަރުހިފާނެ ކަމަށް ވިދާޅުވާ ވިދާޅުވުމެއް ބަދަލު ނުކުރައްވާ އެގޮތުގައި ހުންނެވި ބޭފުޅެކެވެ. އަނެއް ބޭފުޅަކީ ސިޔާސީ ގޮތުން ހެނދުނު ގޮޮތަކަށް ހަވީރު ވަކި ގޮތަކަށް ހުންނަވާ ބޭފުޅެކެވެ. ތެލާއި ފެނުގެ ޑީއެންއޭއެއް ހިނގާނެ، އެކުލަވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟