ރިޕޯޓް

އެމްޑީޕީއަށް ގެއްލުނު ތާއީދު "ކޮންކުރީޓުން" ބައްދާލެވޭނެ؟

ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ހިމަނައި އެމްޑީޕީން އެންމެ ފަހުން އުތުރުގެ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ރާގުގައި މިހެން ވިދާޅުވެ އެވެ: މުޒާހަރާ އާއި ކެމްޕެއިން ކުރުން އަދި ޖަލްސާ ރޭވުމާއި ޕްރައިމަރީ ބޭއްވުމަކީ ޕީޕީއެމް ދަންނަ ކަންކަމެއް ނޫނެވެ. އެއީ މުޅިން ވެސް އެމްޑީޕީން ރާއްޖެއަށް ގެނެސް އެ ޕާޓީގެ ފިކުރުގެ ތެރެއިން ޕްރެކްޓިސް ކުރާ ކަންކަމެވެ. ޕީޕީއެމުން ކުރާނެހާވެސް ކަމަކީ އެމްޑީޕީއަށް ބަލައިގެން އެ ޕާޓީ އުޅޭ ގޮތަށް އުޅެވޭތޯ ބަލަނީ އެވެ.

އެއީއަކީ މުޅިއަކުން ދޮގު ވާހަކައެކޭ ވެސް ނުބުނެވޭނެ އެވެ. ރައީސް ނަޝީދު ވިދާޅުވި ފަދައިން ޕީޕީއެމަށް ޖަލްސާއަކަށް މީހުން އެއް ކުރެވެނީ ވަރަށް ހާލުންނެވެ. މޮޅަށް ގޮނޑި ޖެހުމާއި، ކެމްޕޭން ބެޓިކް ފޮތި ދެމުމާއި ޕޯސްޓަރު ހެދުމާއި ހަރު ކުރުމަށާއި މެނިފެސްޓޯ ލިޔާށާއި ވޯކްޝޮޕް ހިންގާށާއި ސިޔާސީ ހަރަކާތްތަކަށް ފޯރީގައި ރަނގަޅަށް ރާވާ ހިންގާލާކަށް ޕީޕީއެމް އެހާ ފަރިތައެއް އަދި ޒަމާނީއެއް ވެސް ނޫނެވެ. އެކަމަކު އެއީ މުޅިއަކުން ރަނގަޅު ވާހަކައެކޭވެސް ނުބުނެވޭ ނެތީ އެއީ އެއީ މެދުމިނުގެ ސިޔާސީ ހަރާކާތެއް ކަމަށް ބަލަމާ ހިނގާށެވެ.

އެހެން އޮތް ނަމަވެސް އެ އުނިކަން ފޫބައްދަން ޕީޕީއެމުން ކުރާ މޮޅު އެހެން ކަމެއް އޮވެ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ސަރުކަރުގެ ސިގްނޭޗާ ކަމެކެކޭ ވެސް ބުނެވިދާނެ އެވެ. އެއީ ޖަލްސާތަކަށް ދާ މީހުންގެ ބޯ ގުނުމުގެ ބަދަލުގައި ރައީސް ޔާމީންގެ ސަރުކަރުން ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ އާއި އޭގެ ފޮޓޯތައް ނެރެ ދެއްކުމެވެ. އަދި ރައީސް ޔާމީންގެ ސްޕީޑާއި އެ މަނިކުފާނުގެ ވަތަނުގެ ފިކުރު ވިއްކެވުމެވެ. އަދި ރައީސް ޔާމީންގެ މަޝްރޫއުތަކުގެ އަދަދާއި ޕްރޮޖެކްޓުތަކަށް ހޭދަ ކުރި މިންވަރު ކިޔައި ދިނުމެވެ.

ކެމްޕޭން އުކުޅުގައި އެމްޑީޕީން، މީހުން ޖަމާ ކޮށްލައި މަންޒަރު ބަދަލު ކޮށްލަން މޮޅު ގޮތަށް ޕީޕީއެމް މޮޅީ ތަރައްގީގެ ވާހަކަ ދައްކައިގެން އާ މަންޒަރެއް ކުރަހައިދޭށެވެ. ރާއްޖޭގެ ސިޔާސީ ކޭމްޕްތައް ހުރި ގޮތުން ޕީޕީއެމަށާއި އެމްޑީޕީއަށް ބެހިފައިވާ މި ދެ ބާވަތް ވެސް ސިޔާސީ ގޮތުން އެކަތި އަނެކައްޗާ ވާދަ ޖަހާތީ ވަރަށް ރީތިކޮށް އަމިއްލައަށް ގޮސް ވަރުން އަޅުވާލެވޭ ވަރަށް ތިލަވެފައި އޮވެއެވެ. އެހެން ކޭމްޕްތަކަކީ މި ދެ ބަވާތުގެ ވަށައިގެން އެނބުރޭ ކުދިކުދި އެލެމެންޓްތަކެކެވެ. އޭގެ ތެރެއިން ގާސިމް އިބްރާހިމް ޖުމްހޫރީ ކޭމްޕަކީ ސިޔާސީ މައިދާނުގައި ވޮޑޭ މޫސުމެއް އައިސްފައިމެ އެހާ އަވަހަށް ގިރާލާ މޫސުން އަންނަ ހަރުދަނާ ކަމެއް ނެތް ކޭމްޕަކަށް ވެފައި އޮވެއެވެ. އަނެއް ކޭމްޕްތަކީ އެވަރުވެސް ނުވާ ކުދި ބައިގަނޑުގަނޑެވެ،

އެ ވާހަކަ ބާއްވާފައި މިދިއަ ދެތިން ދުވަހަށް ދަމާ ހެއްޔެވެ؟ ޖަލު ހުކުމަކާއެކު ރައީސް ޔާމީން ޖަލަށް ގެއްދެވުމާ ހަމައިން ސީދާ ސިޔާސީ ހަރަކާތް މަގުމަތީގައި ފަށާފައިމެ ކުއްލި ހިމޭން ކަމެއް އިހުތިޔާރު ކޮށްގެން އޮތް ޕީޕީޕީ އެމުން ބާއްވާލި ކައުންސިލް ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާއަކުން މި ދެތިން ދުވަސް ތެރޭ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މުޅި މަންޒަރު އެ ފުށް މިފުށަށް ޖަހައި ފުރޮޅާލައިފި އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗް ކުރުމުގައި އިސްވީ އެމްޑީޕީ އެވެ. އެ ޕާޓީގެ ސްޓައިލްގައި އަދި ރައީސް ނަޝީދު ޖޯޝްގައި ރެއެއްގެ ފަތިހު ނުކުމެއް "ރަށްވެހި ފަތިސް" ގެނެސްދިނެވެ. އަދި މުޅި ރާއްޖެ ހިމެނޭ ގޮތަށް ކެމްޕޭން ލޯންޗް ކުރި އެވެ. ބޮޑު ޖަލްސާ ބޭއްވީ ސިޔާސީ މައިދާނުގެ ހިތް ކަމުގައި ބެލެވިފައިވާ ކާނިވަލުގަ އެވެ. އެހެން ނަމަވެސް ރަށްވެހި ފަތިހުގެ ފޯރިއެއް ނުހިފި އެވެ. އަދި އަމުދުން ބޭއްވި ޖަލްސާވީ ދެތިން ބަރިއެެއް ފިޔަވައި ގޮނޑިތައް ނުފުރި ހާވިޔާވެފައިވާ ޖަލްސާއަކަށްވުމުގެ އިތުރުން އެ ޖަލްސާގައި ރައީސް ނަޝީދުގެ ބަސްމަގު ގެންގުޅުއްވި ގޮތްވެގެން ދިޔައީ މުޅި ޖަލްސާ ބޮޑު ފޭލިން ފޭލިވާން މެދުވެރިވި ސަބަބަކަށެވެ. އެކަންވީ ހުރިހާ ދިމާއަކުން އެމްޑީޕީއަށް ވަރަށް ބޮޑެތި ފާޑުކިއުމާ ކުރިމަތިވި ސަބަބަކަށެވެ.

އެމްޑީޕީގެ ޖަލްސާ އަށާއި ކެމްޕޭނަށް އޮތް ފާޑިކިޔުންތަކުގެ ތެރޭގައި ޕީޕީއެމްގެ ޖަލްސާ އިއުލާންވި އެވެ. ބޭއްވީ ވެސް މާ ބޮޑު ވާހަކައެއް، އަދި ރަށްގޮވުމެއް ޕޯސްޓަރު ތަތް ކުރުމެއް ވެސް ނެތި އެވެ. ޕީޕީއެމުގެ ހުރިހާ ވެސް އެއްޗަކަށްވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ބާރުގަދަ ވެރި ކަމުގައި އެމްޑީޕީގެ "ހާރަކަށްވެސް ތަރާވީހަކަށް ވެސް" ވެގެން އޮތް ރާއްޖެ ޓީވީފަދައިން ތަރުތީބެއް ނެތް ކުޑަކުޑަ ޓީވީ ޗެނަލްގެ އުސޫލީ ގޮތް ފޮތް ކެނޑިފައިވާ މުޒާހަރާ ޕްރޮގްރާމް "މަޑިސީލަ" އެވެ. އެނޫން އެހެން އެއްވެސް ވަސީލަތެއް ނެތެވެ.

އެހެން ނަމަވެސް ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާއިން މިފަހަރު ބޮޑު ތަނުން ކުރި ހޯދީ ޕީޕީއެމެވެ. އެ މީހުން މިފަހަރު އެމްޑީޕީ އާއި ރާއްޖޭގެ ހައިރާންކޮށްލައި މޮޅަށް ކެމްޕެއިންކޮށް އެ މީހުންގެ ގޮނޑިތައް ފުރާލީ އެކަންޏެއް ނޫނެވެ. މުސްކުޅި ގޮތްގަނޑު ދޫކޮށްލައި ޖަލްސާ ރާވާލާފައިވާ ގޮތާ ރައީސް ޔާމީން ފޮޓޯތައް އުފުލައިލި ގޮތާއި ޖަލްސާގައި ރަނިން އޯޑަރު ގެންގުޅެފައިވާ ގޮތް މާ ބޮޑަށް ވެސް ތަފާތުވެފައިވާ އިފެކްޓް ކުރީ އެވެ. އަދި ކުޑަކަ އިރުކޮޅެއްގެ ތެރޭގައި އެކަންވެގެން ދިޔައީ މީހުން ހައިރާން ކޮށްލި ސިޔާސީ ބޮޑޫ "ޒަލްޒަލާ" އަކަށެވެ.

ހަމަ އެރޭ ހަމަ ވަގުތު އެމްޑީޕީ ލީޑަޝިޕް ސިހިއްޖެ އެވެ. ހަމަ އެރޭ އެވަގުތު އެެމްޑީޕީގެ ގްރާސް ރޫޓުގެ ބަސް ހުއްޓިއްޖެ އެވެ. ސިޔާސ ގޮތުން ވަށައި ޖައްސަން ދެން ބުނެވުނުހާވެސް ވާހަކަކަށްވީ އެމްޑީޕީ ބޭއްވި ޖަލްސާއަކީ ލާމަރުކަޒީ އިންތިހާބެއްގެ ކެމްޕޭނަށް ބޭއްވި ލާމަރުކަޒުކޮށްފައިވާ ޖަލްސާއެކެވެ. ޕީޕީއެމުން ބޭއްވި ލާމަޒުކަޒީ ނިޒާމާ ހިލާފު ސިފައެއް ފެނުނު މަރުކަޒުކޮށްފައިވާ ޖަލްސާއެކޭ އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ ޖަލްސާ ވީ އެމްޑީޕީ މެޔަށް ހަރައިލި ތޫނު ހަންޖަރަކަށް ވެގެން ދިޔަކަން އެނގުނީ އެރޭ މެންދަމުން ފެށިގެން އެމްޑީޕީ ރައީސް ނަޝީދާއި ޕާޓީގެ މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި އެކްޓިވިސްޓުންނާއި އެކުވެ އެއްބަސްކިޔައި މީގެ ކުރިން ހަމަ އެފަރާތްތަކުން ޖޯކު ޖަހައޮ ފާޑު ކިޔަމުން ދިޔަ "ކޮންކްރީޓް ތަރައްގީ" ގެ ފޮޓޯތަކާއި ވީޑިއޯތައް ނެރެ ޓްވީޓް ކުރުުމުގެ ތޫފާނެއްގައި ޖައްސަން މަސައްކަތް ފެށުމުންނެވެ.

މުޅި އެމްޑީޕީ އާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ތަރައްގީގެ ފޮޓޯ ދައުރު ކުރަން ފެށި އެވެ. މަލްޓި ޕާޕަސް ހޯލްތަކާއި ކުލާސް ރޫމާއި ބަނދަރާއި ނަރުދަމާ އަދި ފުޓްސަލް ދަނޑު އަޅާ ފޮޓޯތަކާއި ކެރޭނައި ސޭލާތަކުގެ ފޮޓޯތައް ޓުވީޓު ކުރަން ފެށި އެވެ.

މިއީ ރައީސް ޔާމީންގެ ވަޒީރުންނާއި މެންބަރުން އެންމެ ގިނައިން ކޮށް އުޅުނު ކަންތަކެވެ. އަދި އެމްޑީޕީން އެންމެ ބޮޑަށް ހަޖޫ ޖަހައި ފާޑު ކިޔަމުން އައި ކަމަކީ ވެސް އެއީ އެވެ. އެކަމަކު ޕީޕީއެމްގެ އެ ޖަލްސާއާ ހަމައިން މިހާރު މިވީ ކިހިނެތް ހެއްޔެވެ؟ އެއީ އެމްޑީޕީއަށް އަސަރެއް ކުރީ ކަމަށް ވެއްޖިއްޔާ އެ އޮތީ އެ އަސަރު ރަނގަޅަށް ކޮށްފައެވެ. އެއީ އެމްޑީޕީއަށް ކުރިން ވިސްނިފައި އޮތީ ގޮސް ކަމަށް ކަމަށް ވިއްޔާ އެއޮތީ ރަނގަޅު ގޮތް ފެނިފައެވެ. އަދި މިއީ އިދިކޮޅު ޕީޕީއެމާއި ރައީސް ޔާމީންގެ ބޮކި އަދި ނިވިގެން ނުދާ ކަމަށް އެމްޑީޕީން ބަލައިގަތީ ކަމަށް ވަންޏާ ސިޔާސީ މައިދާން އަދި އާ ފެށުމަކުން މިދަނީ ހުޅުވޭށެވެ.

ކޮންކްރީޓުގެ ބޭނުން ޖެހުން

ތަރައްގީގެ އެކި މަޝްރޫއުތަކާ ގުޅޭ ތިރީހަކަށް ސާޅީަހަކަށް ފޮޓޯ ރައީސް ނަަޝީދު ރަސްމީ ޓްވިޓާ އެކައުންޓުން އެއް ދުވަހެއްގެ ތެރޭ ފުލުފުލުގައި އަދި އެއް ރަށުގެ ފޮޓޯތައް އެއީ އަނެއް ރަށުގެ ފޮޓޯތައް ކަމަށް ދައްކައި ޑުޕްލިކޭޓްކޮށްގެން ޓުވީޓު ކުރެއްވުމުން ރާއްޖޭގެ ސިޔާސީ މައިދާނުން އެ ފެނުނީ އާދައިގެ ކުޑަކުޑަ ކަމެއްގެ އަލާމާތެއް ނޫނެވެ.

މިއީ ޖަލްސާއަކާ ހެދި އައި އެންމެ ވާހަކައެއް އަދި ހިނގައި ދިޔަ އެންމެ ކަމެއް ކަމަށް ގަބޫލު ކޮށްލައިގެން ތިބުން ރަނގަޅެއް ނުވާނެ އެވެ.

އެމްޑީޕީގެ ޖަލްސާއާއެކު އެ ޕާޓީއަށް އޮތް ތާއީދު ކުޑަވި މައްސަލާގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ބޭއްވި ކުއްލި ބައްދަލުވުމުގައި ވިދާޅުވީ މީހުން މަދުވީ ސަރުކާރަށް އަދި އުއްމީދުތައް ފުރިހަމަނުކޮށް ނުދެވޭތީ އެވެ. އެހެންވެއްޖިއްޔާ މިހާރު ކުއްލިއަކަށް ކޮންކްރީޓް މަޝްރޫއުތަކެއް އަމިއްލަ އެކައުންޓުން މިހާރު ފުލުފުލުގައި ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޖަލްސާއަށް ފަހު ދެއްކެވި ވާހަކައިން ޖަހަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިކޮޅުގަ އެވެ. މިހާރު ކުރެއްވިު ކަންކަން ގޮސް ޖެހެނީ އަމިއްލަ ހަށިކޮޅުގަ އެވެ. ވީމާ އަންނާން އޮތް ހުޅަނގު މޫސުމަކީ "ސިޔާސީ ހުޅަނގު މުސުމެއް" ކަމަށް ވުމަކީ ވަރަށް ކައިރި ކަމެކެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެ ވަޑައިގަންނަވާ ގޮތުގައި މިއީ އެމްޑީޕީގެ މެޝީން ހިންގަތް ގޮތް ލީޑަޝިޕުން އިދިކޮޅު ފަރާތްތަކަށް ދިން ހިމޭން ރައްދެކެވެ. ޕީޕީއެމްގެ ޖަލްސާގައި ރާއްޖޭ ތަރައްގީ ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެ އެ ޕާޓީން ހަރު އަޑުން ގޮވާލައި ބިޔަ މަޝްރޫއުތަކާއި ސްޕީޑް ދައްކާލާއިރު އެ ވާހަކަތަކަށް ލަދުވެތި ކަމާއެކު އެމްޑީޕީއަށް އެއާ ވަރުން އަޅުވާން ބުނެވޭން ވެސް އަދި ދެއްކޭނެ އެއްޗެއް ވެސް އަދިއެއް ނެތެވެ. އެހެންވެ މިވަގުތަށް ހަމައެކަނި މިގޮތް ހިޔާރުކޮށްލައިގެން ނިންމާލީ ސިޔާސީ މައިދާނުގައި ކުރާ އޮތް ކަންތަކާ ދިމާއަށް ދާން މުޅީން އެހެން ކަމެއް ކުރުމަށް ފަހު އެވެ.

ރައީސް ނަޝީދު ވަކި ގޮތަކަށް ވިދާޅުވިއަސް ޕީޕީއެމްގެ ސިޔާސީ ހަރަކާތުގެ އުސޫލުތަކާއި ގޮތް ބާވަތަކީ އެމްޑީޕީން ނަކަލު ކޮށްގެން އުޅޭ ގޮތްތަކެކޭއެއް ނުބުނެވޭނެ އެވެ. އެހެންކަމުން އެމްޑީޕީ އެ ފެންވަރަށް "ވެއްޓުން" ނުވަތަ ރައްޔިތުންނަށް "ފެންނަ ތަރައްގީ" އަކީ ރަނގަޅު ގޮތް ކަން ގަބޫލު ކުރުވުމަކީ އެމްޑީޕީއަށް ލިބޭނެ ބޮޑު ނާކާމިޔާބީއަކަށް އަދި ލަދަކަށް ވެސް ވެގެން ދާނެ އެވެ.

"މިއީ ހަމައެކަނި ކޮންކްރީޓް ތަރައްގީގެ ބަހުސެއް ނޫން. އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި، އެކަކު އަނެކަކާ ދިމާލަށް އިނގިލި ދިއްކުރާ ހިސާބަށް ދިޔުމުން ފެންނަ ކަންކަން. ހަމައެކަނި މޮޅު ފޮނި ވާހަކައިން ނުހިފެހެއްޓޭނެ ކަމާއި ނަތީޖާތަކެއް ވެސް ރައްޔިތުން ބަލަން ބޭނުން ވާނެ ކަން އިހުސާސްވުމެއް، އިންސާފާއި ހަމަހަމަ ކަަމާއި ހައްގުތައް ހިމާޔަތް ކުރުމުގެ އިތުރުން ތަރައްގީ ވެސް ބޭނުންވާކަން އެނގުން،"

އާންމު މެންބަރުން އިހުސާސްތައް

އެމްޑީޕީ އެކްޓިވިސް ލެވަލްގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުން މި ސަރުކާރުގެ އެތައް ކަމެއް ގޯހުން ގޯހަށް ދާއިރު ރައީސް ސޯލިހުގެ ފަރާތުން ފިޔަވަޅެއް އަޅުއްވާ ތަނެއް ނުފެނެ އެވެ. އެތައް ކޮމިޓީއަކާ ކޮމިޝަނެއް އަދި އިދާރާތައް ހައްދަވާ ކަންކަން ބަލަން އުޅުއްވާއިރު އެއްވެސް ކަމެއް ކޮޅެއްގައެއް ނުޖެހެ އެވެ. ރައްޔިތުން އެމްޑީޕީއަށް ދިން ބާރުތަކާ އަޅައި ބަލާއިރު އެ ފެންވަރަކަށް ޕާޓީއަށް އަކަށް ނަތީޖާއެއް ނުނެރެވެ އެވެ. އެކަން ވަށައި ޖައްސާ ދައްކާނެ ބަހަނާއެއް ނެތުމުން ދެން ޖެހުނީ ކޮންކްރީޓްގެ ފޮޓޯ ހަމަ ރަނގަޅު ކަމަށް ގަބޫލު ކުރާށެވެ.

"ދައުލަތުގެ ތިން ބާރު ގާތްގަނޑަކަށް އެ އޮތީ އެމްޑީޕީ އަތުގައި. ދެ ރައީސުންގެ އާއިލާގެ އެތައް ބޭފުޅަކަށް ސަރުކާރުގެ އިސް މަގާމްތައް ލިބިއްޖެ. އެ ފަރާތްތަކާ މަސްލަހަތު ހުރި ވިޔަފާރިތަކަށް މަޝްރޫއުތައް ލިބި ވަރަށް ތިޔާގި ވެއްޖެ، އެނޫން ކަމެއް ނުވި،" އޭނާ ބުންޏެވެ.

އަދި އެހެން މީހަކު ބުންނެވެ: "އެމްޑީޕީ ސަރުކާރުގައި ކުރިން ވެސް ވީހެން މާލީ ހާލަތު ދަށް ވެއްޖެ. ކުރިން ސިވިލް ސާވަންޓުންނަށް މުސާރަ ނުދެވުނު. މިފަހަރު އެލަވަންސްތަކާއި އޯޓީއާ ދިމާލަށް ދަނީ. މުއައްޒަފުންނަށް ބޮޑެތި ދަތިތަކެއް. އަަތްމަތި ތަނަވަހެއް ނުވޭ. ފްލެޓެއް ނުލިބޭ. ދިރިއުޅުމަށް ބަދަލެއް ނުވޭ، ވައްކަން ހަމަ ކުރޭ، އިސްލާމް ދީނަށް އެވަރަށް ކުޑައިމީސްކުރޭ!"

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު އެތައް ތުހުމަތުތަކެއް ކުރެވިގެން ދިޔައިރު ވެސް ސަރުކާރާއި މަޖިލިސް ހިމޭނުން އޮތުމަކީ ވެސް އެތައް ބަޔަކު ކަންބޮޑުވި މައްސަލައެކެވެ. އެހާ ހިސާބުން "ޒީރޯ ޓޮލަރަންސް" ގެ ސިޔާސަތަކީ ވެސް ތާކުންތާކުން ނުޖެހޭ އެއްޗަކަށް ވެއްޖެ އެވެ. މަޖިލީހުގައި އެމްޑީޕީއަށް ގާނޫނު އަސާސީ ބަދަލު ކުރެވޭހާ މެންބަރުން ތިބިއިރު ހިޔާނާތާއި ޖިންސީ ފުރައްސާރައިގެ ބައި ވެސް ހިމެނޭ އެ މައްސަލައެއް ނުބަލަ އެވެ. ދުވަހަކަށް ވިއްޔާ ދުވަހެއް ދަނީ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންނެވެ.

"ރައީސް ޔާމީން ސަރުކާރުން ތަރައްގީއެއް ގެނައި ކަން އެނގޭ. އެކަމަކު ޖެހިގެން އަންނަ ސަރުކާރުން ފުރަތަމަ އަހަރޭ ކިޔާފަ ސްޕީޑު ލަސްވުން ރައްޔިތުންނަށް މިހާރު ބަލައި ނުގަނެވޭ. ކޮންމެ ފަސް އަހަރެއް ތެރެއިން ދެ އަހަރެއް ސްޕީޑު ލަސްވުން ޓޮލަރޭޓެއް ނުކުރެވޭ،" އެހެން މީހަކު ކޮމެންޓެއް ކުރި އެވެ.

ދީނީ ކަންކަމުގައި ރައްޔިތުންނާ ދެކޮޅު ހިޔާލު

އެމްޑީޕީއަށް ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން ވެސް ދިމާވެފައި އޮތް އެންމެ ބޮޑު ފާޑު ކިޔުމަކީ މިއީ އެވެ. ރައްޔިތުން ކަންބޮޑުވާ ދީނާ ގުޅޭ މައްސަލައެއް ނުވަތަ ދީނަށް ބަޔަކު ފުރައްސާރަކޮށް ހަދަންޏާ އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި އަބަދު ވެސް އެ ބައެއްގެ ފަހަތަށް އެމްޑީޕީ އެރުމެވެ. ނުވަތަ އެފަދަ ހަރަކާތްތަކުގެ މުގުލުގައި އެ ޕާޓީގެ އިސް ފަރާތްތަކުގެ ބައިވެރިވުމެއް އޮތުމެވެ.

ރައްޔިތުން މި ފަހުން އެންމެ ބޮޑަށް ކަންބޮޑުވި މައްސަލައަކީ މޯލްޑިވިން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރެ ރަސޫލާއަށާއި ދީނަށް ފުރައްސާރަކޮށް ދީނުގެ އަސްލުތަކާއި ހަމަތަކަށް ފާޑު ކިޔަން ފެށުމުންނެވެ. ރައްޔިތުންނަށް ފެނުނީ އެ ޖަމިއްޔާ އުވާލަން ޖެހިއްޖެ ކަމެވެ. އެކަމަކު "ދިވެހި ރައްޔިތުންގެ" ޑިމޮކްރަޓިކް ޕާޓީ އެރީ ޖަމިއްޔާގެ ފަޅިއަށެވެ.

މިފަހަރު ވެސް ވީ ހަމަ އެގޮތަަށެވެ. ހދ. ހަނިމާދޫ އާއި ބައެއް އެހެން ރަށްރަށުގައި ބޭރު ބަޔަކު ކުއްލިއަކަށް އައިސް ދީނާ ހިލާފް ވާހަކަތައް ދައްކާ ވޯކްޝޮޕެއް ބާއްވާ އެތައް ގޮތަކުން ގޯސް ހަދައިފި އެވެ. އެކަމާ ރައްޔިތުން ރުޅިގަދަވެ ހިފައިގަތުމުން އެމްޑީޕީން ބުނީ "ތިޔަހެނެއް ނުކިޔޭނެ" އޭ އެވެ. އެހެން ކިޔައިގެން ދޮގު ނުހަދާށޭ އެވެ. އަދި އެއީ ހޭޓް ސްޕީޗް ފެތުރުމެކެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީން މިތާ އެހެން ދީންތަކެއް ފަތުރަން އުޅޭ ކަމަކަށް. އެކަމަކު އެ ޕާޓީގެ ސިޔާސަތުތައް މިހާރު ހުރި ގޮތް އެހެން ނޫނެކޭ ވެސް ބުނެވޭކަށް ނެތް. ޕާޓީގެ ބައެއް ފަންތިން މި އަންނަ ވިސްނުން ބަދަލުކޮށް ރައްޔިތުންނާ ހަމަޔަށް ރައްޔިތުންގެ ވިސްނުމަށް ތިރިވާން ޖެހޭ،" އެ ޕާޓީގެ މެންބަރަކު ބުންޏެވެ.

ޖަލްސާއިން ބަލިވިޔަސް އިންތިހާބުން މޮޅުވާނެ!

މިއީ އެމްޑީޕީ އާއި ޕީޕީއެމް ދެމެދު ޖަލްސާގެ ވާދަވެރިކަން ބޮޑު ވެގެން ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް މި މަންޒަރު ފެނުނެވެ. ޕީޕީއެމުން ކާނިވާ ސަަރަހައްދުގައި ފުރަތަމަ ބޭއްވި ޖަލްސާއަށް ވުރެ އެތައް ގުނަގައެއް ގިނައިން އެމްޑީޕީން މާލޭގައި ބޭއްވި ހަމައެކަނި ޖަލްސާގައި މީހުން އެއްވި އެވެ. އެހެންވެ ޕީޕީއެމުން ސްޑޭޑިއަމްގެ ވެލިދަނޑުގައި އިތުރު ޖަލްސާއެއް ބާއްވާާ މުޅި ރާއްޖޭ އެކި ކަންކޮޅުތަކުން މީހުން ގެނެސް އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ޖަމާކޮށް އަދަދުން މޮޅުވި އެވެ.

އެހެން ނަމަވެސް އިންތިހާބުގެ ނަތީޖާ ޝީޓުން ދެއްކީ އެހެން ހިސާބެކެވެ. ޖަލްސާއަށް އައި މީހުންގެ އަދަދު ޕީޕީއެމްގައި ގިނަވިޔަސް އިންތިހާބުގައި ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދީ އެމްޑީޕީ އެވެ. މިހާރު މި ދިމާވެގެން އުޅޭ މައްސަލާގައި ވެސް އެމްޑީޕީން ދޭ ޖަވާބަކީ މިއީ އެވެ.

"އެ ޖަލްސާ [ޕީޕީއެމްގެ ކެމްޕޭން ލޯންޗިން ޖަލްސާ] އަކީ ވަރަށް މަރުކަޒީ ކޮށް ބޭއްވިގެން ދިޔަ ޖަލްސާއެއް. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުން އެ ޖަލްސާއަށް މީހުން ގެނައި އިރު އަވަށްޓެރި ގައުމުތަކުން ވެސް އެ ޖަލްސާއަށް ވަނީ މީހުން ގެނެސްފައި، [އެއާހިލާފަށް] އަޅުގަނޑުމެންގެ ލޯންޗިން ފެނިގެން ދިޔައީ ލާމަރުކަޒީކޮށް." އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވި އެވެ.

"ޖަލްސާއަށް ލިބުނު ތަރުހީބު ކުޑަ ކަމަށް ވިޔަސް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް ވިން ވާނެކަން ޔަގީން،" އޭނާ އިތުރަށް ވިދާޅުވި އެވެ.