އުތުރުން ހދ. ގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހުކުރުން އާދީއްތައަށް ދަތުރުފުޅެއް ކުރައްވާނެ އެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ އުތުރު ސިޓީ / ކުޅުދުއްފުޓާއި އެ ސިޓީ ހިމެނޭ އަތޮޅުގެ ކުމުންދޫ އާއި ހަނިމާދޫ އަށެވެ. ރައީސްގެ އެ ދަތުރުފުޅަކީ އެމަނިކުފާނު އިސްކަން ދެއްވާ ސިޔާސަތު ރައްޔިތުންނާ ގާތުން ހިންގަވާށާއި ކައުންސިލްތަކުގެ ބައިވެރިވުމާއެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށް ދޭން ކުރައްވާ މަސައްކަތް އަނެއްކާ އަލުން ފެއްޓެވުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހައްޖު އީދާއި ޖުލައި 26 ގެ ބަންދާއެކު ސަރުކާރު ޗުއްޓީއަށެވެ. އެކަމަކު ރައީސް ސޯލިހު ވަޑައިގަންނަވަނީ ޗުއްޓީއަކަށް ނޫނެވެ. ސަމާލުކަން ދެއްވަނީ ސަރުކާރުގެ މަސައްކަތަށެވެ.
ހުކުރު ދުވަހު ރައީސް އުތުރު ދަތުރަށް އަރާ ވަޑައިގަންނަވާއިރު ރާއްޖޭގެ ސިޔާސީ މައިދާނުގެ ވައި ވަނީ ވަރަށް ބޮޑަށް އެނބުރިފަ އެވެ. މުޅި ރާއްޖެ އިންތިޒާރު ކުރަމުން ދަނީ ސިޔާސީ މައިދާން ދެން ފުރޮޅިގެން ހިނގައިދާނެ ގޮތަކާމެދު އެވެ. ވެރިކަން ކުރާ އެމްޑީޕީއަށް ވެދާނެ ގޮތަކާ މެދު އެވެ.
އެންމެ ބޮޑު ހައިރާނަކީ އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ސަރުކާރެއްގެ ކަމު ނުގޮސް އަދި އެކުވެރިޔާ، ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރެއްވޭނެ ކަމަށް އިއުލާން ކުރެއްވުމެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ދެން ނުހުނެވޭނެ ކަމަށް ނަޝީދު ވިދާޅުވާއިރު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކުގައި މަސައްކަތް ކުރައްވަން އެހީތެރިކަމަށް އެދި ވަޑައިގަންނަވާނެ ކަމަށް ދަނީ ވިދާާޅުވަމުންނެވެ.
ރައްުޔިތުންގެ މެދުގައި އޮތީ އެ ވާހަކަ އެވެ. މުޅި މީޑީއާގައި އެ ވާހަކަ އެވެ. ސޯޝަލް މީޑިއާގައި ވެސް ކްލަބްހައުސްގައި އެ ވާހަކަ އެވެ. އެންމެން އިންތިޒާރު ކުރަމުން ދަނީ ސިޔާސީ މި ގަރަނބުތެރެއަށް ވަދެ ވަޑައިގެން ރައީސް ސޯލިހު ދައްކަވަން ފައްޓަވާނެ އާދަޔާހިލާފު ވާހަކަފުޅަކަށެވެ. އަދި ދެން ކަންކަން ބަދަލުވެގެން ދާނެ ގޮތަކާމެދު އެވެ.
މުޅި ރާއްޖެ އެކަށް ސިޔާސީ މި އޮއިގަނޑުގައި ޖެހިފައިވާއިރު ވެސް ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ކުރިއަށް ދެވެން ނެތް ކަމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކުޑަކޮށް ވެސް ސަމާލުކަމެއް ނުދިނެވެ.
ރައީސްގެ ފަރާތްޕުޅުން އައީ އެންމެ ވާހަކައެކެވެ؛ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މެދުވެރި ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެނެވެ. ރައީސް އެކަމުގައި ބުރަކޮށް އެބަ އުޅުއްވަ އެވެ.
"ރައީސްގެ އެޖެންޑާގައި ރައްޔިތުންގެ އެދޭ މުހިއްމު ކަންތައްތަކެއް ހުރުމުން ރައީސްގެ ވިސްނުން ހުރީ އެކަންކަން ހާސިލް ކޮށްދިނުމަށް،" މަބްރޫކް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ސިޔާސީ އެހެން އިސްވެރިޔަކު ވިދާޅުވި ގޮތުގައި ރައީސްގެ މުޅި ފޯކަސް އޮތީ އަދި އެ މަނިކުފާނުގެ އަމާޒަކީ ވެސް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމެވެ. އަދި އެމްޑީޕީ އާއި ކޯލިޝަންގެ މެނިފެސްޓޯ ރައްޔިތުންނަށް ޑެލިވާ ކޮށް ދެއްވުމެވެ. ބޭކާރު ކަންކަމަށް ހަކަތަ ހުސްކޮށް ނުލައްވާ ރާއްޖެ މިވަގުތު ކުރިމަތިވެފައިވާ ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރެއިން ނުކުމެ އެހެން މަރުހަލާއެއްގައި މަސައްކަތް ކުރައްވާ ރާއްޖެ ހަމަ މަގަށް ގެނައުމެވެ.
ސަރުކާރުގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސް އެންމެ ބޮޑު އިސް ކަމަށް ދެއްވާފައި އޮތް ރަށު ކައުންސިލްތަކަކާ ބައްދަލު ކުރައްވާ ލާމަރުކަޒީ ނިޒާމް ވީހާ ވެސް ފުރިހަމައަށް ހިންގުމުގެ މަސައްކަތް ކުރެއްވުމެވެ. އެގޮތުން މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާއެކު ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. ސިޔާސީ ގޮތުން ވާދަވެެރިން ފަހާ ދުވެ ވަޑައިގަތުމުގެ ވިސްނުން ރައީސް އަދި ނުގެންގުޅުއްވަ އެވެ. އެކަމަށް ރައީސަށް ވަގުތެއް ނެތެވެ. އަދި ސިޔާސީ މައިދާނުގެ އެވަގުތު ނުވެސް އާދެ އެވެ.
"ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ހާލަތަށް އައިސްފައިވާ ބަދަލާއެކު އަނެއްކާ ވެސް އެ މަސައްކަތަށް ރައީސް އެ ފޯކަސް ކުރައްވަނީ. ޕާޓީގެ ތެރެއިންނާއި ޕާޓީގެ ބޭރުން ހިނގާ ސިޔާސީ ވާދެވެރި ކަމަށް މިވަގުތު ސަމާލުކަން ދެއްވުމަށް ރައީސް އެހާ ޝައުގުވެރިއެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެނގި ވަޑައިގަންނަވާނީ ކަމެއް ދިމާވުމުން ރައީސް އަބަދުވެސް މިދެންނެވީ ކުރީ ޕާޓީގެ ތެރޭގައި ސިޔާސީ އެހެން މަސައްކަތްތައް ކުރެއްވި އިރުވެސް އިސްކަން ދެއްވަނީ މަޑުމައިތިރި ސިޔާސަތަކުން ކެތްތެރި ކަމާއެކު ކަންކަން ކުރައްވަން، މިހާރުވެސް އެގެން ދަވަނީ އެގޮތަށް،"
ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ވެސް ރައީސް ސޯލިހު އެމްޑީޕީގެ ތެރެއިން މަޝްހޫރުވެ ވަޑައިގެންފައި ވަނީ މަޑުމައިތިރި ކަމާއި ކެތްތެރިކަން އިސް ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އޮތީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ޕްރެޝަރާއި ދައުރު މެދުން އިންތިހާބެއް ބޭއްވުމުގެ ޕްރެޝަރު ޕާޓީގެ ތެރެއިން ކުރިމަތިވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އެފަދަ ހުރިހާ ސިޔާސީ ޕްރެޝަރެއްގައި އެމަނިކުފާނު ވަނީ މަޑުމައިތިރި ކަމާއި ކެތްތެރިކަން އިސް ކުރައްވާފަ އެވެ.
ރައީސް ކެތްތެރިކަން އިސް ކުރައްވާ ސަމާލުކަން ކުޑަ ކުރައްވާތީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައީސް ޔާމީނާ ޕީޕީއެމާ ގުޅުވައި ވާހަކަތައް އެގެންނަވަނީ. އެއީ ބޭރަށް ދައްކާ ޝޯއެއް، އެއީއަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން، އެ ނަޒަރުން ބަލާއިރު ރައީސްގެ ސިޔާސީ ކެތްތެރިކަމާއި މަޑުމައިތިރިކަން މިހާރު ވެސް ވަނީ ކާމިޔާބުވެފައިއެމްޑީޕީގެ މަޖިލިސް މެންބަރެއް
ރިޔާސީ ދައުރު ދެބައިވާއިރު ރައީސް ސޯލިހު އެއްފަރާތްކޮށްލައި އަދި ސިޔާސީ ގޮތުން ކުރި މަރާލަން ޕާޓީގެ ތެރެއިން އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުއްޓާ ނުލާ މަސައްކަތް ކުރި ނަމަވެސް ރައީސް ސޯލިހު މިހާތަނަށް ދެއްވަމުން އައި ޖަވަކީ ކުރިމަތީގައި ވައުދު ފުއްދަން މަސައްކަތް ކުރުން ނޫން އެހެން އެޖެންޑާއެއް ނެތް ކަމުގެ ޖަވާބެވެ. ދުވަހަކު ވެސް ސިޔާސީ އެ ޕްރެޝަރުތަކުގެ ތެރެއަށް ވަދެ ވަޑައިގެން ވާހަފުޅު ދައްކަވާ އިތުރަށް މައްސަލަ ހޫނެއް ނުކުރަވާކަށް ނުހައްދަވަ އެވެ.
ސިޔާސީ ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރައީސް ސޯލިހުގެ އަމާޒަކީ މަޑުމައިތިރި ކަމާއެކު އަދި ކެތްތެރި ކަމާއެކު ސިޔާސީ މައިދާ ގަރަނބުވިޔަ ނުދެއްވާ ކުރިއަށް ވަޑައިގަތުމެވެ. އެކަމަކުގައި އެ މަނިކުފާނު މިހާރުވެސް ކާމިޔާބު ހޯއްދަވައިފި އެވެ.
"ރައީސް ކެތްތެރިކަން އިސް ކުރައްވާ ސަމާލުކަން ކުޑަ ކުރައްވާތީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައީސް ޔާމީނާ ޕީޕީއެމާ ގުޅުވައި ވާހަކަތައް އެގެންނަވަނީ. އެއީ ބޭރަށް ދައްކާ ޝޯއެއް، އެއީއަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން، އެ ނަޒަރުން ބަލާއިރު ރައީސްގެ ސިޔާސީ ކެތްތެރިކަމާއި މަޑުމައިތިރިކަން މިހާރު ވެސް ވަނީ ކާމިޔާބުވެފައި،" ޕާލަމެންޓްގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.