ރިޔާސީ އިންތިހާބުގެ ކުޑަ ދުވަސްކޮޅެއް ފަހުން އެކުލަވާލެވޭ ރައްޔިތުންގެ މަޖިލީހުގެގެ ރިޔާސަތު މިވަގުތު ވަނީ ހާސަރުތަކެއް ދަމައިގެން ހުއްޓުވި ގޮތަކަށް ހުއްޓުވާފަ އެވެ. ރައްޔިތުންގެ ވެރިކަމެއްގައި އޮންނަންޖެހޭ ތިން ބާރުން އެއްބާރުގެ މަސައްކަތް ހުއްޓުވާފައި މިވަގުތު އޮތުމުން މިކަމުގެ ޒިންމާ އުފުލަން ޖެހެނީ ކޮން ބައެއްތޯ ސުވާލުކުރާ މީހުން ގިނަ އެވެ.
މިގައުމުގެ ރައްޔިތުންނާއި ގައުމުގެ އިގްތިސޯދާއި އަދި އިޖުތިމާއީ ހާލަތަށް އަސަރުކުރާނެ އެންމެހާ ގާނޫނުތަކެއް އެކުލަވާލަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިފަދަ ހައްސާސް މަސައްކަތްތައް މަޖިލީހުގެ ތެރެއިން ހުއްޓުވާލުމުން ރައްޔިތުންގެ ކުރިއެރުމަށާއި ރައްޔތިތުންގެ ހާލަތު ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތްވެސް ވަގުތުން ހުއްޓުނީ އެވެ. މާނައަކީ ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ ގާނޫނު ހެދުމުގެ މަސައްކަތް ހުއްޓުވާލުމުން މުޅި ގައުމު އެ އޮތީ ހުއްޓުން އަރައި ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނުހޯދޭނެ ގޮތެއްގައި ޕާކް ކުރެވި އޮތް ހާލަތެއްގައި އޮތުމަށް ދޫކޮށްލެވިފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަދުގެ މިހާލަތަށް ދާންޖެހޭ ހެއްޔެވެ. ނޫނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާލަތު މެދުވެރިވުމަކަށް އެއްވެސް ހާލަތެއް ތަނެއް ނުދެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ހިންގުމަށް ގާނޫނުއަސާސީގެ 70 ވަނަ މާއްދާއާއި 88 ވަނަ މާއްދާއިން ފުރިހަމަ ބާރު މަޖިލީހަށް ލިބިދެ އެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ގާނޫނުއަސާސީގެ މި މާއްދާތަކުގެ ދަށުން ބާރު ލިބިގެން މަޖިލީހުން ފަސްކޮށްފައިވާ ގަވައިދެއް އެބަ އޮތެވެ. އެހެންކަމުން ގާނޫނު އަސާސީގެ ދަށުން މަޖލިސް ހިންގުމަށް ލިބިދީފައިވާ ފުރިހަމަ ބާރު ދިރިދެމި އެބަ އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާތައް ކަމުގައިވާ ދެވަނަ އަދި ހަވަނަ މާއްދާގައި ރިޔާސަތު އެކުލަވާނެ ގޮތް ބަޔާންކޮށްފައި އޮތްއިރު ރިޔާސަތު ބަލަހައްޓަން ޖެހޭ ގޮތް 41 އިން 44 ވަނަ މާއްދާގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައި އެބަ އޮތެވެ. މަޖލީހުގެ ރިޔާސަތުގައި އިންނާނެ ރައިސާއި ނައިބު ރައީސް ކަނޑައަޅާނެ ގޮތް އޭގައި ވަނީ ލިޔެފަ އެވެ. އަދި ހަމަ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ދެން ކަންކުރަންވީ ގޮތްވެސް އެހާމެ ސާފްކޮށް ބަޔާންކޮށްފައި އެބައޮތެވެ.
މީގެ އިތުރުން އެ ގަވާއިދުގައި މަޖިލީހުގެ ރައީސާއި ނައިބް ރައީސް ވަކި ކުރާނެ ގޮތްވެސް 205 އަދި 206 ވަނަ މާއްދާގައި ސަރީހަކޮށް ލިޔެފައި އެބައޮތެވެ. މި މާއްދާ ތަކުގެ ދަށުން ރައީސާއި ނައިބު ރައީސް އެއްފަހަރާ ވަކި ކުރުމަކަށްވެސް އެއްވެސް ހުރަހެއް ނެތެވެ. އަދި ދެން ރިޔާސަތާއި ހަވާލުވާނެ ތިންވަނަ މީހަކު ވަކި ނުކުރެވޭނެ ހާލަތެއްވެސް މި މާއްދާތަކުގެ ދަށުން ނުލިބި އެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ކަމުގައިވާ 65 މެންބަރުންގެ ތެރެއިން އެ ޕާޓީން 13 މެންބަރަކު ދާދިފަހުން ވަނީ ވަކިވެވަޑައިގެންފަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން ދަ ޑިމޮކްރެޓުންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި ރަޖިސްޓްރީ ކުރުމަށް އެބޭފުޅުން މިވަގުތު ވަނީ ހުށަހަޅާފަ އެވެ. މަޖލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނެނީ އެމްޑީޕީން ވަކިވި 13 މެންބަރުންގެ ތެރޭގައެވެ. އީވާ މަޖިލީހުގެ ނައިބް ރައީސް ކަމުން ވަކިކުރަން ނިންމީ އެ ސަބަބާ ގުޅިގެންނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރަން ނިންމީ ނައިބު ރައީސް ވަކިކުރުމަށް ރިޔާސަތުގެ ބާރު ބޭނުންކޮށްގެން ހުރަސް އަޅުއްވަން ފެއްޓެވުމުންނެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ސީދާ ހުއްޓުވާފައިވަނީ އާބިޓްރަރީކޮށް މަޖިލީހުގެ ރައީސް ކަމަށް ބުނެވިދާނެ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސަކީ މަޖިލިހުގެ ރައީސްގެ އާއިލީ ބޭފުޅަކަށްވެފައި އޭނާ އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްދައުރެއް އަދާ ކުރައްވާ ބޭފުޅެއް ކަމުން މަޖިލީހުގެ ރައީސް އޭނާ ދިފާއު ކުރެއްވުމަށް މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ގެންދިއުން ނޫން އިތުރު ކަމެއް މިކަމުގައި ނެތެވެ. އަދި އިއްތިފާގުން މަޖިލީހުގެ ރިޔާސަތާއި ތިންވަނައަށް ހަވާލުވާންވެސް ހުންނެވީ ދަ ޑިމޮކްރެޓުންގެ ބޭފުޅެއް ކަމުން މަޖިލިސް ހުއްޓުވަމުން ގެންދަނީ ސީދާ ރިޔާސަތުން ބާރު ލިބިގެން ދަ ޑިމޮކްރެޓުންގެ ބޭފުޅުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ދެމި އޮތް އިރު އެކަން ނުކުރެވިގެން އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކުރަންޖެހޭހާވެސް ކަމަކީ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ބޭފުޅަކު ރިޔާސަތަށް ގެނެސް މަޖިލިސް ޖަލްސާތައް ފެއްޓުމެވެ. މަޖިލީހުގެ އެ ވިދާޅުވާ 54 މެންބަރެއްގެ އައުލަބިއްޔަތު އޮތް ނަމަ އެކަން ކުރުމަކަށް އެއްވެސް ހުރަހެއް ނެތް އިރު ގަވާއިދުން ފުރިހަމައަށް މަޖިލިސް ހިންގުމަށް ތަންދެ އެވެ. ރައްޔިތުންގެ މަޖިލިސް ހިންގަން އެމްޑީޕީ އަށް ނުވަތަ ސަރުކާރަށް ނޭގެނަމަ ނުވަތަ ނުކެރޭނަމަ މަޖިލިސް ހުއްޓުވާފައިވަނީ އިންތިހާބު ވަގަށް ނެގުމަށް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދަ ޑިމޮކްރެޓުން ސަރުކާރުގެ ބޮލުގައި އަޅުވަމުންދާ ބަދުނާމުން ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ އެވެ.