ފުލުހުންގެ މަގާމުގައި ތިބޭ އިސް އޮފިސަރުން ވަކި ކުރެވޭ ގޮތަށް ކުއްލިއަކަށް ހުށަހެޅުނު އިސްލާލަކާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވުމާއެކު ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވި އެވެ.
އެ ބިލުގެ އަމާޒަކީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް ވަކި ކުރަން ހުށަހެޅި ބިލެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ފުލުހުންގެ ވަޒީފާއަށް އައްޔަނުކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި، ހޯމް މިނިސްޓަރުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތައްވެސް މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
އަދި ފުލުހުންގެ އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި އަމަން ބެލެހެއްޓުމާއި، ބަލާ ފާސްކުރުމުގައި އަމަލު ކުރަންޖެހޭ ގިނަ އުސޫލުތަކާއި ގަވައިދުތައް މި ގާނޫނު ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެކަމަށް ކަނޑައަޅާފައިވެ އެވެ.
ދެން ހިމަނާފައިވަނީ ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށްވާ ގޮތަށް އޮތް މާއްދާތާތަކެވެ.
މިގޮތުން، ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި، ހުއްދަ ނެތި ޑިޔުޓީ ދޫކޮށް ދިއުމާއި، ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެ އެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި، ބަޔަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި އެކަން އެނގިހުރެ ފިލުމާއި އަޅާނުލުންވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
މި ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި އިރު، ގާނޫނުގެ އެ މާއްދާއަށް ބަޣާވާތް ކުރުންވެސް ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައި އެވެ.
މިގޮތުން، ފުލުހަކު ބަޣާވާތް ކުރި ކަމަށް ބެލެވޭނީ، ފުލުހުންގެ ވެރިއަކަށް ނުވަތަ މުޅި މުއައްސަސާގެ ބާރެއް ނިގުޅައިގަތުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި ވެރިންގެ އަމުރުތަކަށް ނުކިއަމަންތެރިވުމާއި، އެހެން ފުލުހުންގެ ޑިޔުޓީއަށް ހުރަސްއެޅުމެވެ.
އަދި އެހެން ފުލުހަކު ޑިޔުޓީގައި ބަހައްޓާފައިހުރި ތަނަކަށް ގަދަކަމުން ވަނުމާއި، ފުލުހުންގެ ހަތިޔާރާއި އާލަތްތައް ގަދަބާރުން އަތުލުންވެސް ބަޣާވާތް ކުރި ކަމަށް ބެލެވޭނެ އެވެ.
ނަމަވެސް، ފެބްރުއަރީ ހަތަކާ ގުޅުވައި ފުލުހުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް މިދިއަ ހަފްތާގައި އިވިގެން ގޮސްފައިވާއިރު، މިއަދު ބޭއްވުނު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ކުއްލި ގޮތަކަށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.
މީގެ އިތުރުން އީވާގެ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ ކަމަށެވެ.
އަދި އީވާ ހުށަހެޅުއްވި ދެވަނަ އިސްލާހުގައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފެށޭތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށެވެ.
އީވާ ހުށަހެޅުއްވި ދެ އިސްލާހުވެސް ހިމެނުމަށް މިރޭ ބޭއްވުނު ޖަލްސާގައި ފާސްކޮށްފައިވާއިރު، އެ އިސްލާހާއެކު ފުލުހުންގެ ހިދުމަތުގެ ބިލު ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.