ހަބަރު

ފުލުހުން ބަޣާވާތް ކުރުމާއި ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށް

ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށްވާ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލު ފަރުމާކޮށްފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ވަނީ ފުލުހަކު ވަޒީފާއިން ފިލައިގެން ހިނގައްޖެނަމަ ނުވަތަ ދާން އުޅެފިނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

މިގޮތުން، ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި، ހުއްދަ ނެތި ޑިޔުޓީ ދޫކޮށް ދިއުމާއި، ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެ އެވެ.

މީގެ އިތުރުން، ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި، ބަޔަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި އެކަން އެނގިހުރެ ފިލުމާއި އަޅާނުލުންވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

މި ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި އިރު، ގާނޫނުގެ އެ މާއްދާއަށް ބަޣާވާތް ކުރުންވެސް ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައި އެވެ.

މިގޮތުން، ފުލުހަކު ބަޣާވާތް ކުރި ކަމަށް ބެލެވޭނީ، ފުލުހުންގެ ވެރިއަކަށް ނުވަތަ މުޅި މުއައްސަސާގެ ބާރެއް ނިގުޅައިގަތުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި ވެރިންގެ އަމުރުތަކަށް ނުކިއަމަންތެރިވުމާއި، އެހެން ފުލުހުންގެ ޑިޔުޓީއަށް ހުރަސްއެޅުމެވެ.

އަދި އެހެން ފުލުހަކު ޑިޔުޓީގައި ބަހައްޓާފައިހުރި ތަނަކަށް ގަދަކަމުން ވަނުމާއި، ފުލުހުންގެ ހަތިޔާރާއި އާލަތްތައް ގަދަބާރުން އަތުލުންވެސް ބަޣާވާތް ކުރި ކަމަށް ބެލެވޭނެ އެވެ.

ވަޒީފާއަށް ފިލިކަމަށް ސާބިތުވާ ފުލުހެއްގެ އަދަބެއްގެ ގޮތުގައި 50،000 ރުފިޔާގެ ޖޫރިމަނާއަކާއެކު ގިނަވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވީ ނަމަވެސް، ކޮމިޓީން ވަނީ އެ މާއްދާ އުނިކޮށްފައި އެވެ.

ބަޣާވަތް ކުރުމުގެ އިތުރުން ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށް ހަދާފައިވާއިރު، އެކަމަކާ ގުޅިގެން ޖިނާއީ ދައުވާ ކުރުން ނުވަތަ ތައުދީބީ ފިޔަވަޅެއް އެޅުމަކީ، އެއް ކުށަކަށް ދެ ފަހަރު އަދަބު ދިނުންކަމަށް ނުބެލެވޭނެކަމަށް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައި އެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ހިޔާލު ހޯދިފައިވާ ބިލުގައި، ފުލުހުންގެ ވަޒީފާއަށް އައްޔަނުކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި، ހޯމް މިނިސްޓަރުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތައްވެސް މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

އަދި ފުލުހުންގެ އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި އަމަން ބެލެހެއްޓުމާއި، ބަލާ ފާސްކުރުމުގައި އަމަލު ކުރަންޖެހޭ ގިނަ އުސޫލުތަކާއި ގަވައިދުތައް މި ގާނޫނު ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެކަމަށް ކަނޑައަޅާފައިވެ އެވެ.

ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ތުހުމަތު ކުރާއިރު، އެކަމާ ގުޅުވައި، ފުލުހުންތަކެއް މަގާމުން ވަކިކޮށް، އަދަބު ދިނުމަށްކަމުގެ ތުހުމަތުތައް ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ.

ނަމަވެސް، ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ އެއްވެސް ފުލުހަކާމެދު ބަދަލު ހިފުމުގެ ނިޔަތެއްގައި ނޫން ކަމުގެ ޔަގީންކަން އޭރުގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވައިފަ އެވެ.

މި ބިލު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމައި، ތަޅުމަށް ފޮނުވާފައިވާއިރު، އަންނަ ހޯމަ ދުވަހު ތާވަލުކޮށްފައިވާ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.