ނަޝީދަށް އަމާޒު ކުރި ހަމަލަ

ސީދާ ނަޝީދަށް ތަހުގީގު މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ފުލުހުންގެ ތަހުގީގުގެ މަައުލޫމާތު ސީދާ ރައީސް ނަޝީދާ ހިއްސާކޮށްދެއްވުމަށް ވަނީ އެދިފަ އެވެ.

މިރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަަސަން ލަތީފް ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު ރަައީސް ނަޝީދަށް ލިބުމަކީ ވަަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެން ކަމުން ސިޓީއަކުން ރަސްމީކޮށް ސީޕީ އަރިހު އެކަމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ސީޕީވެސް ގަބޫލުކުރެއްވި ކަމަށާ އެކަން ހިނގާ ގޮތް އެމްޑީޕީން ގާތުން ބަލަމުންދާނެ ކަމަށެވެ.

ހަަސަން ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި ތަހުގީގުން ތިންވަނަ ފަރާތަކަށް ލިބެންޖެހޭ ހުރިހާ މައުލޫމާތެއްވެސް އެ ޕާޓީން ހޯދާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭގޮތުން މަޖިލީހުން ފަށާފައިވާ ހާއްސަ ތަހުގީގު ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ތަހުގީގު ވާނުވާ ނޭނގޭ ގޮތަށް ދިޔަކަ ނުދޭނަން. އަޅުގަނޑުމެން އެ ތަހުގީގު ގާތުން ބަލާ އަދި އެ ތަހުގީގުގައި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަންކަން ހިނގަމުންދާނަމަ އެކަންކަން ފާހަގަކުރާނަން،" ހަސަން ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ ރައީސް ނަޝީދު އިއްޔެ ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ކާރުކޮޅުގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އެ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދުމަށްފަހު ރައީސް ނަޝީދު ޖަރުމަނަށް ގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ޖަރުމަނުގެ ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާފުށްތަކުގެ ތެރެއިން 10 ރޭޒާފުށް ވަނީ އެމަނިކުފާނުގެ ހަށިކޮޅުން ނަގާފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް (25 އ)އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދު (32 އ) އާއި، މއ. ފޭރުގެ، މުޖާޒު އަހްމަދު (21 އ)ގެ އިތުރުން ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހު (23 އ) އެވެ.

މިހަތަރު މީހުންގެ ތެރެއިން ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އަނެއް ތިން މީހުން ހައްޔަރުކުރީ މާލެ އިންނެވެ. މިހަތަރު މީހުންގެ ތެރެއިން ސައިކަލްގެ ވެރިޔަކީ ތަހްމީން އެވެ. އެކަމަކު އެ ސައިކަލް ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ބެހެއްޓީ ފާތިހު ކަމަށް ފުލުހުން ބުނެ އެވެ. އަދުހަމަކީ ހަމަލާ ދިން އިސް މީހާ ކަމަށާއި ހައްޔަރުކުރި އެންމެނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ތަހުގީގުގައި ހޯދާ ކޮންމެ ކުރިއެރުމެއްގެ މައުލޫމާތު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ގެންދަވަނީ ވަގުތުން ވަގުތަށް ރައީސް އަށް އެމައުލޫމާތު ހިއްސާކުރައްވަމުންނެވެ. އަދި ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު ތަހުގީގުގެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާ ފުލުހުން ހިއްސާކުރަމުންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.