ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން އުފެއްދި "މޭ ހައެއް ކޮމެޓީ" ގެ މެންބަރުން ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރުމަށް ސިޓީ ފޮނުވާފައިވީނަމަވެސް އަދިވެސް އެ ފުރުސަތު ނުދޭ ކަމަށާ ސިޓީއަށް ޖަވާބެއްވެސް ލިބިފައިނުވާ ކަމަށް އެ ކޮމެޓީން ބުނެފި އެވެ.
"މޭ ހައެއް ކޮމެޓީ" އަށް މިދިޔަ ހަފްތާގައި ކުރެވުނު މަސައްކަތްތަކާއި ހޯދުނު މައުލޫމާތުތަކުގެ ތަފްސީލު ހާމަކުރުމަށާއި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން ގައުމީ މަޖިލީހުގެ މަަޝްވަރާ ހޯދުމަށް ރޭ ބޭއްވި ބައްދަލްވުމުގައި ގައުމީ މަޖިލީހުގެ މެންބަރުން ވަނީ "ފަހެއް ހައެއް" ގެ ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ރަނގަޅަށްތޯ ސުވާލު ކުރައްވާފައެވެ. އަދި ފުލުހުންނާއި ބައްދަލު ކުރެވި މަޝްވަރާ ކުރެވިފައިވޭތޯ ސުވާލުކޮށްފައިވެއެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމެޓީގެ ޗެއާ ހަސަން އަފީފު ވިދާޅުވީ ފުލުހުންނާއި ބައްދަލުކުރުމަށް ބޭނުންވާތީ އެކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ރެއާ ހަމައަށްވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ސިޓީގެ ފަހުންވެސް ބައްދަލްވުމަށް ފުރުސަތެއް ހޯދުމަށާއި އަދި ފޮނުވި ސިޓީއަށް ޖަވާބެއް ލިބޭތޯވެސް ބަލާފައިވާ ކަމަށެވެ.
"އަދި އަޅުގަނޑުމެންނާއި [މެއި ހައެއް ކޮމެޓީ] ބައްދަލުކުރައްވާ ގޮތަކަށް ފުލުހުންގެ ޖަވާބެއް ނާދޭ. ފުލުހުން އަޅުގަނޑުމެންނާއި ބައްދަލުކުރާ ގޮތަށް އަދި ހަމަނުޖެހޭ ވާހަކަ އަޅުގަނޑު މި ދެންނެވީ އެ ޖަވާބު އަދި ނުދެއްވާތީ. އެމްއެންޑީއެފުން އަޅުގަނޑުމެންނަށް ދެއްވައިފި ދުވަހެއް ތާރީހެއް އަދި ވަގުތެއް އަޅުގަނޑުމެންނާއި ބައްދަލު ކުރަން،" އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ ތަހުގީގު ދާގޮތާއިމެދު އެއްޗެއް ބުނަން އެނގޭނީ ފުލުހުންގެ ބައްދަލްވުމަށް ފަހު ކަަމަށެވެ. އަދި އެއްވެސް ބަޔަކާ ބައްދަލުނުވި ކަމަށް ބުނެ ކޮމެޓީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި އުންމީދަކީ ފުލުހުންނާއި ބައްދަލު ކުރުމުގެ ފުުރުސަތު ލިބުން ކަމަށެވެ.
"އަޅުގަނޑުމެން ހުއްޓާލާކަށް ނެތިން ޖަވާބެއް ނުދިނޭ ކިޔާފައި، އަދި ފަހަތަށް ޖެހޭކަންވެސް ނެތިގެން. އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން އަދި އަޅުގަނޑުމެން ގުޅަން ޖެހޭ މީހުންނާއި ކޮންމެ ދުވަހަކުވެސް ގުޅާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުުރުސަތެއް ލިބޭނެ ކަމަށް ޔަގީން ކުރަން ފުލުހުންގެ ފަރާތުންވެސް،" އަފީފް ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިހާތަނަށް ތިން ދުވަހެއްގައި ނޫސްވެރިންގެ ބައްދަލްވުން ބާއްވާފައިވެއެވެ. އެންމެ ފަހުން ބައްދަލްވުން އޮތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ އެ ހަމަލާއަށް މަހެއްވީ ދުވަހެވެ.
އެ ބައްދަލްވުމުގައި ނޫސްވެރިން ވަނީ އެތައް ސުވާލެއް ފުލުހުންނާ ކުރިމަތިކުރުވާފަ އެވެ. ގިނަ ސުވާލުތަކުގެ ޖަވާބު ދޭން އުޒުރުވެރި ވަނީ ތަހުގީގުގައި ކުރިއަށް ކުރަން ހުރި މަސަައްކަތްތަކަށް ހުރަސް އެޅިދާނެތީ ކަމަށް ފުލުހުން ބުންޏެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެ ދުވަހު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމަލާއަށް ބަޔަކު ފަންޑުކޮށްފައިވާނަމަ އެބަޔަކު ހޯދާނެ ކަމަށެވެ. ތަހުގީގު ކުރިއަށް ގެންދަނީ ހަމަލާ ދިނުމުގައި ބަޔަކު މާލީ ގޮތުން އެހީތެރިވެފައިވޭތޯ ބަލައި އެކަން ވެސް ދެނެގަތުމަށް ކަމަށާއި މިކަމުގައި އެމެރިކާގެ ތަޖުރިބާކާރެއްގެ ލަފަޔާއި އެހީ ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބަޔަކު ފަންޑު ކުރިތޯ އަދި ހަމަލާގެ މޯޓިވްއަކީ ކޮބައިކަން ހާމަކުރަން އުޒުރުވެރިވާ ކަމަށް ވިދާޅުވި އެވެ. ބަޝީދު ވިދާޅުވީ މި މައްސަލައިގެ މޯޓިވް ނުވަތަ މޯޓިވްތަކަކީ ކޮބައިކަން މުޅިން ނޭންގޭ ކަމަށް ނުދަންނަވާ ކަމަށާއި ނަމަވެސް ތަހުގީގު މި ސްޓޭޖުގައި އެ މައުލޫމާތުތައް ހިއްސާ ކުރައްވަން ދަތި ކަމަށެވެ.
އިތުރަށް ދެން ވިދާޅުވެފައި ވަނީ ބޮން ގޮއްވާލި މައްސަލައިގައި ސީސީޓީވީ ފުޓޭޖް އަދި ބަލާ ފާސް ކުރި ތަންތަނުން އަތުލައިގަތް ތަކެތިން ވަރުގަދަ ފޮރެންސިކް ހެކިތަކެއް ހޯދިފައިވާ ކަމަށެވެ. މިއީ މައްސަލައިގެ އެންމެ ފުނަށް ވާސިލުވުމަށް މުހިންމު ހެކިތަކެއް ނަމަވެސް އެހެކިތަކުގެ ތަފްސީލުތައް ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"...މައުލޫމާތު ހިއްސާނުކުރުމަކީ މުޅިން ނޭންގުން ކަމަކަށް ނުދެކެން، މިވަގުތަކީ އެފަދަ މައުލޫމާތުތައް ހިއްސާކުރަން އެންމެ ރަގަޅު ވަގުތު ކަމަކަށް ނުފެނޭ. އަޅުގަނޑުމެންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު ހިއްސާކުރަމުން މިދަނީ ކުރިމަގަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ކަމާ ގުޅުން ހުރި ފަރާތްތަކާ ވެސް މަޝްވަރާކޮށްފައި." ބަޝީރު ވިދާޅުވި އެވެ.
މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު ތަހުގީގަށް އެމީހުން އެއްބާރުލުހުން ދޭ މިންވަރު ވެސް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައިގައި ހައްޔަރިކޮށްފައި ތިބި ހުރިހާ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ނުވަތަ އެފިކުރަށް ތާއީދު ކުރާ މީހުން ކަމުގެ ޔަގީންކަން މިވަގުތަށް ދެވެން އޮތް ކަމަށް ބަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ކޮމެޓީން ވަނީ މަޖިލީހުގެ 241 ކޮމެޓީ އާއި ފުލުހުންނާއި ސިފައިންނާއި ރައީސް އުފެއްދެވި އިންޓެލް ކޮމެޓީ އާއި ރައީސް އައްޔަން ކުރެއްވި މަންދޫބާއި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރެއްވުމަށް ހުށައަޅާފައެވެ.
އިއްޔެ 241 ކޮމެޓީ އާއި ބައްދަލުކޮށްފައިވާއިރު އާދިއްތަ ދުވަހު ޑިފެންސްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރަން ވަނީ ނިންމާފައެވެ. އަދި ހަމަ އެ ދުވަހު އެޗްއާރުސީއެމްގެ މެންބަރުންނާއި ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. ރަައީސްގެ ބައްދަލްވުމާއި ގުޅޭގޮތުން ހަސަން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.