ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބަޔާނެއް ނެގުމަށް އެމަނިކުފާނުގެ އަރިހަށް ބަޔަކު އިނގިރޭސިވިލާތަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
ހައެއްފަހެއްގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބަޔާނެއް ދެއްވުމަށް ރައީސް ނަޝީދު ވަނީ އެއްބަސްވެވަޑައިގަންފަ އެވެ.
އެކަން ހާމަކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދުގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނު ހުންނެވީ ބަޔާނެއް ދެއްވަން ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ނަޝީދުގެ މައްޗަށް އުފުލާ ދައުވާއެއް ނޫން ކަމަށް ވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެނަސް ފުލުހުން ޔޫކޭގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުންފުޅުވާތީ، ފުލުހުން މިއަދު ބުނީ އެކަމާ މެދު ގޮތެއް ނިންމަން ފުލުހުން ޕީޖީ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވަކި ނިންމުމެއް މިކަމުގައި ނިންމާފައި ނުވާ ކަމަށެވެ. ޕީޖީ އޮފީހުގެ ބަހެއް ނުލިބެ އެވެ.
ހައެއްފަހެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވެސް މީގެކުރިން ވަނީ ރައީސް ނަޝީދު ބަޔާނެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ ބަޔާނެއްގެ ގޮތުގައި ދައްކަން އޮތީ އަމިއްލަފުޅު ޖާނު ކަމަށެވެ. ރައީސް ނަޝީދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.