ހައެއް ފަހެއްގެ ހަމަލާ

ހައެއްފަހެއް ހަމަލާ: މީހުން ހާޒިރުނުކޮށްދެވުމުން އަޑުއެހުން ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުން ކޯޓަށް ހާޒިރުނުކޮށްދެވުމުން ކެންސަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ. އެކަމަކު ކަރެކްޝަނަލް ސާވިސް އިން ކޯޓަށް މީހުން ހާޒިރުނުކޮށްދެވޭނެ ކަން އެންގީ އަޑުއެހުން ފެށެން 10 މިނެޓަށް ވެފައި އޮއްވަ އެވެ. ކަރެކްޝަންސް އާއި ހަވާދީ ކޯޓުން ބުނީ ކަނޑުގަދަވުމުގެ ސަބަބުން މާފުށިން ދައުވާ ލިބޭ މީހުން މާލެ ގެނެވޭން ނެތް ކަމަށެވެ.

ކޯޓުން އިތުރަށް ބުނީ ވަކީލުންނާއި މަޝްވަރާ ކުރުމަށްފަހު މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބޭއްވޭތޯ ބަލާނެ ކަމަށެވެ.

އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނު ހެކިތަކެއް ވަނީ ސިއްރުކޮށްދީފަ އެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ވެސް ދީފައިވެ އެވެ.

މި މައްސަލަ އޮބްޒާވް ކުރުމަށް ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި އެދުމުން ކޯޓުން ވަނީ އެ ހުއްދަ ވެސް ދީފަ އެވެ. މިއަދުގެ ޑުއެހުމުގައި އޮބްޒާވަރުން ބައިވެރިވުމަށް ކޯޓަށް ދިޔަ އެވެ.

އަންނަ މަހުގެ ތެރޭގައި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާލާނެ ކަމަށް ގާޒީންގެ ބެންޗުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އަންނަ މަހުގެ ނުވަވަނަ ދުވަހާއި، 12 އަދި 13 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވަނީ އަންގާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.