ނަޝީދަށް އަމާޒު ކުރި ހަމަލަ

އިދާރާތަކުގެ އެއްބާރުލުން ކުޑަ، އެކަން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގާ ޝަރީއަތްތަކާ މެދު ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާކުޑަ ކުރާކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަކީލުން އެކަން ކުށްވެރިކުރައްވައިފި އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން މިއަދު ހެނދުނު 9:00 ގައި ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ކޯޓަށް މީހުން ހާޒިރުކޮށްދެވެން ނެތް ކަމަށް އެންގީ އަޑުއެހުން ފެށެން 10 މިނެޓަށް ވެފައި އޮއްވަ އެވެ. ކަރެކްޝަންސް އާއި ހަވާދީ ކޯޓުން ބުނީ ކަނޑުގަދަވުމުގެ ސަބަބުން މާފުށިން ދައުވާ ލިބޭ މީހުން މާލެ ގެނެވެން ނެތް ކަމަށެވެ.

ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިއްސާރަވެގެން ދައުވާ ލިބޭ މީހުން މާލެއަށް ނުގެނެވުނީ ކަމަށް ބުނާއިރު މިއަދަކީ މާލޭ ސަރަހައްދުގެ މޫސުން ގޯސްވި ހަމައެކަނި ދުވަސް ނޫން ކަމަށެވެ. ވިއްސާރަނަމަ ތުހުމަތުކުރެވޭ މީހުން އެއް ދުވަސް ކުރިން މާލެ ގެނެސް މާލޭ ޖަލެއްގައި ބޭތިއްބުމުގެ އިންތިޒާމްތައް ވެސް ހަމަޖެއްސޭނެ ކަމަށް ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ކުރީބައިގައި އަޑުއެހުންތަކެއް ތާވަލުކޮށްފައިވާއިރު، ފަރުވާކުޑަކޮށްލައިގެން ނުވާނެ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

"މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުންދާއިރު، އެފަދަ ޝަކުވާތަކަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިކަމުގެ ހައިސިއްޔަތު ދެނެނުގަނެ، ފަރުވާކުޑަ ކުރާތީ އެކަން އިންތިހާއަށް ކުށްވެރިކުރަން،" ބަޔާނުގައިވެ އެވެ.

މިއަދުގެ އަޑުއެހުމުން ފެށިގެން ނަޝީދުގެ ވަކީލުންގެ ޓީމުން މައްސަލައިގެ އަޑުއެހުންތައް އޮބްޒާވްކުރުމަށް ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ކްރިމިނަލް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ. އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް މިއަދު ކޯޓަށް ވެސް ވަޑައިގަތެވެ.

މި މައްސަލައިގައި އަންނަ މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ތިން ދުވަހެއް ވަނީ ތާވަލުކޮށްފަ އެވެ. އެއީ އަންނަ މަހުގެ ނުވަވަނަ ދުވަހާއި، 12 އަދި 13 ވަނަ ދުވަހެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ބައެއް މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.