ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ދައުވާކޮށްފައިވާ ހަ މީހުންގެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ފަސް މަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އިބްތިދާއީ އަޑުއެހުމެއް ބާއްވާފަ އެވެ. މި އަޑުއެހުމުގައި މި މައްސަލައިގައި ހިމެނޭ އެންމެހާ ލިޔެކިޔުންތަކާއި ހެކިތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވާފަ އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ނުވަ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ. އޭގެތެރެއިން ހަ މީހުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެކީ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
މި ހަ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އޭގެ ތެރެއިން އިސްހާގު ދައުވާއަށް އިންކާރުކޮށްފައި ވަނީ މިއަދުގެ އަޑުއެހުމުގަ އެވެ. މީގެ ކުރިން މި މައްސަލައިގައި އެންމެ ފަަހުން ބޭއްވި އަޑުއެހުމުގައި އިސްހާގުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ އިއްވި އެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދުވަހު އޭނާގެ ވަކީލް ވިދާޅުވެފައި ވަނީ ދައުވާތައް ސާފުކުރުމާ ގުޅިގެން މުވައްކިލާއިއެކު މަޝްވަރާކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެެ.
މިއަދު ވެސް އިސްހާގުގެ ފަރާތުން ދައުވާ ސާފުނުވާ ކަމަށާއި ދިފާއު ބިނާކުރުމަށް ބައެއް ލިޔެކިޔުން ނުލިބޭކަމަށް ބުނެ، ދައުވާއަށް ޖަވާބުދާރީވާން ދެކޮޅު ހެދި އެވެ. އެކަމަކު އޭނާގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން ކުރެއްވި ސުވާލުތައް ދައުލަތަށް ސާފުކޮށްދެވިފައިވާކަމަށް ގާޒީ ނިންމެވި އެވެ.
ދިފާއީ ވަކީލް ޔާމީން ކުރެއްވި ބައެއް ސުވާލުތަކުގެ ތެރޭގައި ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ އިބާރާތްތަކުގައި ކުށް ހުރިކަމާއި، ތާރީހުތައް ސާފުނުވާ ކަމަށާއި، އިބާރާތްކޮށްފައިވާ ގޮތުން ބޮން ގޮއްވާލީ ކާކުކަން ނޭންގޭކަން ފަދަ ސުވާލުތައް ކުރެއްވި އެވެ. އެސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ ކަންކަމުން އޮޅުން އަރާފަދަ ކަމެއް ނެތް ކަމަށެވެ.
އެގޮތުން އިސްހާގުގެ މައްޗަށް އުފުލާފައިވާ ތުހުމަތަކީ މިދިޔަ އަހަރުގެ މޭ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭގައި ސައިކަލެއްގައި އައިއީޑީ ހަރުކުރުމާއި އަދި އެމަހުގެ ފަސްވަނަ ދުވަހު އެ ސައިކަލު ހުޅުމާލެއިން މާލެއަށް ގަނައުން ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރައީސް ނަޝީދަށް ހަމަލާ ދިން ދުވަހާ ހަމައަށް އެމަނިކުފާނު ދިރިއުޅުއްވާ މ. ޔާގޫތުގޭ ދޮށުގަޔާއި، ގ. ކެނެރީގެ ކައިރީ އެމަނިކުފާނަށް ފާރުލުމުގައި އިސްހާގު އުޅުނު ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ވަނީ އިސްހުގެ ދައުވާތަކަށް އިންކާރުކުރުމުން އޭނާއާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. އެކަމަކު ހެކިތަކުގެ ތަފްސީލެއް ނުދެ އެވެ.
ދިފާއީ ހެކި ހުށަހެޅުމަށް މައްސަލައިގައި ހިމެނޭ ހަ މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހެކި ހުށަހެޅުމަށް ދަތިވާނަމަ އެކަން ލިޔުމުން އަންގަން ވެސް އެދިވަޑައިގަތެވެ.
ބަންދުކޮށްފައި ތިބި ސެލް ބަދަލުކޮށްދޭން އެދުން
މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ މުޖާޒު، ފަހުމީ އަދި ނާޒިމް ވަނީ އެމީހުން ބަންދުކޮށްފައި ތިބި ސެލް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން މުޖާޒު ބުނީ، އޭނާ ބޭނުންވަނީ އެހެން ޔުނިޓަކަށް ބަދަލުވާން ކަމަށާއި އެހެންމީހުންނާ އެކަހެރިކޮށް ހުންނަން ސިއްހީ ހާލަތު ވެސް ތަން ނުދޭ ކަމަށެެވެ. އެގޮތުން އޭނާގެ ޕައިލްސް މައްސަލައާއި ނަފްސާނީ މައްސަލަ ހުންނަ ކަމަށެވެ.
ފަހުމީ ވެސް ބުނީ އެހެން މީހުންނާ އެކަހެރިކޮށް ގެންގުޅޭއިރު އޮފިސަރުން ދަންވަރު އައިސް ވެން ތަން ބަލައި ފާސްކޮށް، ގައިގެ ތަންތަނުގައި އަތްލާ ކަމަށެވެ. ނާޒިމް ބުނީ، އެތަނުގެ ފެނުގައި ލަނީ ތެރެސް ރަހަ ކަމަށާއި އެއީ ބޯން ކެރޭވަރުގެ ފެނެއް ނޫން ކަމަށެވެ. އެހެންކަމުން އެހެން ސެލްއަކަށް ބަދަލުކޮށްދޭން އެދުނެވެ.
މިކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ އެމީހުން އެކަހެރިކޮށް ގެންގުޅެނީ ކަރެކްޝަނަލް ސާވިސްއާއި ފުލުހުން އެސެސްމެންޓެއް ހެދުމަށްފަހުގައި ކަމަށެވެ.
އެހެންކަމުން އެމީހުން ބަންދުކޮށްފައި ތިބި ތަނުގެ ހާލަތާއި، ކަރެކްޝަންސް އިން އެމީހުންނާމެދު އަމަލުކުރަމުން އަންނަ ގޮތުގެ ތަފްސީލް ކޯޓަށް ހުށަހެޅުމަށް ގާޒީ ދައުލަތަށް އެންގެވި އެވެ. ގާޒީ ވިދާޅުވީ ވަކި ޔުނިޓަކަށް ބަދަލުރާން ކޯޓުން ނާންގާނެ ކަމަށާއި، ކޯޓަށް އެންގޭނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ކަމަށެވެ.
މައްސަލަ ލަސްވިޔަސް އިދާރީ ގިނަ އަޑުއެހުންތަކެއް
މައްސަލައިގެ އަޑުއެހުމެއް ބާއްވަން ގިނަ ދުވަސްތަކެއް ނެގިޔަސް އިދާރީ ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާ ކަމަށް ގާޒީ މިއަދު ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައިގައި 100 އަށްވުރެ ގިނަ ސަފްހާ ހިމެނޭ ލިޔެކިޔުންތަކާއި ސީޑީތައް ވަކީލުން ކޯޓަށް ހާޒިރުކޮށްގެން ވަނީ ދައްކައިފަ އެވެ. އެއީ ދިފާއަށް ދޫނުކުރެވޭނެ ކަމަށް ދައުލަތުން ބުނާ ލިޔުންތަކެވެ.
އަދި ގިނަ ހެކިތަކެއް ވަކި މިންވަރަކަށް ސިއްރުކޮށްދިނުމަށާއި އެއްވެސް މިންވަރަކަށް ހާމަކުރެވެން ނެތް ލިޔެކިޔުންތައް ސިއްރުކޮށްދިނުމަށް ވެސް ދައުލަތުން ކޯޓުގައި ވަނީ އެދިފަ އެވެ. އެކަމަކު ބައެއް ވަކީލުން ބަދަލުވުމާއި ފަހުމީގެ ދިފާއީ ވަކީލް ތަނާޒުލްވެފައިވާތީ އާއި ބައެއް ލިޔުންތައް ދިފާއީ ވަކީލުންނަށް ނުބެލޭތީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު މިއަދު ގޮތެއް ނިންމާފައެއް ނުވެ އެވެ. ދެން އަންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އިސް ގާޒީ އާދަމް މުހައްމަދާއި، ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހެވެ.