ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މ. ކުދެހިގެ އިސްހާގުގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްދިނުމަށް ކޯޓުގައި އެދިއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހައެއްފަހެއް ހަމަލާގައި ދައުވާ ލިބޭ ހަ މީހުންގެ އިބްތިދާއީ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. މި އަޑުއެހުން ފެށަމުން އިސް ގާޒީ އާދަމް މުހައްމަދު ވަނީ އިސްހާގުގެ ފަރާތުން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ފާހަގަކޮށް އޭނާގެ ފަރާތުން ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެ ހުށަހެޅުން އޭނާގެ ފަރާތުން ހުށަހަޅާފައި ވަނީ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
އެ ގޮތަށް އެދުނު ނަމަވެސް މި މަރުހަލާގައި ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ ސަބަބެއް ނެތް ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމައިފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާނެ މަގުބޫލު ސަބަބުތަކެއް ވާނަމަ އެ ސަބަބުތަކާ އެކީ އަނެއްކާ ވެސް ކޯޓަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އޭގެ ފަހުން އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
މި މައްސަލައިގައި އިސްހާގުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވުމުން އޭނާގެ ފަރާތުން އެދިފައި ވަނީ ދައުވާތައް އިތުރަށް ސާފުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ވަރަށް ގިނަ ވީޑިއޯ އަދި ލިޔެކިޔުންތައް ހުރުމުން އެތަކެތި ދިރާސާ ކުރުމަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ދިފާއީ ވަކީލާއި އެކީ އިސްހާގު އެކުގައި ތިބެ އެތަކެތި ކޯޓުގައި ދިރާސާ ކުރުމުގެ ފުރުސަތު ޝަރީއަތުން ވަނީ ދީފައެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އަށް ވެސް ޝަރީއަތުން މިއަދު ވަނީ އެފުރުސަތު ދީފަ އެވެ. އިދާރީ މި ބައްދަލުވުންތަކަށްފަހު ދިފާއީ ހެކިން ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ވެސް ވަނީ ދީފަ އެވެ.
އިސްހާގުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
އިސްހާގަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެ ހަމަލާ އަށް ތައްޔާރުކުރި މީހާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އަދި ފަހުމީ އަކީ ވެސް ހަމަލާގެ އެކި ކަންކަމުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް ރަޝީދުގެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ. އޭނާ ވަނީ ދައުލަތާ އެކީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފަ އެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.