ޓެރަރިސްޓް ހަމަލާ

ފެނުނު ލިޔުންތަކާއި ފޮޓޯތައް ހަރުކަށި ފިކުރަށްވާ ގޮތް ދައުވާ ލިބޭ މީހުންނަށް ސާފެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ބަންދުކޮށް ދައުވާ އުފުލާފައިވާ ބައެއް މީހުން އަތުން ފެނިފައިވާ ފޮޓޯ އާއި ލިޔުންތަކަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދައްކުވައިދޭ އެއްޗެހިކަން އެނގޭނެ ގޮތްތަކަކީ ކޮބައިކަން ސާފު ނުވާ ކަމަށް އެމީހުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމް އަދި ދަފްތަރު ނަންބަރު 1326، ހަސަން ޔާސީން އަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެކެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން ހުޅުމާލެ ފްލެޓް 07-3-56، މުހައްމަދު ޒޫމާލް ޒަރީރަށް ވެސް މި ދައުވާ އުފުލި އެވެ. އޭނާގެ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

މި މީހުންގެ މައްޗަށް އެއް ދައުވާ ފޯމަކުން ދައުވާކޮށްފައިވީ ނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ޔާސީންއަށް ދައުލަތުން ކޮށްްފައިވާ ދައުވާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން ހުރި ބަޔަކު ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު އޭނާގެ ފޯނުން ޓެރަރިސްޓް ޖަމާއަތެއްގެ ފޮޓޯ އާއި ޑޮކިއުމެންޓްތަކެއް ފެނިފައިވާ ކަމަށެވެ.

އެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އެކަމަކު ދައުވާގައި ބަޔާންކުރާ ކަންކަން ސާފުނުވާތީ އެކަން ސާފުކޮށްދިނުމަށް އޭނާގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވުމުން އޭނާގެ ބައިގައި ކުރިއަށް ގެންދިޔައީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

ޔާސީންގެ ދިފާއީ ވަކީލް އަބްދުﷲ އަލީ ވިދާޅުވެފައި ވަނީ ދައުލަތުގެ ދައުވާގައި ބަޔާންކުރާ ކަންކަމާއި ހުށަހަޅާފައިވާ ލިޔުންތަކާއި ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން ޔާސީންގެ އަތުން ފެނިފައިވާ ފޮތްތަކެއް ހިމެނޭ ކަމަށާއި އެ ފޮތްތަކުން ހަރުކަށި ފިކުރަށް މަގުފަހިވަނީ ސީދާ ކޮންކަމެއްކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ފެނިފައިވާ ތަކެތިން ސީދާ ހަރުކަށި ފިކުރުކަން އެނގެނީ ކޮން ގޮތަކަށްތޯ ސާފުކޮށްދިނުމަށް އެދިވަޑައިގަތެވެ.

އެކަމަކު ދައުލަތުން ބުނެފައި ވަނީ އެކަންކަން ސާފުކުރުމުގެ މަރުހަލާ މިހާރު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. މީގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އޭނާއަށް ހަތް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މުއްދަތުގައި ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން ގާޒީ ހަސަން ސައީދު ވަނީ އިތުރު ހަތް ދުވަސް ހުށަހެޅުންތައް ހުށަހެޅުމަށް ދީފަ އެވެ. އެކަމަކު ދެ ފަހަރު ފުރުސަތު ދިނުމުން ވެސް ދިފާއީ ހެކި ހުށަހަޅާފައި ނުވާތީ އެފުރުސަތު ދެން ނުދެވޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ނާޒިމްގެ ބައިގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ވަކީލެއްގެ ހާޒިރުގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމެވެ. މީގެ ކުރިން ބޭއްވި މަޖިލީހުގައި އޭނާ ވަނީ ވަކީލަކާ ނުލައި ދައުވާއަށް އިންކާރުކޮށްފަ އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން ހުރި ބަޔަކު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމާ ގުޅިގެން އޭނާގެ ގެ ބަލައި ފާސްކުރިއިރު ފެނުނު ޕެންޑްރައިވްއަކުން ހަރުކަށި ފިކުރަށް ތާއީދުކުރާ ލިޔުންތަކަކާއި ފޮޓޯތަކެއް ފެނިފައިވާ ކަމަށެވެ.

ދައުވާ އިއްވުމުން ނާޒިމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވެސް ވަނީ އެ ލިޔުންތަކާއި ފޮޓޯތަކުން ހަރުކަށި ފިކުރުކަން ދޭހަވާ ތަފްސީލުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ހުށަހަޅާފައިވާ ހެކިތަކުން އެކަންކަން ސާފުކޮށް އެނގޭނެ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓުތަކުން އެކަންކަން ސާފުވެގެންދާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ ފަރާތުން އެ ދައުވާއަށް ވަނީ އިންކާރުކޮށްފަ އެވެ. ސަބަބަކަށް ބުނެފައިވަނީ އެފަދަ އެއްވެސް އެއްޗެއް އަތުގައި ގެންގުޅެފައި ނުވާނެ ކަމަށާއި އެގޮތުގެ މަތިން ދިފާއުއަށް މައްސަލަ ސާބިތުވެސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ ހެކިތައް ހާމަކޮށްފަ އެވެ. އެގޮތުން ސިއްރު ހެއްކަކާއި އިންޓެލިޖެންސް ރިޕޯޓުތަކާއި އެ ރިޕޯޓުތައް ތައްޔާރުކުރި އޮފިސަރުންނާއި އިސްލާމިކް މިނިސްޓްރީގެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހިމެނެ އެވެ. އަދި ގިނަ ކިތާބީ ހެކިތަކެއް ވެސް ހިމެނެ އެވެ.

މި މައްސަލައިގައި ހުރި ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށްވެސް ކަނޑައަޅުއްވައިފަ އެވެ. އަދި ދިފާއީ ހެކި ހުށަހަޅަން ނާޒިމަށް 10 ދުވަހުގެ މުއްދަތެއް ވެސް ދެއްވި އެވެ.

ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ 11:30 ގަ އެވެ. ޔާސީންގެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ ޓެރަރިޒަމްއާ ގުޅޭ އިތުރު ދައުވާތަކެއް ވެސް ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ. އެ ދައުވާތަކަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.