ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއް ހަމަލާ: ހެކިތައް ރައްކާތެރިކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ދައުވާކޮށްފައިވާ ހަ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ކްރިމިނަލް ކޯޓުން ސިރުކޮށްދީފި އެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅު ހެކިތަކެއް ރައްކާކޮށްދިނުމުގެ އަމުރަކަށް އެދިފަ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ މިކަމަށް ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުގެ ފަރާތުން ސިއްރުކޮށްދޭން އެދިފައިވާ ހެކިތަކުގެ ތެރޭގައި މި މައްސަލައިގައި ސިއްރު ހެކިން ދީފައިވާ ބަޔާންތަކާއި، ތަހުގީގަށް ދީފައި އިންޓަވިއުތަކާއި، ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކޮށްފައިވާ ފޮޓޯސެޓުތަކާއި، އެމްއެންޑީއެފްގައި މަސައްކަތް ކުރާ ހަ ފަރާތެއްގެ ހެކިބަސް ހިމެނެ އެވެ.

ދައުލަތުން ބުނީ ހެކިތައް ސިއްރުކޮށްދޭން އެދިފައިވަނީ ހެއްކަކަށް ޖިސްމާނީ ގެއްލުމެއް ލިބިދާނެތީ އާއި ކަމެއް މަޖުބޫރުކޮށް އަދި ހެކީގެ އަސްލު އޮޅުވާލަފާނެތީ ކަމަށެވެ.

މީގެ އިތުރުން ބައެއް ހެކިތަކުގެ ވަކި މިންވަރެއް ކޯޓަށް ހާޒިރުވެގެން ދިރާސާ ކުރެވޭ ގޮތަށް ހަމަޖައްސައިދިނުމަށް ވެސް ދައުލަތުން އެދުނެވެ. އެގޮތުން ޕޮލިސް އިންޓެލިޖެންސް ރިޕޯޓަކާއި، ފައިނޭންސް އެނަލިސިސް ރިޕޯޓެއް ހިމެނެ އެވެ. އޮސްޓްރޭލިއާ ފެޑެރަލް ޕޮލިސްގެ އިންޓެލިޖެންސް ރިޕޯޓުތަކެއް ވެސް މީގެތެރޭގައި ހިމެނެ އެވެ. އަދި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނާ ގުޅޭ ހަރުކަށި ފިކުރަށް މަގުފަހިވާ ކަންތައްތަކެއް ބަޔާންކޮށްފައިވާ ފަސް ފޮތެއް ވެސް ހިމެނެ އެވެ.

ދައުލަތުން ބުނީ މި ހެކިތައް ރައްކާތެރި ނުކޮށްދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތާއި، މިފަދަ މައްސަލަތައް ތަހުގީގުކުރަން ފުލުހުން ބޭނުންކުރާ އުކުޅުތައް ހާމަވެގެންދާނެ ކަމަށެވެ.

ހެކިތައް ސިއްރުކުރުމަށް ދިފާއީ ވަކީލުން ދެކޮޅު ހެދި އެވެ. އެކަމަކު ގާޒީންގެ ބެންޗުން ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އަންނަ މަހުގެ ތެރޭގައި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާލާނެ ކަމަށް ގާޒީންގެ ބެންޗުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އަންނަ މަހުގެ ނުވަވަނަ ދުވަހާއި، 12 އަދި 13 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވަނީ އަންގާފަ އެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ވެސް މިއަދު ވަނީ ދީފަ އެވެ. އަދި ދައުވާ ލިބޭ ފަހުމީ އަލީގެ ދިފާއީ ވަކީލް ބަދަލުވުމާ ގުޅިގެން ދިފާއީ ހެކިން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.