ނަޝީދަށް އަމާޒު ކުރި ހަމަލަ

ބޮމުގެ ހަމަލާއަށް ތަސްލީމްގެ އެކްސްޕާޓް އެހީ ހޯދި: ހެކި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ ދިނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ އެކްސްޕާޓް އޮޕީނިއަންގެ ދަށުން ކަމަށް ހެކިވެރިޔަކު މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

އެ މައްސަލައިގައި ތަސްލީމްގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މިއަދު ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުކުރި އޮފިސަރު މިއަދު ވަނީ ހެކިބަސް ދީފަ އެވެ. ކާކުކަން ނޭންގޭ ގޮތަށް އޮފިސަރު ހެކިބަސް ދެމުން ބުނެފައި ވަނީ ތަސްލީމަކީ ދީނީ ހަރުކަށި ފިކުރު އަދި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މެޓީރިއަލްސްތަކާއި މެނުއަލްތައް ބޭނުން ކޮށްގެން އައިއީޑީ ހެދުމުގެ އެކްސްޕާޓެއް ކަމަށެވެ.

މީގެ ކުރިން ވެސް އޭނާ އިސްވެހުރެ އައިއީޑީ ހެދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަޝީދަށް ދިން ހަމަލާގައި ވެސް އޭނާގެ އެކްސްޕާޓު އޮޕީނިއަން ހޯދާފައިވާ ކަމަށެވެ. އެގޮތުން އެ ހަމަލާ ދިނުމަށް އައިއީޑީ ހަދާފައި ވަނީ ސީދާ ތަސްލީމްގެ ހިޔާލާ ފިކުރު ހޯދައިގެން ކަމަށް ބުނެފައިވެ އެވެ.

އޭނާ އަކީ 2015 ވަނަ އަހަރުން ފެށެގެން ހަރުކަށި ފިކުރު ޕްރޮމޯޓްކޮށް ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދެމުން އަންނަ މީހެއް ކަމަށް އިންޓެލް އޮފިސަރު ވަނީ ބުނެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު މާލޭގެ ފަސްތަނެއްގައި ބޮން ގޮއްވާލަން ރޭވި ހާދިސާގައި އައިއީޑީ ހަދަން އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ތަސްލީމު ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭގެ ތެރެއިން އެއް ހަމަލާ އަމާޒުކުރަން ރޭވީ މ. ކުނޫޒުގައި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ.

"ތަސްލީމަކީ އައިއެސްއަށް ތާއީދުކޮށް އެޖަމާއަތުގެ މެޓީރިއަލްސްތަކާ ބައެއް މެނުއަލްތައް ބޭނުންކުރާ މީހެއް. އެހެންވީމާ އައިއީޑީއެއް ހެދުމުގެ ހުނަރު އޭނާގެ ކިބައިގައި ހުރިކަން ގަބޫލުކުރެވޭ،" އިންޓެލް އޮފިސަރު ބުންޏެވެ.

މީގެ އިތުރުން އިންޓެލް އޮފިސަރު ކިޔައިދިން އެހެން ވާހަކަތަކުގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން ތަސްލީމް ދިޔައީ މާލެ ސަރަހައްދުގައި ދީނީ ހަރުކަށި ފިކުރާ ގުޅޭ ގޮތުން ކްލާސްތައް ރާވައި އިންތިޒާމް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ މަސްޖިރުލް އުމަރު ބުން ޚައްޠާބް މިސްކިތުގައި ހަފްތާއަކު ދެ ރޭ މިފަދަ ކްލާސްތައް ބާއްވާކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ދިރިއުޅުން ބަދަލުކޮށް، އެތަނުގައި އެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.

ތަސްލީމާއި ގުޅޭ ގޮތުން މި ހެކިވެރިޔާ އިތުރަށް ބުނެފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެގޮތުން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އަދި މ. ކުދެހިގެ އިސްހާގާއި ވަރަށް ގާތް ގުޅުމެއް ތަސްލީމާ ދެމެދު އޮންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޓެރަރިސްޓް ހަމަލާއާއި ގުޅޭ އިތުރު މައްސަލައެއް ވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ހުރިހާ މައްސަލައެއްގައި ވެސް ތަސްލީމް ވަނީ ދައުވާތަކަށް އިންކާރުކޮށް އެފަދަ އެއްވެސް ކަމެއް ކޮށްފައި އަދި ކުރަން އުޅުނު ކަމަށް ވެސް އިންކާރުކޮށްފަ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ތަސްލީމުގެ ހިއްސާ އޮތްއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާ މެދު އެމްޑީޕީގެ މެމްބަރުން ވަނީ ކުރިން ސުވާލު އުފައްދައިފަ އެވެ. އޭނާގެ މައްޗަށް އެހާ ލުއި ދައުވާއެއް ނުކުރެވޭނެ ކަމަށް މެމްބަރުން ވަނީ ބުނެފަ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ތަސްލީމުގެ ބަޔާއެކު ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ ބައިވެސް ކުރިއަށް ގެންދެ އެވެ. މި ދެމީހުންގެ މައްސަލައިގައި ދެން އަޑު އެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.