ދެހާސް ވިހިވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ބިދޭސީ ފަތުރުވެރިޔަކަށް ހަމަލާ ދިނީ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކާއި އިތުރު މީހަކު ވެގެން، އޭނާގެ ދަރިންގެ މައްސަލައެއްގައި ބަދަލު ހިފުމުގެ ގޮތުން ކަމަށް ކްރިމިނަލް ކޯޓުގައި ހެކިވެރިޔަކު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ދެ ހެކިވެރިޔެއްގެ ހެކިބަސް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ނަގައިފަ އެވެ.
އެގޮތުން އިންޓެލިޖެންސް ރިޕޯޓު ތައްޔާރުކުރި ހެކިވެރިޔާ ބުނެފައި ވަނީ އަލިމަނިކަކީ 2000 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅޭ ފަރާތެއް ކަމަށެވެ. އޭނާ އަކީ އެ ފިކުރަށް މީހުން ވެއްދުމަށާއި މީހުން ރެކްރޫޓްކޮށް އަދި ޓެރަރިސްޓް ހަމަލާތައް ދިނުމަށް މީހުންނަށް ހިތްވަރުދޭ މީހެއް ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.
ދެހާސް ހަތްވަނަ ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރުގެ މީހުން ހިންގި ހަމަނުޖެހުންތަކުގެ މައްސަލައިގައި އޭނާ ޖަލަށްލުމުން ޖަލުތެރޭގައި ވެސް ފުޅާ ދާއިރާއެއްގައި އެ ފިކުރު ފަތުރަން އޭނާ މަސައްކަތްކުރި ކަމަށް އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހެކިވެރިޔާ ކިޔައިދިނެވެ.
އަލިމަނިކުގެ ހިސްޓްރީ ކިޔައިދެމުން އޭނާ ބުނެފައި ވަނީ އޭނާ އަކީ ރާއްޖޭގެ ސްކޫލްތަކުގެ މަންހަޖު ގަބޫލުކުރާ މީހެއް ނޫން ކަމަށާއި އަދި ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކަށް ތަބާނުވުމާއި ބަލިތަކުން ދިފާއުވުމަކީ -- ވެކްސިން ޖެހުމަކީ -- އިސްލާމް ދީނާ ދެކޮޅު ކަމެއް ކަމަށް ގަބޫލުކުރާ މީހެއް ކަމަށެވެ. އެހެންކަމުން ދަރިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި ދަރިންގެ ކަންކަމުގައި އިހުމާލުވާތީ 2019 ވަނަ އަހަރު އޭނާ ހައްޔަރުކޮށް، ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް އިންޓެލިޖެންސް އެކްޕާޓް ވަނީ ކިޔައިދީފަ އެވެ.
"2020 ވަނަ އަހަރު ހުޅުމާލޭގައި ތިން ބިދޭސީއަކަށް އެއީ ޓޫރިސްޓުންގެ ބައެއް ކަމަށް ބެލެވެނީ، އެމީހުންނަށް ތޫނު އެއްޗަކުން ހަމަލާ ދިނީ މީނާ އާއި އިތުރު މީހެއް. އެއީ ދައުލަތުން އޭނާއާ ދަރިން ވަކިކުރުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފާހަގަވެފައިވޭ،" އިންޓެލް އޮފިސަރު ބުންޏެވެ.
އެކަމާ ގުޅިގެން އަލިމަނިކު ބުނެފައި ވަނީ އޭނާ ކުދިން ސްކޫލަށް ނުފިނުވީ މާލީ ހާލަތު ހުރި ގޮތުންނާއި އޭރު ކަންކަން ދިމާވެފައިވާ ގޮތުން ކަމަށެވެ. ކުދިން ސްކޫލަށް ވައްދާފައިވާކަން ސްކޫލްގެ ރިކޯޑުތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ. އަދި ދަރިންގެ މައްސަލަ މިހާރު ކޯޓުގައި
ކުރިއަށްދާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
އޭނާ އަކީ މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ސިއްރު ބައްދަލުވުންތައް ބާއްވައި މީހުންނަށް ދީނީ ހަރުކަށި ފިކުރާ ގުޅޭ ގޮތުން ތަގުރީރުތައްދޭ މީހެއް ކަމަށް ހެކިވެރިޔާ ބުނެފައިވެ އެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކެފޭތަކާއި މީހުން ނެތް މައިޒާންތަކާއި މިސްކިތްތަކުގެ އިތުރުން އޭނާގެ ގޭގައި އެކަން ކުރެ އެވެ. މިފަދަ މަޖިލީސްތަކުގައި މަދުވެގެން 10 ވަރަކަށް މީހުން ބައިވެރިވާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މިއަދު ހެކިބަސް ދިން ދެވަނަ މީހާއަކީ އަލިމަނިކުގެ ދެ ފޯނެއް ތަހުލީލުކުރި ފުލުހުންގެ އޮފިސަރެކެވެ. އޭނާ ބުނެފައި ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުންހުރި ވީޑިއޯ އަދި ފޮޓޯތައް އޭނާގެ ފޯނުން ފެނިފައިވާ ކަމަށެވެ. އަދި ނަޝީދަށް ހަޖޫޖަހައި މަލާމާތްކޮށްފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކާއި، އަލްގައިދާ ޓެރަރިސްޓް ޖަމާއަތާ ހުޅުންހުރި ފޮޓޯ ވެސް ފެނިފައިވާ ކަމަށެވެ. އަދި ދީނީ ހަރުކަށި ފިކުރުގެ މައުލޫމާތު ހިމެނޭ މައުލޫމާތުތައް ހިމެނޭ ފައިލްތައް ޓެލެގްރާމް އަދި ވައިބާ މެދުވެރިކޮށް މުއާމަލާތްކޮށްފައިވާ ކަމަށްވެ އެވެ.
މީގެ އިތުރުން ގޫގުލް ކްރޯމްގައި "ވަޓް އިޒް ތޯގޫތު" ސާޗުކޮށްފައިވާ ކަމަށެވެ. ތޯގޫތުންނަކީ މާތްﷲ އަށް އަޅުކަން ނުކުރާ މީހުން ކަމަށް ފުލުހުން ބަޔާންކުރެ އެވެ. އަލިމަނިކު ދެކޭގޮތުގައި ރާއްޖޭގެ ދައުލަތުގެ އިސްވެރިންނާއި ސަލާމަތީ ފަރާތްތަކާއި އަދި ކޯޓުތަކުގެ ފަނޑިޔާރުންނަކީ ތޯގޫތުން ކަމަށް އިންޓެލް އޮފިސަރު ހެކިބަސް ދެމުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.