ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އޮންނަ ގޮޅިއާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ކުރުމުން، އެކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށް ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.
އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން އިއްވުމެވެ.
އިފްތިތާހީ ބަޔާން އިއްވުމަށްފަހު ވާހަކަދައްކަން ދިން ފުރުސަތުގައި އަލިމަނިކު ވަނީ އޭނާގެ ގޮޅީގެ ހާލަތު ކިޔައިދީފަ އެވެ. އެގޮތުން އޭނާ އޮންނަ ގޮޅި ވަރަށް ކުޑަވެފައި ހޫނު ގަދަ ކަމަށާއި، ރޭގަނޑު މަދިރިޔާ ހެދި ނުނިދޭ ކަމަށް ބުންޏެވެ. މަދިރި ލޯޝަނެއް ދީފައިވީ ނަމަވެސް އެ ހޭކުމުން ގައިން ހަން ފޮޅޭ ކަމަށް އޭނާ ބުންޏެވެ. އެއްދުވަހު ކާން ގެނައި މުގު ރިހައިގައި ފުޅަ ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަދި ފާހާނާގެ އެއްވެސް ދޮރެއް ނުހުންނަ ކަމަށާއި، ފާހާނާ ކުރާއިރު ގައިދަށުގައި އޮންނަ ކުނާ ނުވަތަ ބެޑްޝީޓުން ތަން ނިވާ ކުރާކަމަށް އޭނާ ބުންޏެވެ. ފަސް ހަ މީހުން ގޮޅީގައި އުޅޭއިރު މިއީ ޖިންސީ ފުރައްސާރައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.
މީގެ އިތުރުން، ގާނޫނުގައި މޫސުން ތަންދޭ ނަމަ ގައިދީން ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ކަސްރަތު ކުރަން ނެރެން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ބޭރަށް ނެރެނީ ހަފްތާއަކު އެއްފަހަރު ކަމަށް އޭނާ ބުންޏެވެ. އަދި ރޭގަނޑު ގުރުއާން ކިޔަވައިލެވޭނެ ވަރަށް އަލި ކަމެއް ނުހުންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދައުލަތުން މިކަމާ ގުޅޭ ގޮތުން ބުނެފައި ވަނީ މި ޝަކުވާތަކަކީ މުޅިން އާ ޝަކުވާތަކެއް ކަމުން ކަރެކްޝަނަލް ސާވިސް އިން އެކަމުގެ މައުލޫމާތުތައް ހޯދާނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އަލިމަނިކު ފާހަގަކުރި ކަންކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ އިންސާނުންގެ ތެރޭގައި ހިނގައިގެން ނުވާނެ ކަންކަން ކަމުގަ އެވެ. އެހެންކަމުން އެމީހުން ތިބީ އެފަދަ ހާލަތެއްގައިތޯ ބެލުމަށް އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅުމަށް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ބައެއް މައްސަލަތައް އެގޮތަށް އެޗްއާރްސީއެމް އަށް ހުށަހެޅުމުން، އެމީހުން ނިންމާފައިވާ ނިންމުންތަކެއްގެ މައްޗަށް ދައުލަތުގެ ދައުވާތައް އަނބުރާ ގެނެސްފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެޗްއާރްސީއެމް އިން މައްސަލަ ތަހުގީގުކުރުމަށް ފަހު ހުށަހަޅާ ރިޕޯޓު މުހިންމު ކަމަށް ފާހަގަކުރެއްވި އެވެ.
އިފްތިތާހީ ބަޔާން އިއްވަމުން އަލިމަނިކުގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދައުލަތުގެ ދައުވާގައި ބުނާ އެއްވެސް އަމަލެއް އަލިމަނިކު ހިންގާފައި ނުވާ ކަމަށެވެ. އައި އަލިމަނިކަކީ އައިއެސްއާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށާއި، އައިއެސް މީހުންނަކީ ކޮންބައެއް ކަންވެސް އޭނާ އަށް ނޭންގޭ ކަމަށެވެ.
އަލިމަނިކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަޖޫރީ މަސައްކަތް ކޮށްގެން އުޅޭ މީހެއް ކަމަށާއި އައިއެސްގެ އެއްވެސް އެކައުންޓަކުން އޭނާއަށް ފައިސާ ވެސް ލިބިފައި ނުވާ ކަމަށެވެ.
ތަސްލީމުގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން އިފްތިތާހީ ބަޔާން އިއްވަމުން ވިދާޅުވެފައި ވަނީ ތަސްލީމް ކްލާސްތަކެއް ހިންގައިގެން އައިއެސް ޖަމާއަތާ ބެހޭ މައުލޫމާތު ފަތުރާކަމަށް ދައުލަތުން ބަޔާންކުރާ ކަމަށެވެ. އެކަމަކު އެބުނާ ކްލާސްތަކުގައި ދައްކާފައި ހުރި ވާހަކަތަކެއްގެ އޯޑިއޯ އަދި އޯޑިއާއާ ގުޅޭ ރިޕޯޓެއް ވެސް ހިމަނާފައި ނުވާ ކަމަށެވެ. އަދި ތަސްލީމަކީ އައިއެސްގެ މީހެއްކަން އެނގޭ ލިޔެކިޔުމެއް އަދި އިންޓެލިޖެންސް ރިޕޯޓެއް ވެސް ނެތް ކަމަށް ފާހަގަކުރެއްވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ މި މައްސަލައިގެ ތާވަލެއް ވެސް އެކުލަވާލައިފަ އެވެ.
މި މައްސަލައިގެ ތާވަލް
- 26 މޭ 2022 - ހެކިބަސް ނެގުން
- 15 ޖޫން 2022 - ހެކިބަސް ނެގުން
- 18 ޖުލައި 2022 - ހެކިބަސް ނެގުން
- ދޭއް އޮގަސްޓް 2022 - ހެކިބަސް ނެގުން
- 21 އޮގަސްޓް 2022 - ހުލާސާ ބަޔާން އިއްވުން
- 20 ސެޕްޓެމްބަރު 2022 - ހުކުމް ކުރުން
ހައެއް ފަހެއް ހަމަލާއާއި ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ. މީގެ ތެރެއިން އަދުހަމް ކުށަށް އިއުތިރާފްވުމާއި ގުޅިގެން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލާފަ އެވެ.
މި ހަތް މީހުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދާއިރު، އެ މައްސަލައިގައި ވެސް ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ކޯޓުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.