ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތިން މީހުން ދައުވާއަށް އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހެއްގެ ދައުވާ ދައުލަތުން ވަނީ އިއްވާފަ އެވެ.
އޭގެތެރެއިން ދައުވާއަށް އިންކާރުކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.
މި މައްސަލައިގައި ދައުވާ ލިބޭ މ. ކުދެހިގެ އިސްހާގަށް އުފުލާފައިވާ ދައުވާތައް އިއްވުމުން އޭނާގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ދައުވާތައް ސާފުކުރުމަށް ގުޅިގެން މުވައްކިލާއިއެކު މަޝްވަރާކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެެ. އެހެންކަމުން ޝަރީއަތުން ވަނީ އެފުރުސަތު ދެއްވާފަ އެވެ.
ތިން މީހުން ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ހުލާސާ ގޮތެއްގައި ހެކި ހާމަކޮށްފަ އެވެ. ނަމަވެސް ހެކިތަކުގެ ތަފްސީލަށް ގޮސްފައެއް ނުވެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާ އެވެ.
މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވި ކަމުގެ ކުށުގެ ދައުވާ އެވެ.
އަދި އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު ވަނީ މީގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފަ އެވެ.
ތަހުމީނުގެ ދިފާއީ ހެކިވެރިން ހެކިބަސް ދޭން ދެކޮޅު
މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނު އަހުމަދާއި މުޖާޒް އަހުމަދުގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅުމަށް ދިން ފުރުސަތުގައި ހެކި ހުށަނާޅާ ކަމަށް އިސް ގާޒީ އާދަމް މުހައްމަދު ފާހަގަކުރެއްވި އެވެ.
ތަހުމީނުގެ ދިފާއީ ވަކީލް ވިދާޅުވީ، މި މައްސަލައިގެ ބާވަތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅަން އުޅުނު ހެކިވެރިން ހެކިބަސް ދޭން އިންކާރު ކުރާ ކަމަށެވެ. ނަމަވެސް އިތުރު ތިން މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހުން ދިފާއީ ހެކިންގެ ގޮތުގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މުޖާޒްގެ ފަރާތުން ބުނެފައި ވަނީ ހެކިން ހުށަނޭޅުނީ ދިފާއުވުމަށް ބޭނުންވާ ބައެއް ބަޔާންތައް ނުލިބޭތީ ކަމަށެވެ. އެ ބަޔާންތައް ދައުލަތުން ހިއްސާކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެ ބަޔާންތައް ދިރާސާ ކުރުމަށްފަހު ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ވީޑިއޯތަކާއި ލިޔެކިޔުންތައް ދިރާސާކުރުމަށްޓަކައި މުވައްކިލާއި ވަކީލުން އެކީ ވަގުތު ބޭނުންވާ ކަމަށް ބައެއް ދިފާއީ ވަކީލުން ފާހަގަކުރުމުން ޝަރީއަތުން ވަނީ ކޯޓަށް ހާޒިރުވެގެން ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މި ތަކެތި ދިސާރާ ކުރުމަށްފަހު ދިފާއީ ހެކިން ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދެއްވާފަ އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ހަ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އިސް ގާޒީ އާދަމް މުހައްމަދާއި، ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހެވެ.