އަދުހަމް އަހުމަދު ރަޝީދު

އަދުހަމް 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ 22 އަހަރާއި 4 މަހާއި 21 ދުވަހެވެ. އެއީ ހަމަލާއަށްފަހު އޭނާ ހައްޔަރުކުރި ގޮތަށް މިއަދު ހުކުމް ކުރާ ހަމައަށް ޖަލުގައި ހޭދަކުރި 221 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި ހުންނަންޖެހޭ ދުވަސްތަކެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އެކަމަކު ދައުލަތުން މިއަދު ވަނީ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ހަތަރު ދައުވާގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ވަނީ ލުއި ދީފަ އެވެ. އަދުހަމް ވަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ދައުލަތާ އެކީ އެއްބަސްވެފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އޭނާ ވަނީ އިއުތިރާފްގެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ކުރެވުނީ ކުށެއް ކަމަށާއި ރައީސް ނަޝީދާއި، ހަމަލާގައި އަނިޔާވި މީހުންނާއި އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދުނެވެ. އަދި އެފަދަ ކުށެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

އަދުހަމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ދެން ތިބި މީހުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ.