ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ދައުލަތާއި ދައުވާ ރައްދުވާ ފަރާތުން ވެސް މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނު ފިޔަވައި ހުރިހާ އެންމެން ވަނީ ހުށަހެޅުން ހުށަހަޅައިފަ އެވެ.
ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީން ފިޔަވައި އެހެން މީހުންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކެއް ބަލައި ނުގަތުމަށް އެދިފައެވެ.
ދައުލަތުގެ ބުނީ މި މައްސަލައިގައި މި މީހުންގެ ފަރާތުން ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ބަލައި ނުގަނެވޭނެ ކަމަށެވެ. އެ މީހުންގެ މައުލޫމާތު ކުރިޔާލާ ހާމަކޮށްފައި ނުވާ ކަމަށްވެސް ދައުލަތުން ބުންޏެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ ތަހުގީގު މަރުހަލާގައި ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފާފައެވެ.
މުޖާޒްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކެއް ބަލައި ނުގަތުމަށް ދައުލަތުން ހުށަހެޅީ، 2020 ވަނަ އަހަރުން ފެށިގެން އޭނާ އުޅެމުން ދިޔަ ގޮތް ހާމަކުރުމަށް ހުށަހަޅާފައިވާތީ އެވެ. ދައުލަތުން ބުނެފައި ވަނީ އެ ހެކިން މެދުވެރިކޮށް ދިފާއުން ސާބިތުކުރަން ބޭނުންވާ ކަންކަމަކީ މި މައްސަލައާއި ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
މީގެ އިތުރުން ހެކި ރައްކާތެރިކޮށްދިނުމަށް ނެރުނު ވަގުތީ އަމުރަކީ ދާއިމީ އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ސިއްރު ހެކިންގެ ހެކިބަސް ނަގާއިރު އެމީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެހެން ކާކުކަން ނޭންގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގައިދިނުމަށް ވެސް ދައުލަތުން ހުށަހެޅި އެވެ.
މުޖާޒުގެ ފަރާތުން ދިފާއީ ވަކީލް ހުސެއިން ފުއާދު ވިދާޅުވީ ތަހުގީގުގައި ހަނުހުރުމުގެ ހައްގު މުޖާޒުގެ ކިބައިން ފުލުހުން ނިގުޅައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ހިންގާފައި ވަނީ ގޯސްކޮށް ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ހެކިތައް ހުށަހަޅާ ސަބަބަބުތައް އޮޅުވާލައިފައި ވާތީ އެ ހެކިތައް ބަލައި ނުގަތުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން މި މައްސަލައިގައި ގިނަ އަދަދަކަށް ސިއްރު ހެކިން ތިބުމާއި ގުޅިގެން އެ ހެކިތަކުގެ ނަޒާހާތްތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް ހުށަހެޅި އެވެ.
މުޖާޒުގެ ފަރާތުން ހެކިތަކެއް ހުށަހަޅާފައިވާ ސަބަބު އޮޅުވާލައިފައިވާ ކަމަށް ބުނުމުން ދައުލަތުގެ ފަރާތުން ބުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި މައްސަލައިގައި ދައުވާކޮށްފައިވާތީ ސިސްޓެމެޓިކް އެރޯއެއްގެ ސަބަބުން ބައެއް ހެކިތައް ރިޕީޓްވެފައިވާ ކަމަށެވެ. އެ ހެކިތައް އުނިކޮށްދިނުމަށްވެސް ދައުލަތުން އެދުނެވެ.
މީގެ އިތުރުން ދައުވާ ލިބޭ ނާޒިމް، އިސްހާގު އަދި ފަހުމީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން ދައުވާކޮށް ހުކުމްކޮށްފައިވާ އެއްވެސް މީހެއް ތަހުގީގަށް ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ބޭނުން ނުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބަޔާނެއް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށް ދިފާއީ ވަކީލުން ވަނީ ބަޔާންކޮށްފަ އެވެ.
އެ ނުކުތާގައި ދައުލަތުން ބުނެފައި ވަނީ އެފަދަ އެއްވެސް މީހަކު ތަހުގީގަށް ދީފައިވާ ބަޔާން މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ތެރޭގައި ހުށަހަޅާފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ފަހުމީގެ ފަރާތުން ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތަކެއް ބަލައިނުގަތުމަށް އެދިފަ އެވެ. އެގޮތުން އަމިއްލަ ތަންތަނުން ހޯދާފައިވާ ފުޓޭޖްތައް ބަލައިނުގަތުމަށް ވަނީ އެދިފަ އެވެ. އިސްހާގުގެ ފަރާތުން ވެސް ވަނީ އަމިއްލަ ތަންތަނުން ވީޑިއޯ ފުޓޭޖް ހޯދުމަށް ކްރިމިނަލް ކޯޓުން ހޯދާފައިވާ އަމުރުތައް ހާމަކޮށްދިނުމަށް އެދިފަ އެވެ.
އެކަމުގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ ދައުވާ ލިބޭ މީހުންގެ އަމަލުތައް ހުރި ގޮތް ދެނެގަތުމަށް ފުލުހުން އަމިއްލަ ތަންތަނުން ސީސީޓީވީ ފުޓޭޖް ހޯދާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށެވެ. އެތަކެތި ހޯދާފައި ވަނީ އެތަންތަނުގެ ވެރިފަރާތްތަކުގެ ކިބައިން އެދިގެން އެމީހުން އެތަކެތި ފޯރުކޮށްދިނުމުން ކަމަށެވެ.
އިސްހާގުގެ ފަރާތުން އިތުރަށް އެދިފައި ވަނީ ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި އިސްހާގު ހަރަކާތްތެރިވި ކަމަށް ދައްކައިދޭ ސީސީޓީވީ ފުޓޭޖްތަކުގެ ރޯ ފުޓޭޖްތައް ފޯރުކޮށްދިނުމަށް ވެސް އެދިފަ އެވ. ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވެފައި ވަނީ އެ ފުޓޭޖްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ނުވަތަ ރާއްޖޭގައި ހުރި ވީޑިއޯ އެނަލިސްޓް އެކްސްޕާޓެއް މެދުވެރިކޮށް އަމިއްލައަށް އެތަކެތި ތަހުލީލު ކުރަން ބޭނުންވާ ކަމަށެވެ.
ހުށަހެޅުންތައް ހުށަހެޅުމަށް މިއަދު ބޭއްވި އަޑުއެހުން ކޯޓުގައި 10 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ދެފަރާތުން ވެސް ވަނީ ތަފްސީލީ ގޮތެއްގައި ހުށަހެޅުންތަކާއި ގުޅިގެން ވާހަކަދައްކައިފަ އެވެ. ހުށަހެޅުންތަކަށް ގޮތް ނިންމުން އޮންނާނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ނަޝީދުގެ ވަކީލުން ވަނީ އޮބްޒާވަރުންގެ ގޮތުގައި އަޑުއެހުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.