ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއް ހަމަލާ: ޝަރީއަތްތައް ދިރާސާކުރަން ފުރުސަތަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މޭ ހައެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ޝަރީއަތްތައް ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ދިރާސާކުރުމުގެ ފުރުސަތައް އެދިފައި ވަނީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހުމަދު ޝަކީލަށް މިއަދު ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައިވާ ގޮތުގައި، ނަޝީދުގެ ފަރާތްޕުޅުން މަދުވެގެން ދެ އޮބްޒާވަރުން އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ އެދިފަ އެވެ.

ހައެއްފަހެއް ހަމަލާ އާއި ގުޅިގެން 10 މީހަކަށް ދައުވާކޮށް ޝަރީއަތްތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

މި މައްސަލައިގައި އެންމެ މީހަކު ފިޔަވައި ދައުވާ އުފުލާފައިވާ ހުރިހާ އެންމެން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ކުށަށް އިއުތިރާފްވެފައި ވަނީ ރިމޯޓަކުން ބޮން ގޮއްވައިލި، އަދުހަމް އަހުމަދު ރަޝީދު އެވެ.

އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.