ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއް ހަމަލާ: އަލިމަނިކާއި ތަސްލީމަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ދައުވާކޮށްފި އެވެ.

މި މައްސަލައިގައި އަލީމަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިފައިވާއިރު އަދުހަމް ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ. އަދުހަމްގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ދެން ތިބި މީހުންގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި 3:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.