ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާ: ޝަރީއަތް އަވަސްކުރެވޭކަށް ނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތް އަވަސްކުރަން ހާއްސަ މަސައްކަތެއް ނުކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބް ވިދާޅުވެއްޖެ އެވެ.

ގާޒީ މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު މިއަދު ބޭއްވި މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

ޝަރީއަތް އަވަސްކުރަން ހާއްސަ މަސައްކަތްތަކެއް ނުކުރައްވާނެ ކަމަށް ގާޒީ ސަފްވަތު ވިދާޅުވެފައި މިވަނީ މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ މާބޮޑަށް ލަސްކޮށް ކަމަށް ވިދާޅުވެ މިމައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް މިމަހުގެ 24 ވަނަ ދުވަހު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސަފްވަތު ވަނީ މައްސަލައިގެ ޝަރީއަތް ލަސްވާ ބައެއް ސަބަބުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާޒީ ވިދާޅުވީ ކޯޓުގެ ޖާގައިގެ ދަތިކަން ހުރި ގޮތުންނާއި، ކޯޓުގެ ބައެއް މަސައްކަތްތައްވެސް ޝަރީއަތްތަކާ ފުށުއަރާތީއާއި އަދި ދިފާއީ ވަކީލުންގެ ވަގުތުތައްވެސް ފުށުއަރާތީ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުރާ ޝަރީއަތާ ގުޅިގެން މިއަހަރު ނުވަ އަޑުއެހުމެއް ބާއްވަން ގާޒީ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މިހާތަނަށް ބޭއްވިފައިވަނީ ހަ އަޑުއެހުމެވެ.

ގާޒީ ސަފްވަތު މިއަދު ވިދާޅުވީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 23، 27 އަދި 29 ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުންތަކެއް ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވާނެ ކަމަށެވެ. މި އަޑުއެހުންތަކަށް ހާޒިރުވެވޭނެ ކަމުގެ ޔަގީންކަން ވަކީލުންވެސް ދެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.