ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް އަވަސްކޮށްދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ޕޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އާންމުންގެ ސަމާލުކަން ބޮޑު މައްސަލައަކަށް ވާތީ އެ މައްސަލަ އަވަސްކޮށްދޭން ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދިފައިވާނެ ކަމަށެވެ.
"މައްސަލައަކީ ޕަބްލިކް އިންޓަރެސްޓް އޮތް މައްސަލައަކަށް ވުން އެއީ އަވަސްކޮށްދޭން އެދުނު މައިގަނޑު ސަބަބު،" ޝަފީއު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް ލަސްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ މަންދޫބް އައްބާސް ފާއިޒު ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ހަމަޖެއްސެވި ހާއްސަ މަންދޫބެކެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ އެ ހަމަލާ ދިނުމުގައި އިސްކޮށް ހުރި އަދުހަމް އަހްމަދަށް އެކަންޏެވެ. އޭނާ 23 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ދައުވާ ލިބޭ އެހެން މީހުންގެ މައްސަލަތައް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
މައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރެއިން އަދުހަމް ފިޔަވާ އެހެން މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަދުހަމްގެ އިތުރު އަށް މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
ފުލުހުން މީގެކުރިން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުުރުގެ ބައެއް ކަމަށެވެ.