ކްރިމިނަލް ކޯޓް

ޔާފިސްގެ ބަންދަށް އިތުރު 30 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ ޔާފިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހެކެވެ. ދައުލަތުގެ ފަރާތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ.

ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ، ދީބާނާޒް ފަހުމީ ޗުއްޓީގައި ހުންނެވުމުން ވަގުތީ ގޮތުން އެ ސެކްޝަނާ ހަވާލުވެ ހުންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ 30 ދުވަހަށް ބަންދު މުއްދަތު އިތުރު ކުރުމަށެވެ.

މި މައްސަލައިގެ ބަންދު މުރާޖާ މަޖިލިސްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތުހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް، 2020 ވަނަ އަހަރުން ފެށެގެން އޭނާ ބޭނުންކުރަމުންދިޔަ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވެ އެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޔާސިފް މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.