ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާ ކަމަށް ސެޕްޓެންބަރު 8، 2019 ގައި ނަޝީދު ވިދާޅުވެފައި ވެއެވެ. އެ ތާރީހުގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ސަރުކާރަށާއި އެންމެނަށް ވެސް ދިމާވެފައިވާ އެންމެ މުހިިންމު އެއް މައްސަލައަކީ ފުލުސް އޮފީހުގެ ތެރެއިން ތަރުތީބުން ގަވާއިދުން ހިންގަންޖެހޭ ކަންކަން ހިންގުމަށް ދަތިވެފައި ވުން ކަމަށެވެ.
އެ ރޭ ނަޝީދު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފުލުހުންގެ ނުކިޔަމަންތެރި ކަމުންނެވެ އެހެން ނަމަވެސް އެ މަންޒަރު ތަކުރާރުވާތަން ދެކެން ބޭނުންފުޅެއް ނުވެއެވެ. އަދި އެ މަންޒަރު ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އިދާރާގެ ކަންކަން މިހާރަށްވުރެ ބޮޑަށް އިސްލާހު ވެގެން އަންނަންޖެހެ އެވެ.
"މާ ގިނައިން އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ، މާގިނައިން އަޅުގަނޑުމެންނަށް ފެންނަނީ ހާއްސަކޮށް ފުލުސް އޮފީހުގެ ބައެއް ބޭފުޅުންނަށް ނުކިޔަމަންތެރި ކަމުގައި ހައްދުފަހަނަ އަޅައިގެން ގޮސް އެދާ ޖޯޝުގައި އެދާ ޖަޒުބާތުގައި މި ރާއްޖޭގެ ވެރިކަން އަބަދުމެ އެމީހުންނަށް ބަދަލު ކުރެވެމުންދާނެކަން،" ނަޝީދު އޭރު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ނުކިޔަމަންތެރިކަމުގެ ނަތީޖާ ދެކެފައިވާ ކަމަށާއި އެއީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ވެރިކަމެއް ފުރޮޅިގެން ދިޔަ މަންޒަރު ކަމަށެވެ. އަނެއްކާ ވެސް ނުކިޔަމަންތެރިކަން ދެއްކުމުގައި ހައްދުފަހަނަ އަޅައި އެމީހުންގެ އިހުތިޖާޖްގައި ގޮސް ސަރުކާރެއް ގެއްލިގެންދިޔަ ދޭން އެމްޑީޕީން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"މިކަމާ ގުޅިގެން އެއިރެއްގައި ދައްކާ ހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން، އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ، އަޅުގަނޑަށް އެކަންވެސް އެނގޭ، އަދި އަޅުގަނޑު ގާތުގައި އެމްއެންޑީއެފުން ބުނީ މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލަ އޭ، އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ، ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ، އަދި އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެފާނެ، އެހެން ނަމަވެސް އަޅުގަނޑު މިހުރީ އެވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ވެރިރަށުގެ މައި މަގުގައި ރައީސް ނަޝީދަށް އަމާޒުކޮށް ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އެއީ އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއެކެވެ. ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ވަރަށް ބޮޑަށް ނުރައްކަލަށް ހުށައެޅި ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެއެވެ.
ޓެރަރިސްޓް ހަމަލާގެ ތުހުމަތަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. މީގެ ތެރެއިން ފާތިހުއަކީ ފުލުހުންގެ ވަޒީފާގައި ކުރީން އުޅުނު މީހެކެވެ.
ރައީސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު ފާތިހު އުޅެނީ ވެސް ފުލުހުންގެ ވަޒީފާ އެވެ. އޭނާ ފުލުސް ވަޒީފާ ދޫކޮށްލީ މި އަހަރު އެވެ. ވަޒީފާއިން ވަކިވީ އަމިއްލައަށް ކަމަށް ފުލުހުން ބުނެ އެވެ.
އެމްޑީޕީގެ "މޭ ހައެއް ކޮމެޓީ" ގެ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމާއި ގުޅޭ ގޮތުން ސުވާލެއް ކުރުމުން ކޮމެޓީގެ ޗެއާ ހަސަން އަފީފު ވިދާޅުވީ 2019 ގައި ފުލުހުން ފާރަލާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާ އަދި މިހާރު ކުރީން ފުލުހުގައި އުޅުނު މީހަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ. އަފީފު އެ އިޝާރާތް ކުރަނީ ފާތިހަށެވެ.
"2019 ގައި ރައީސް ނަޝީދު ވިދާޅުވި ފުލުހުން ފާރަލާ ވާހަކަ، ރަނގަޅު، ފުލުހުންގެ ތެރޭ ކުރީ އުޅުނު މީހަކު މިހާރު އެބަހުރި ހައްޔަރު ކުރެވިފައި،" އަފީފު ވިދާޅުވި އެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އޭނާ އިތުރު ވާހަކައެއް ނުދައްކަ އެވެ.
ފާތިހަކީ ކުރީން ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކަށް ވީނަމަވެސް އޭނާއަކީ އެ ވަޒީފާގައި ހުރެ ރައީސް ނަޝީދަށް ފާރަލީ މީހެއްކަން އެނގިފައިވާ ކަަމަށް ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް އަފީފްގެ ވާހަކަތަކުން އެކަން ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ.
އަފީފު ވިދާޅުވި ގޮތުގައި ހަމަލާގައި ސަރުކާރުގެ އަދި ވަކި ބޭފުޅެއްގެ ބައިވެރިވުމެއް އަދި އިހުމާލެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް ނެތެވެ.
ރައީސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ސިފައިން މައުލޫމާތު ދިން ކަމަށް ވިދާޅުވިތާ 24 ގަޑިއިރުގެ ތެރޭގައި ސިފައިން އޭރު އެކަން ދޮގު ކުރި އެވެ.
އެމްއެންޑީއެފުން ސެޕްޓެންބަރު 9، 2019 ގައި ބުނީ، ފުލުހުން ރައީސް ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
"މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވިފައެއް ނުވޭ، ނަމަވެސް އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން،،" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.
އެދުވަހު ފުލުހުން ވެސް ވަނީ އެކަމާ ގުޅިގެން ހަމަ އެވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ނަޝީދަށް ފާރަ ނުލާ ކަމަކަށް ނުބުނެ އެވެ.
ރައީސް އޮފީހުގައި އެ ދުވަހު ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ނޫސްވެރިންނާއި ވެސް ބައްދަލުކުރި އެވެ. އެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމަނިކުފާނު ވެސް ވިދާޅުވީ ނަޝީދަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުންނާއި ސިފައިން ބުނެފައިވާ ކަމަށެވެ.