ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން އުފައްދާފައިވާ ހާއްސަ ކޮމެޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން ނިންމާފައިވާ ކަމަށާ އެކަމަށް އެދި ވަރަށް އަވަހަށް އެޕޮއިންޓްމަންޓަށް އެދޭނެ ކަމަށް "މޭ ހައެއް ކޮމެޓީ" ގެ ޗެއާ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
އެ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އަފީފު ވިދާޅުވީ ކޮމެޓީގެ ހޯދުންތަކަށް އެކި އިދާރާތަކާއި އަދި ދައުލަތުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ 241 ކޮމެޓީ އާއި ފުލުހުންނާއި ސިފައިންނާއި ރައީސް އުފެއްދެވި އިންޓެލް ކޮމެޓީ އާއި ރައީސް އައްޔަން ކުރެއްވި މަންދޫބާއި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރެއްވުމަށް ވަނީ ނިންމާފައެވެ. އަދި އެކަމަށް އެދި ވަރަށް އަވަހަށް އެޕޮއިންޓްމަންޓަކަށް އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު ޖޫން 10 ވަނަ ދުވަހުގެ ރޭ އުފެއްދި "މޭ ހައެއް ކޮމެޓީ" ގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މެންބަރަކާއި ވިލުފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ މެންބަރު އަފީފާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ. ނަޝީދުގެ ފަރާތްޕުޅުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީން ޝަފީގް މިވަގުތު ހިމެނިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ ކޮމަންވެލްތްގެ ގައުމެއްގެ މިފަދަ މައްސަލަތަކުގެ ތަޖުރިބާ ހުރި ބޭފުޅަކު ހޯއްދެވުމެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އަފީފު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވުނު ނަމަވެސް ތަހުގީގު މުޅިން އެގޮތަށް ވިސްނައިގެން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ.
އަދި ވިދާޅުވީ މި މައްސަލާގައި އެންމެ ފުންމިނަށް ދިއުމަކީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާ ހަމަލާ ދިން މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން އަދި އެކަމަށް ހިތްވަރުދިން ބަޔަކު ތިބި ނަމަ އެ ބަޔަކުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.
"މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރެވިފައިވާ ފަރާތްތަކަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް، އަޅުގަނޑަށް ހީވާގޮތުގައި ވަކި ބަޔަކަށް ނެރޯޑައުންކޮށްގެން މިކަންތައް ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭ މިކަމުގައި ދެން އުޅެނީ ކޮން ބައެއްތޯ، ކޮން ބައެއްގެ އިންޓްރެސްޓްގައިތޯ މިކަން ކުރެވުނީ މި ހުރިހާ ދިމާއަކުން އަޅުގަނޑުމެން ބަލައިގެން އަޅުގަނޑަށް ހީވާގޮތުން މިކަމުގެ އެންމެ އަޑިއަށް ދެވޭނީ،"