އެމްޑީޕީ

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކުރިޓީ ފޫއަޅުވާލުމުން އެމްޑީޕީން ކަންބޮޑުވެއްޖެ

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކުރިޓީ ފޫއަޅުވާލި މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން މިކަމާ ގުޅިގެން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިއުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް އިއްޔެ މީހަކު ވަދެފައިވާ ކަމަށެވެ. އެހެންވެ އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް ކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ އާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާ އާއިލީ ގެކޮޅުގެ ސިކިއުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިހްމާލު ނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން އިލްތިމާސް ކުރަމެވެ. އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށް މި ޕާޓީން ގޮވާލަމެވެ.،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެފައިވާ ކަމަށް މީޑިއާ ތަކުގައި ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.