ވީޑިއޯތައް އާންމުކޮށް އަބުރު "ކަތިލީ" ނަމަވެސް ގުޑުވާނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯތަކެއް އާންމުވެ އެކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖްތަކެއްގައެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން ފުރަތަމަ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. ފާޑުކިޔުން އަމާޒުވުމުން ނާޒިމް ވަނީ އޭނާގެ އެކައުންޓްވެސް ޑީއެކްޓިވޭޓް ކޮށްފައެވެ.
ރައީސް ނަޝީދުގެ ސިފަ ކުރެއްވި ގޮތުގައި ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުކުރީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ވަޒީރުންގެ ބައިވެރިވުން އޮވެގެންނެވެ. އަދި އެއީ "ކަތިލު"މެއްގެ ގޮތުގައި ސިފަ ކުރެެއްވިއެވެ. ނަމަވެސް ދެން ވިދާޅުވީ އެފަދަ ކަންކަމުން އެމަނިކުފާނު ގުޑުވާނުލެވޭނެ ކަމަށެވެ.
ނާޒިމްގެ މައްސަލަ ބަލަނީ އިންސާފުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ކިތަންމެ ކަމެއް މީގެ ކުރީން ފެނުނު ނަމަވެސް ނާޒިމްގެ މައްސަލާގައި އަމަލު ކުރި ގޮތަށް އަމަލު ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުން ހުއްޓާލާނީ ނާޒިމް އާއި އެމަނިކުފާނުވެސް ޖަލަށް ލައްވާފައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ޖަލަށްލާނެ ކަން އެނގޭ. އެކަމަކުވެސް ދުލެއް ނުކުރެވޭނެ،" ނަޝީދުގެ އެއް މެސެޖްގައި ވިދާޅުވިއެވެ.
ވީޑިއޯތައް އާންމުކުރާ މައްސަލާގައި ނަޝީދު ވަނީ ފުލުހުންނަށްވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ. ވިދާޅުވީ ވީޑިއޯތަކާއި ފޮޓޯތައް ނެގުމުގައި ފުލުހުންގެ ބައިވެރިވުމާއި އެހީތެރިކަން އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހަށް ދެން ވިދާޅުވީ ފުލުސް އޮފީސް އިސްލާހު ކުރެއްވުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ. އަދި ރައީސް ސޯލިހަށް އަމާޒު ކުރައްވާ ވިދާޅުވީ އެމަނިކުފާނަށް އަމުދުން އެކަން ނުކުރެއްވުނު ކަމަށެވެ.