ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގެ ސީރިއަސް ކަމަށް ބަލާއިރު އެއާއި ގާތްކުރާ މިންވަރަށް ވެސް ފިޔަވަޅުތައް އަޅާފައި ނުވާ ކަަމަށް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި އެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ވެސް ހުންނެވި އިންތި މިހެން ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
އިންތި ވިދާޅުވީ ރާއްޖޭގެ ވެރިރަށުގެ އެންމެ ހަލަބޮލި މަގުގައި ހިނގާ ދިޔައީ ވަރަށް ބޮޑު ކަމެއް ކަމަށާ ނަމަވެސް އެކަން ދައުލަތަށް ބޮޑުވެގެން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި މި ޕާޓީ [އެމްޑީޕީ] ގެ ގައުމީ މަޖިލީހުގައި އިންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅާ އެވަނީ ތޮރުފާލާފައި، އަންދާލާފައި، ފިހެލާފައި. އޭގެ ސަބަބުން ބޭސް ފަރުވާ ކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރުގައި އޮންނަން ޖެހިވަޑައިގެންފައި އެވަނީ. މިއީ އާދައިގެ ކަމެއް ނޫން. މިކަން މިހެން އޮތްއިރު މިކަމުގެ ބޮޑުމިނާއި ސީރިއަސް ކަމާއި މިކަންކަމާއި ގާތްކުރާ ބައްދަލު ރިއެކުޝަނެއް ވެސް އަޅުގަނޑުމެންގެ ދައުލަތުން ނުފެންނަ ކަމީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،"
އިންތި ވިދާޅުވީ ޓެރަރިސްޓް ހަމަލާއަކަށް ފަހު ރާއްޖެއިން މިހާރު ފެންނަމުންދާ ފަދަ ކަންތައްތަކެއް ދުނިޔޭގެ އެއްވެސް ގައުމަކުން އޭނާއަށް ފެނިފައި ނުވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއްގައި މިހާ ލޮނުމަޑުކޮށް އަމަލުކުރި ގައުމެއް މުޅި ހަޔާތުގައި ވެސް ނުފެންނަ ކަމަށެވެ. ނަޝީދުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތަށް ވެސް އިންތި ވަނީ ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.
"ހަރުކަށި ފިކުރާއި ޓެރަރިސްޓުން ޖެހިލުން ވާނެ ވަރުގެ ފިޔަވަޅެއް ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުފެނުނު މި ހަމަލާއާ ގުޅިގެން މިރާއްޖޭގައި މިހާރު އެޅިފައިވާ ކަމަކަށް. އެއާއި ގާތަކަށް ވެސް އިނގޭތޯ އެޅިފައިވާ ކަމަކަށް. އެފަދަ ފިޔަވަޅެއް އެޅިފައިނުވާތީ އަޅުގަނޑު ކަންބޮޑުވުން ފާޅުކުރަން. އެއާ ހިލާފަށް މިފަދަ ޓެރަރިސްޓް ހަމަލާތައް ހިންގާ ފަރާތްތަކަށް އިތުރު ހިތްވަރުތަކެއް ލިބިގެންދިޔަ ތަން ފެނުނީ. ވިކްޓިމް އިތުރަށް ވިކްޓިމައިޒް ކުރާ ތަން ފެނުނީ. ޕްރޮޕެގެންޑާ ފަތުރާތަން ފެނިގެން ދިޔައީ. މި ގައުމުގައި މިއީ އިމާޖަންސީއެއް ކަމަށް ދެކޭ ތަނެއް އަޅުގަނޑަށް ނުފެނޭ،" އިންތި ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ސިފައިން ދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެފައިވާތީ އެކަމަށްވެސް އިންތި ވަރަށް ބޮޑަށް ފާ ޑުވިދާޅުވި އެވެ.
އެ މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ އެމްޑީޕީއާ ދުވަހަކުވެސް ގުޅުމެއް އޮތް މެންބަރެއް ނޫން ކަމަށާ ނަމަވެސް އެ ހުށަހެޅުން ފާސްކުރީ އެމްޑީޕީގެ މެންބަރުންތަކެއް ކަަމަށް ވިދާޅުވެ އެ މެންބަރުންނާ އެކު މަސައްކަތް ކުރައްވަން އަދި އެއް ޕާޓީއަކަށް ނިސްބަތްވާތީ ލަދުގަންނަ ކަަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ލަދުގަނޭ އަޅުގަނޑުމެން އެއް ޓީމެއްގެ ގޮތުގައި އެއް ބައެއްގެ ގޮތުގައި އެއް ސިފައެއްގެ ގޮތުގައި ޖައްސައިގެން ތިބެ މި ގޮތަށް މިއީ އެއް ބައެކޭ ބުނަން އަޅުގަނޑު ލަދުގަނޭ. އެތަނުގައި [ރައްޔިތުންގެ މަޖިލީސް] އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ވެސް ލަދުގަންނަ ހާލަތަށް ރައްޔިތުންގެ މަޖިލީހުގެ މިކޮމިޓީ [އިމްތިޔާޒު ކޮމެޓީ]ގައި އަމަލުކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަން،"
އިންތި ވަނީ ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބޭނެތޯ ކުރެވޭ ސުވާލު ތަކުރާރު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިއަދު ރައީސް ނަޝީދަށް އިންސާފު ހޯދައިދޭން މަސައްކަތް ކޮށްދޭން އޮތީ އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދިވަޑައިގަންނަވާ މެންބަރުން ކަމަށެވެ. އެ މެންބަރުން އެކަން ނުކުރައްވައިފިނަމަ އިންސާފު ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"މި ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނާއި [ރައީސް ނަޝީދު] އެމަނިކުފާނުގެ އާއިލާ އާއި މި ޕާޓީގެ ހެޔޮ އެދޭ ފަރާތްތަކުން ކުރި މަސައްކަތަކުން މެނުއީ މިކަމުގައި އަޅުގަނޑުމެން ދޫނުކޮށް ހިފެހެއްޓި ހިފެހެއްޓުމަކުން މެނުއީ އެމަނިކުފާނަށް އިންސާފަށް ނުލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މި ޕާޓީ އެކުގައި ނިކުމެގެން ނޫނީ މިކަމުގެ ފުންމިނަށް ނުދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާތީ މިކަން ދޫކޮށްނުލަން އަޅުގަނޑު އެދޭ ވާހަކަ ދަންނަވަން،" އިންތި ވިދާޅުވި އެވެ.