ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށް ކުރަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތްތަކެއް ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރަމުން ގެންދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް "ހައެއް ފަހެއް" ގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީއަށް ފަހު، ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމާއި ގުޅިގެންނެވެ.
ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ އެމްޑީޕީން މިއަދު އެންމެ ބޮޑަށް އަމާޒު ހިފަންވީ ރައީސް ނަޝީދު މާލެ ގެނައުމަށް ކަމަށެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ބަހައްޓަވައިގެން "އެފޯޑް" ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ "ބޭފުޅަކަށް ހީފުޅުވީ ނަމަވެސް" ރައްޔިތުންގެ ތާއީދަކީ ރެއަކާއި ދުވާލުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ލިބިވަޑައިގެންފައިވާ ތާއީދަކީ އިރުއަރާ އިރަށް ގެއްލިގެންދާނެ އެއްޗެއް ވެސް ނޫން ކަމަށެވެ. އެހެން ކަމުން އެމްޑީޕީ ކުރިއަށް ގެންގޮސް އަދި އެމްޑީޕީގެ ހަގީގީ ސަރުކާރެއް ގާއިމު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން އަމާޒު ހިފަންވީ ރައީސް ނަޝީދު މާލެ ގެނައުމަށް. އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ ރައީސް ނަޝީދު ލަންޑަންގައި ބަހައްޓައިގެނެއް. ތަންކޮޅެއް ކުރީގައި ކިލެގެފާނު މިސްރުގައި ހުރެގެން އެކަން ކުރި ގޮތަކަށް އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަތަކު އެހާ ގިނަ ރައީސް ނަޝީދެއް ނެތް. އަޅުގަނޑުމެންގެ އަތުގައި ހުރީ ހަމަ އެންމެ ރައީސް ނަޝީދެއް. އެހާ ބައިވަރު ރައީސް ނަޝީދު ހުރިނަމަ އެންމެ ރައީސް ނަޝީދެއް ދިޔައީމަ އަޅުގަނޑުމެންނަށް ތިބެވި ދާނެ. އެހެން ނަމަވެސް އެހާ ބައިވަރެއް ނެތް. އެހެންވީމަ އަޅުގަނޑުމެންނަށް ރައީސް ނަޝީދާއި ނުލައި މި ޕާޓީ އާއި މި ޕާޓީގެ ސަރުކާރެއް އުފެއްދުމާއި ދެން ވެސް މި ޕާޓީގެ ކާމިޔާބު ހޯދުމުގައި ރައީސް ނަޝީދުގެ ހިއްސާއަކީ ވަރަށް ބޮޑު ހިއްސާއެއް،"
ހަލީމްގެ އެ ވާހަކަތަކާއި ގުޅިގެން ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ޖަވާބު ދެއްވަވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ރިހާ މަސައްކަތްތަކެއް ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރަމުން ގެންދާނެ އެވެ. އަދި އެދިވަޑައިގެންނެވީ އެ މަސައްކަތުގައި އެހީތެރި ވެދެއްވުމަށެވެ.
"ޕާޓީން އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ރާއްޖެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް މުޅި ސެކްރެޓޭރިއޭޓް އެކީގައިހެން ކުރާނެ ކަމުގެ ޔަގީންކަން އަހުމަދަށް [ދޮންބިލެއް ހަލީމް] އަރުވަން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް މަޖިލީހުގެ ޖަލްސާގައި އަމީންއާންމު ވަނީ އިއްވާފަ އެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ސިޓީއަކީ ސަރުކާރުގެ އިދާރާއާ ނުރުހިގެން އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި ނަމަވެސް މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރި ކަމާއެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެ ސިޓީއަށް އިޝާރާތް ކުރައްވާ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެ ސިޓީއާ ގުޅިގެން ސަރުކާރުން އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސަރުކާރުން އެއްޗެއް ވިދާޅުވެފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް މި ރާއްޖޭގައި ރައްކާތެރިކަން އޮތްކަން ސަރުކާރުން ޔަގީންކޮށް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސްް އެ ޔަގީންކަން ދެއްވަން ވެސް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ. އެކަން ކުރަން ފަހަތަށް ޖެހެނީ ސަރުކާރުގައި ތިބި ރައީސް ނަޝީދުގެ ވާދަވެރިންގެ ނުފޫޒުންތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ 60 ޕަސެންޓަކީ ރައީސް ނަޝީދާ ދެކޮޅު ފިކުރުގެ މީހުން ކަމަށެވެ.
ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރައީސް ނަޝީދު ރާއްޖެ ގެނައުން އަވަސްކޮށް ދެއްވުމަށް ސެކްރެޓޭރިއޭޓްގައި އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންނެވިއެވެ.