މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު މާދަމާ ހަވާލުކުރަނީ

އުއްތަމަ ފަޑިޔާރު މުއުތަސިމް އަދްނާނަށް ސަރުކާރުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅު މާދަމާ ސުޕްރީމް ކޯޓާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ އެ ގެކޮޅުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އެކަމަކު ބައެއް ކުދި ކުދި މަސައްކަތް އަދިވެސް ނިންމަން އެބަހުރި ކަމަށެވެ.

މިއަދު އެ ގޭގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށްފަހު އެ ގެކޮޅު މާދަމާ ސުޕްރީމް ކޯޓާ ހަވާލުކުރެވޭ ވަރުވާނެ ކަމަށް ވެސް އަކްރަމު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ އަބްދުﷲ ޖިހާދު ނައިބު ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެވެ.

އެތަނަށް އުއްތަމަ ފަނޑިޔާރު ބަދަލުވެވަޑައިގަތުމަށްޓަކައި ކޮށްފައިވާ މަރާމާތުގެ މަސައްކަތްތަކަށް 4.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫ ގެކޮޅު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައި މިވަނީ ފަނޑިޔާރުންގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހު ކުރުމަށްފަހު އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.