ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުން ގައުމީ މަޖިލީހުގެ މަދު މެންބަރުންގެ ބައިވެރިވުމާއެކު ފާސްކުރުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ނަޝީދު މިރޭ ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީއަށް ފެންނަ ގޮތްތަކެއް ނިންމަން ހުށައަޅުއްވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް ވެސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 139 މެންބަރުންް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް މިރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ 43 މެންބަރުންނެވެ. ގަރާރު ފާސްކުރެއްވީ 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓްގައި މުޅީންވެސް ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ނަޝީދުގެ ވަފާތެރިން މެންބަރުންނެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި އެއްވެސް ވަޒީރެއް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި މަޖިލީސް މެންބަރަކު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ރިޔާސަތު ބެލެހެއްޓެވި މިރޭގެ ބައްދަލްވުމުގައި ނަޝީދުގެ ގަރާރަށް ބަހުސް ކުރައްވާފައިވަނީ އެމަނިކުފާނަށް ވަފާތެރިކަން އޮތްކަން ހާމަކޮށްފައިވާ މެންބަރުން އެކަންޏެވެ.
އޭގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. މީގެ އިތުުރުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ނަޝީދުގެ ހުށައެޅުއްވުމާއި ދެކޮޅު ހައްދަވާފައެވެ.
ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމުގައި މަދު މެންބަރުންތަކެއް ބައިވެރިވުމާއި އަދި މަދު މެންބަރުންތަކެއްގެ ވޯޓުން މުހިންމު ގަރާރެއް ފާސްކުރުމުން ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އަދި މިރޭގެ ނިންމުމުން ހާމަވީ ގައުމީ މަޖިލީހުގައި ރައީސް ސޯލިހުގެ ތާއީދު އޮތް މިންވަރު ކަމަށްވެސް ބައެއް މީހުން ދެކެއެވެ.