އެމްޑީޕީ

މައްސަލަ ބޭރުކޮށްލި މެންބަރުންނަށް އެމްޑީޕީން ފިޔަވަޅެއް ނޭޅި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަ ބޭރުކޮށްލުމަށް ވޯޓް ދެއްވި އެމްޑީޕީގެ ހަތަރު މެންބަރުންނަށް ފިޔަވަޅު ނާޅާ މައްސަލަ ނިންމާލައިފި އެވެ.

ޑެޕިއުޓީ މިނިސްޓަރުގެ މައްސަލަ ބަލަން ކޮމެޓީއަށް ފޮނުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ފޮނުއްވި މައްސަލައެއްގެ އެ ގޮތަށް ބޭރުކޮށްލުމުން ޕާޓީތެރޭގައި ހޫނު ބަހުސްތަކާއި ޒުވާބުތައް ކުރެވުނެވެ. އަދި އެ މެންބަރުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަން ބައެއް މެންބަރުން ގޮވާލިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަ ބޭރުކޮށްލިއިރު އެ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު އަވަސްއަށް ވިދާޅުވީ އެ މެންބަރުންގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށައެޅި މައްސަލަ ބަލާފައިވާ ކަމަށެވެ. ހަތަރު މެންބަރުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެ އެ ކޮމެޓީގައި ޕާޓީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިއެވެ. ނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގަަންނަވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވަނީ މަޖިލީސް މެންބަރުންގެ އެފަދަ މައްސަލަތަކުގައި ޕީޖީ ގުރޫޕުން ވަކި ފިޔަވަޅެއް އަޅާފައި ނެތް ހާލަތެއްގައި އެ ކޮމެޓީއަށް މައްސަލަ ބަލާ މެންބަރުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް ވިދާޅުވެފައެވެ. އެ ހުށައެޅުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާއީދު ކުރެއްވިއެވެ. އެހެން ކަމުން މެންބަރުންނަށް ފިޔަވަޅު އަޅަން ނުނިންމާ ބައްދަލްވުން ކުރުކޮށްލީއެވެ.

އަވަސްއާ ވާހަކަ ދެއްކި ޕީޖީ ގުރޫޕްގެ މެންބަަރަކު ވިދާޅުވީ ޕީޖީ ގުރޫޕުގެ ތެރެއިން ހަތަރު މެންބަރުންނަށް ފިޔަވަޅުއަޅަން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން މަސައްކަތް ކުރެެއްވި ކަަމަށެވެ. ނަމަވެސް އެ އަގްލަބިއްޔަތު ނުލިބޭނެތީ ފިޔަވަޅު އަޅާ ކޮމެޓީން ނިންމުންތަކެއް ނިންމަން މަސައްކަތް ކުރީ ކަމަށެވެ.

"މިކަމުގައި އިސްކޮށް މި އުޅުއްވީ ޝިފާޒް. ކޮމެޓީގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މެންބަރުންނަށް ފިޔަވަޅު އަޅަން. ނަމަވެސް އެ ކޮމެޓީގައިވެސް ޕާޓީގެ އުސޫލުތައް ދަންނަ އެ ގޮތަށް ނޫނީ އަމަލު ނުކުރާނެ މެންބަރުން ތިބުމުން ޝިފާޒު ބޭނުންވާ ގޮތަށް އެކަން ނުވީ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. ނާޒިމް އެ މައްސަލަ ހުށައެޅުއްވީ ރައީސް ސޯލިހް އެދިވަޑައިގެން ކަމަށްވެސް ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ތުހުމަތު ކުރެއްވިއެވެ.

ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވާ އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ އަޓްސްއަޕް ގުރޫޕަށް ނަޝީދު މެސެޖެއްވެސް ފޮނުއްވެވިއެވެ.

އެ މެސެޖްގަައި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް ފޮނުއްވެވި ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައީސް ސޯލިހްވެސް ރައްދު ދެއްވިއެވެ. ވިދާޅުވީ މަޖިލީހުގެ އިންކުއަރީ 241 ކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެކަން އެ ކޮމެޓީގެ މުގައްރިރުވެސް އެކަން ޔަގީން ކޮށްދެއްވި ކަމަށެވެ. އަދި ކޮމެޓީއަށް ސަރުކާރާއި އެމަނިކުފާނުގެ ނުފޫޒެއްވެސް ނެތް ކަމަށް މުގައްރިރު ވިދާޅުވި ކަމަށެވެ.

އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާ ކަމަށާ އަދި ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ވިދާޅުވިއެވެ.