އަބްދުﷲ ސަނީފް

ރައީސަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރެއްގެ ޓިކެޓް ލިބެންޖެހޭ: ސަނީފް

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުނަމަ ރައީސުލްޖުމްހޫރިއްްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި އަރުވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ.

އަވަސްގެ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމު ކުރަންޖެހޭ ކަމަށެވެ. އެ މަޖިލީހުގެ ނިންމުންތަކަކީ ވަކި ބޭފުޅަކަށް ހާއްސަ ނިންމުންތަކަކަށް ހަދައިގެން ވެސް ނުވާނެ ކަމަށެވެ.

ސަނީފް އަދި ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ރައީސް ސޯލިހަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައި ވަނީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު އެވެ.

"އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބެން ޖެހޭ. ދެން އިލެކްޝަނަށް އެ ގަވާއިދު ފޮނުވާފައި ނެތް ކަމަށް ވެދާނެ. ނަމަވެސް ގައުމީ މަޖިލީހަކުން އެ ނިންމުން ނިންމި. އެއިރެއްގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާއަކީ އެންމެ އިސް ފަރާތްތަކަށް. އޭގެ މާނައަކީ މި ވަގުތުގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ސޯލިހޭ. އެއީ ނިންމި ނިންމުމެއް. އެހެންވީމަ ޕްރައިމަރީއަކާއި ނުލައި ރައީސަށް [ރައީސް ސޯލިހަށް] ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭ،" ސަނީފް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ އެ ނިންމުން އިލެކްޝަނަށް ފޮނުވާފައި ނެތިގެން އެއީ ބަލައިގަންނަން ޖެހޭ ނިންމުމެއް ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމަށްވެސް ސަނީފް ރައްދު ދެއްވި އެވެ. ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އިލެކްޝަންސްގައި އޮންނަ އެ ޕާޓީގެ ދަފުތަރަށް ނުބަލާ ކަމަށެވެ. އަބަދުވެސް ޕްރައިމަރީތަކުގައި ވޯޓްލަނީ އެމްޑީޕީގައި އޮންނަ ލިސްޓަކަށް ކަމަށެވެ. އަދި އެ ލިސްޓާއި ކޮމިޝަނުން ބަލަހައްޓާ ދަފްތަރާއި ހާސްބައި ތަފާތު އިރު ގައުމީ މަޖިލީހުގެ ނިންމުން ކޮމިޝަނަށް ފޮނުވާ ގެޒެޓްކޮށްފައި ނެތުމަކީ އެ ނިންމުން ބާތިލުވެ އަމަލު ކުރަން ނުޖެހޭ ނިންމުމަކަށް ވާނެ ސަބަބެއް ނޫން ކަމަށެވެ.

"މިއަދު ޕީޕީއެމްގެ ކައުންސިލް މެންބަރުން ވޯޓް އެބަލައޭ އަޅުގަނޑުމެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި. އެހެންވީމަ ޕާޓީގެ އެތެރޭގެ ކަންކަން އެ ހިންގަނީ މުޅިއަކުން ރަނގަޅަށް ނޫން. އެހެން ހުންނަ ހުރިހާ ކަމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަންކަމެއް ނޫން،" އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ގުޅޭގޮތުން ސަނީފް ވިދާޅުވި އެވެ.

ސަނީފް މިހެން ވިދާޅުވިއިރު 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށައި ރިޔާސީ އިންތިހާބެއް އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

މިއީ 2023 ގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާ އަދި ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެ މަނިކުފާނު ކަމަށް މިހާ ސާފުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެ ވާހަކަފުޅަކީ ހައިރާންވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަދަ ވާހަކަތަކެއް ނޫން ކަމަށެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށާ ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަަމަށެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެއްގެ އެއްޗެއްގެ ގޮތުގައި ދެކެގެން ނުވާނެ ކަމަށެވެ. އެއީ އެމްޑީޕީގެ މެންބަރުންނާއި އެހެން ބަޔަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލާޒިމެއް ނުވާނެ އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއްގެ ގޮތުގައި ދެކޭކަށް. އަޅުގަނޑު އެއްވެސް އިރެއްގައި އެއްވެސް ގޮތަކަށް ގަބޫލުކުރާ ކަމެއް ނޫން ދިވެހިރާއްޖެއަކީ ވަކި މީހެއްގެ ވަކި ބައެއްގެ އެއްޗެއްގެ ގޮތުގައި ދެކޭކަށް ވަކި އާއިލާއަކަށް ނިސްބަތް ކޮށްދޭކަށް އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެއީ މި ގަރުނުގައި މި އުފަންވެފައި ތިބި މީހުން ގަބޫލުކުރާނެ ކަމެއް ނޫން،" ސަނީފް ވިދާޅުވި އެވެ.