އަބްދުﷲ ސަނީފް

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް: ސަނީފް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އަވަސްގެ މޯނިން ޝޯ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅު ގައެވެ.

ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަަރުލަމާނީ ކަމަށް ވިދާޅުވެ ނިޒާމު ބަދަލު ކުރެއްވުމަށް އެމްޑީޕީގެ ރަައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރު ސަނީފް ވިދާޅުވީ 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓްގައި އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ގެންނަން ކަމަށެވެ. އޭރު އެ ކެންޕޭން ވަރަށް ފުޅާކޮށް ތިނަދޫގައި ވެސް ހިންގި ކަމަށާ ޒުވާނެއްގެ ހައިސިއްޔަތުން އޭރު ވަރަށް ބޮޑަށް ބައިވެރިވެ ބަރުލަމާނީއަށް ތާއީދު ހޯއްދެވުމަށް ވެސް މަަސައްކަތް ކުރެއްވި ކަމަށެވެ.

ސަނީފް ވިދާޅުވީ އޭރު އެގޮތަށް ކަންކުރީ ބަރުލަމާނީ ނިޒާމެއްގައި ވަރަށް ގިނަ ފައިދާތައް ހުރިކަން ވިސްނިވަޑައިގަތުމުން ކަމަށާ ނަމަވެސް ރާއްޖެއަށް ދިމާވެގެން އުޅެނީ ނިޒާމުގެ މައްސަލަ ނޫންކަން މިހާރު ހުރި ހުރިހާ މައްސަލަތަކަށް ރަނގަޅަށް ވިސްނާލުމުން އެނގިވަޑައިގަންނަވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ވެރިކަމަށް ބޭފުޅަކު ވަޑައިގަންނަވަނީ ކޯލިޝަނަކާއެކު ކަމަށްވީ ނަމަވެސް އެއީ އެ ނިޒާމު އަދި މިހާރު އޮތް ގާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމުން ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނުތައް އިސްލާހުކޮށް ހަރުދަނާ ކުރުން މާ ރަނގަޅު ކަމަށް ވެސް ސަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިޒާމުގެ ބަހުސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށްޓަަކައި ކުރަންޖެހޭ އެއަށްވުރެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެހެން ކަމުން މިއީ ނިޒާމު ބަދަލު ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ. ސަނީފް ވިދާޅުވީ ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނާއި ގައުމަށް ވަފާތެރިވެ އިހުލާސްތެރިވެއްޖެނަމަ ނިޒާމުވެސް ރަނގަޅުވެ، މައްސަލަތައް ވެސް ހައްލުވީ ކަމަށެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފަ އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާށެވެ. ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
ނަމަވެސް ނިޒާމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅު މުޅީން ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް ވަގުތުވެސް ނެތް ކަމަށެވެ. އަދި ހުރިހާ ފޯކަސް އެއް އޮތީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލު ކުރުމަކީ ރައްޔިތުންނަށް ނޫނީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ ފަހުން މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ އޮތް "އާސްކް ސްޕީކާ" ޕްރަގްރާމްގައި ރައީސް ނަޝީދު ވަނީ އިދިކޮޅު ލީޑަރާއި އިދިކޮޅު ޕާޓީއާ ގުޅިގެން ނިޒާމު ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.