ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓެރަރިޒަމް ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނަން: ރައީސް

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާ އެ ފިކުރުމުގެ މީހުންނާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ. ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހަމައާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރަމުން އައި އެ އުސޫލު ދެމެހެއްޓުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަަމަށެވެ. ސަރުކާރުން ކަންކަން ކުރާނީވެސް އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި އެބައޮތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހާމަކޮށް ބޮޑު ގޮތެއްގައި އެކަން އިއުލާނުކޮށް ޓެރަރިޒަމާ ދެކޮޅަށް އެންމެ ފުޅާކޮށް މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.

"ހަރުކަށި ފިކުރާއި ގޭންގް ވައިލަންސް އާއި ޓެރަރިޒަމްގެ ކުށްތަކަކީ މިހާރު ރާއްޖޭގައި އޮތް ކަންތައްތައް. އިއްޔެއަކު މިއަދަކު ކަމެއް ނޫން. މިކަން ވަރަށް ސާފުކޮށް އާންމުކުރީ އަޅުގަނޑުމެން، މި ސަރުކާރުން. އެނގިވަޑައިގަންނަވާނެ ސެޕްޓެންބަރު 19، 2019 ގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ޖަމާއަތްތަކެއް އިއުލާނު ކުރިން. އެއީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރަން ޖެހި ނުކޮށް އޮތް ކަމެއް. އަޅުގަނޑުމެންނަށް އެނގޭ އެޔާއެކީ އަޅުގަނޑުމެންނަށް ވަަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވާ ޓެރަރިޒަމަށް ވާގިވެރިވާ ހާހަކަށް ވުރެ ގިނަ މީހުން ރާއްޖޭގައި ތިބިއިރު ފުލުހުން އެކަންކަން ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ އެކަންކަން ނައްތާލަން ޖެހޭ ކަަމަށް ވިދާޅުވިއެވެ.

އެ މަގުސަދުގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން ބައެއް މެންބަރުން އެކަން ވަރަށް ގޯސްކޮށް ނެންގެވި ކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަކި ބަޔަކު ހައްޔަރުކުރަން ސަރުކާރުް ކުރާ ކަމެއް ކަމުގެ ތުހުމަތު އުފައްދާ ބައެއް އިސްލާހުތައް ނުގެނެސް ގާނޫނު ފާސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕްލޭނެއް ރޭވިން. މިކަމުގައި ޝައްކުކުރެވޭ ނުވަތަ މިކަން [ޓެރިރަޒަމްގެ ހަމަލާއެއް] ކޮށްފާނެހެން ހީވާ ފަރާތްތައް ބަންދުކޮށް ތަހުގީގުކޮށް ޝަރީއަތާއި ހަމައަށް ގެންދިއުމަށް. އެ ގޮތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ތަހުގީގީ އިދާރާތަކުން އަޅުގަނޑުމެންނާއި ހިސާބަށް ގެނައި. އެހެން ކަމުން އެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި 10 އޮކްޓޫބަރު 2019 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވިން. އިސްލާހުތަކެއްވެސް ގެންނެވި. ނަމަވެސް އިސްލާހުތަކުގެ ތެރޭގައި ތަހުގީގީ އިދާރާތަކުން ބޭނުންވާ އިސްލާހުތައް އޭރު ނުގެނެވުނު އެކިއެކި ސަބަބުތަކާ ހުރެ،"

ރައީސް ވިދާޅުވީ ފުލުހުންނަށް ލިބޭ އެކި އިންޓެލިޖެންސް މައުލޫމާތާއި ރާއްޖޭގައި ހިންގާ ޓެރަރިޒަމްގެ އެކި ހަމަލާތަކާއި ގުޅިގެން ފުލުހުންނާއި އަދި ކަމާގުޅޭ އިދާރާތަކާއި ބައްދަލު ކުރެއްވުމުން ގާނޫނުގައި ހުރި ހުރަސްތަކުގެ ކަންބޮޑުވުން އަދިވެސް ފާޅު ކުރަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން އަލުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށައަޅުއްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ މަޖިލީހަށް ހުށައަޅާފައި އޮތް ބިލް ވީހާވެސް އަވަހަށް ނިންމަވައިދެއްވުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މިކަން ކުރަން ނިކުމެ. އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. މިކަމުގައި ހިމެނޭ ފަރާތްތައް ބަންދު ކުރަން ޖެހިއްޖެއްޔާ ބަންދުކޮށް ތަހުގީގުކޮށް ޝަރީއަތާއި ހިސާބަށް ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.