މިދިއަ އަންގާރަ ދުވަހު ބޭއްވި ޕްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަތަކުގައި ނުރައްކަލުގެ އިންޒާރަކަށް ފުދޭ ވާހަކަތައް ހިމެނެ އެވެ. ވަރަށް ކަންބޮޑުވާ ވާހަކަތައް ވެސް ވިދާޅުވި އެވެ. އަދި މިހެން ވިދާޅުވި އެވެ: "އަޅުގަނޑު ހިތުން އޭގެ [ފަހެއް / ހައެއްގެ ހަމަލާގެ] ވަށައިގެން ހުރި ކަންތައްތަކަށް އަމާޒު ކޮށްގެން އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް މުޅި އެ މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް މިހާރު [ކަންކަން] އެބަދޭ،"
ފަހެއް / ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ މުޅި މި ގައުމަށް ސިހުން ގެނެވި ބިރުވެރި ހަމަލާއެކެވެ. ދުނިޔޭގެ ސަމާލު ކަން ހޯދި ވެސް ހަމަލާ އެކެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ފުން އަދި ގިނަ ޒަހަމުތަކެއް ލިބިވަޑައިގަތެވެ. ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ. ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްގެން ދިން ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް މުޅީން ރިކާވާވެ އާންމު ހާލަތަށް ވަޑައިގަތުމަށް ގިނަަ ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައި ނުގަންނަވާ ނަމަ، ޔަގީން ކަށަވަރު، އެ މަނިކުފާނު މިހާރު ހުންނެވެހީ މާލެ ވަޑައިގެން ހިދުމަތުގެ ތެރޭގަ އެވެ.
ފަހެއް / ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މީހުނާއި އެ ހަމަލާގައި އެކި ގޮތްގޮތުން ބައިވެރިވި މީހުން ހޯދަން ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށާފަ އެވެ. ބައިނަލްއަގްވާމީ އެހީތެރިކަމާއި ތަޖުރިބާކާރުންގެ ވެސް އެހީގަ އެވެ. އެ ތަހުގީގު ބިނާވެފައި އޮތީ ފަހެއް / ހައެއްގެ އެންމެ ފުނަށް ދާށެވެ. ހަމަލާ ދިން މީހުނާއި އެ ކަމަށް ފަންޑު ކުރި މީހުނާއި އަދި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް މި ހަމަލާގައި ބައިވެރިވާ އެންމެން "ދަމައިގަނެ" އިންސާފުގެ ކުރިމައްޗަށް ގެންދާށެވެ. އެފަދަ ހާދިސާއެއް ދެން ތަކުރާރު ކުރުމުގެ ފުރުސަތު ނުދޭން ވެގެނެވެ.
ނަމަވެސް ކުރިއަށްދާ ތަހުގީގަށްވުރެ ރަށުތެރޭގައި އެނބުރޭ އެހެން ވާހަކަތަކުގެ އަޑުތައް ގަދަވެ މައްސަލައަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައި ވެއެވެ. އަޑުތަކާއި ވާހަކަތައް ދަނީ ފަހެއް / ހައެއްގެ ހަމަލާއިން ނެއްޓި ބޭރުވަމުންނެވެ. އޭގެ ބައެއް ވާހަކަތައް އައީ ރައީސް މުހައްމަދު ނަޝީދުގެ އާއިލާގެ ތެރެއިންނެވެ. ބައެއް ވާހަކަތައް އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުންނާއި ސިޔާސީ މަސައްކަތުގައި އަރިހުގައި ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުންނެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ފާޅުގައި ގެންދަވަނީ އެކި ވާހަކަތައް އެގޮތަށް ދައްކަވަމުންނެވެ.
އެއް ގޮތެއްގައި މިއީ މި ހާލަތުގައި ކުރިމަތިވެދާނެ ވެސް ކަމެކެވެ. ސަބަބަކީ ރައީސް ނަޝީދަށް އަމާޒުކޮށް އެވަރުގެ ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑު ކަމެކެވެ. ހިނގައިގެން މިދިޔައީ ވަރަށް ވެސް ބޮޑު ކަމެކެވެ. އެހެންވެ އެކަމާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވޭނެ އެވެ. އެކި މީހުނަށް މި ހާލަތު ސިފަ ކުރެވޭ ގޮތް ތަފާތު ވެސް ވާނެ އެވެ.
ނަމަވެސް ހަމަލާއާ ގުޅިގެން ބޭރަށް އައި ހުރިހާ ވާހަކަތަކަކީ އެ އުސޫލުގެ ތެރޭން އައި ވާހަކަތަކެއް ކަމަށް ބުނެ ހަމަޖައްސާލެވޭކަށް ނެތެވެ. ފަހެއް / ހައެއްގެ ހަމަލާއާ ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިންނަށް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ. އިހުމާލުވި ކަމަށް ބުނާ ތުހުމަތު ވެސް އަމާޒުވެ އެވެ. އަދި ތަހުގީގު ފެށި މިހާތަނަށް އައިއިރު ތަހުގީގުގެ ސްޕީޑާ މެދު ސުވާލު އުފެއްދި އެވެ. ތަހުގީގުން ހޯދުނު ކުރިއެރުންތަކާމެދު އެކި ގޮތްގޮތަށް ބަހުސް ކުރެވެ އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލާ މިވަރުގެ ހަމަލާއެއް އަމާޒުވި ގޮތް ދެނެގަތުމަށް މަޖިލީހުގެ 241 ކޮމެޓީން ފަށާފައިވާ އިންކުއަރީއަށް ސަރުކާރުގެ ތެރެއިން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު ކުރެވެ އެވެ. އެކަމުގައި އިސްކޮށް ރައީސް ސޯލިހް ހުންނެވި ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅު ވެއެވެ.
އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން އެންގި އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ދޭހަވާ މޭރުމުން ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރި ކުރައްވާ މެސެޖެއް ފޮނުއްވާފަ އެވެ. އެ މެސެޖްގައި ނަޝީދު ވަނީ ފޮރުވަން އުޅެނީ ކޮން ކަމެއްތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" މެދުވެރިއެއްގެ ގޮތުގަައި ހަސަން ބޭނުން ކުރައްވާ ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.
މި ހުރިހާ ވާހަކަތަކެއް އެކި ގޮތްގޮތަށް ދެކެވެމުން ދިޔަ ނަމަވެސް އަންގާރަ ދުވަހުގެ ހަވީރު އޮތް ނޫސްވެރިންގެ ބައްދަލްވުމާއި ހަމައަށް ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ ރައީސް ސޯލިހް އެކަންކަމާ ގުޅުވާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ރައީސް ސޯލިހް މި މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ އެ ދުވަހު އެވެ.
ކޮވިޑްގެ މިހާރުގެ ހާލަތާއި ކޮވިޑް މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޖޫން ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އަނދައިގަތް ގިނިގަނޑާ ގުޅޭގޮތުން ސުވާލުތައް ކޮށްފަ އެވެ.
ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމާ ދެކޮޅު ހެެދުމުގެ ފަހަތުގައި ރައީސް ސޯލިހް ހުންނެވި ކަމަށް ކުރެވޭ ތުހުމަތާއި ޑިފެންސްގެ ނާއިބު ހަސަން ޒަމީލުގެ މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލުމުގައި ރައީސް ސޯލިހަށް ވަފާތެރި މެންބަރުން ތިއްބެވި ކަމުގެ ތުހުމަތު ކުރެއްވުމާއި އެ މެންބަރުން އިންތިހާބުވުމުގައި ރައީސް ނަޝީދުގެ އޮތް މުހިންމު ދައުރާ ގުޅޭ ސުވާލުތައް ވެސް އައެވެ.
ހުރިހާ ސުވާލަކަށްވެސް ރައީސް ސޯލިހް ސާފުކޮށް ޖަވާބު ދެއްވަން މަސައްކަތް ކުރެއްވިއެވެ. ޕާލިމަންޓްރީ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވެ އެކަން ސާފުކޮށް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައި އެވެ. އަދި ވަޓްސްއަޕް ގުރޫޕްގައި ހަސަން ލަތީފް މެދުވެރިވެ ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި އެހެން ވިދާޅުވިކަންވެސް ކަށަވަރު ކޮށްދެއްވިއެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ވިދާޅުވިއެވެ.
އޭގެ ފަހަށް ދެން ވިދާޅުވީ 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ހޯމަ ދުވަހު ބޭއްވެވި ބައްދަލްވުމުގައި ދެއްކެވި ވާހަކަތަކެވެ. ސަރުކާރުންވެސް އަދި ރައީސް ސޯލިހުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އަސްލަމް ދެއްވި ޔަގީން ކަމުގެ ވާހަކައެވެ.
ރައީސްގެ އެ ވާހަކަތަކާއެކު ދެން އެމަނިކުފާނަށް ހުށައެޅުނީ އިމްޔިތާޒު ކޮމެޓީއަށް ރައީސް ނަޝީދު ފޮނުއްވެވި މައްސަލަ ބޭރުކޮށްލުމަށް ވޯޓް ދެއްވި އެމްޑީޕީގެ ހަތަރު މެންބަރުނަށް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ކުރައްވާ ތުހުމަތުތަކުގެ ވާހަކަތަކާ ގުޅޭ ސުވާލުތަކެކެވެ.
ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ރައީސް ނެންގެވީ މިހާރު އޮތް ހަގީގީ މައްސަލައެވެ. ރައީސް ވިދާޅުވި ގޮތުގައި ހައެއް މޭ ގެ ޓެރަރިސްޓް ހަމަލާގެ ވަށައިގެންވާ ވާހަކަތަކާއި ގުޅޭގޮތުން އެކި ދިމަދިމާއިން ނެރެމުންދާ ތަފާތު ވާހަކަތަކާއެކު މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް އެބަ ދެއެވެ. ރައީސް މި ދެއްވީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެހެން ގޮތަކަށް ނަމަ އިންޒާރެކެވެ.
ހަގީގަތެއް ނެތް އެކި ވާހަކަތަކުން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ނުވަތަ އެ މައްސަލައިގެ އަސްލަށް އެޅެމުންދާ ހުރަސްތަކުގެ ވާހަކައެވެ. އެމަނިކުފާނު ވަނީ އާދޭހާއެކު އެކަން ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެކަމުގެ އިތުރު ތަފްސީލަށް ވަޑައިނުގެންނެވި ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މިއަދު ކުރަންވީ ކަމަކީ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާގެ ފުނަށްދާން އެންމެން އެހީތެރިވުމެވެ. ނަމަވެސް ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ. ބައެއް ދިމަދިމާލުން ފެންނަނީ އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް ދަތުރުކުރާ މަންޒަރު ކަމެވެ. އެެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން އޭގެ [ޓެރަރިސްޓް ހަމަލާ] ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށްގެން އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް މިހާރު އެބަދޭ. އެެހެން ނުހެއްދެވުން ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ރާއްޖޭގައި އެފަދަ ކަންތައްތައް ހިނގިދިޔަ ނުދިނުމަށް އެންމެން އެކީގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން. ކާކުތޯ އެކަމެއް ކުރީ، ކޮން ބައެއް ބުނެގެންތޯ އަދި އޭގައި ފައިސާ އެކުލެވޭތޯ ނޫނިއްޔާ އަދި އެހެން ބަޔަކު އެހެން މަގުސަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލާ އެކަން ހޯދާ މުޅި ގައުމު އެކަމުން ސަލާމަތް ކުރުމަށް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސްއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
އެ ވާހަކަތަކަށް ފަހު ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުންތަކާއި ބައިބައިވުންތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަ ދެއްކެވިއެވެ. އަދި މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިހާބުވެ ތިބީ އަދި 65 ގޮނޑި އެ ޕާޓީއަށް ލިބުނީ ރައީސް ނަޝީދުގެ ފޮޓޯފުޅު ޖަހައިގެން ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ރައްދު ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީސް ކާމިޔާބަކީ ސަރުކާރާ އެތައް ބައެއްގެ ބުރަ މަސައްކަތެވެ. އެއީ ވަކި މީހެއްގެ އެކަނި މަސައްކަތެއް ނޫނެވެ. އަދި 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު އޮތް އިންތިހާބުގައި 2019 ވަނަ އަހަރުގެ އިންތިހާބުން ލިބުނު ކާމިޔާބު ނުލިބުނީ ކީއްވެތޯވެސް ސުވާލު ކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ލިބުނުއިރުގައި 65 ގޮނޑި ކާމިޔާބު ކުރެވުނު އިރުގައި ސަރުކާރާއި އަޅުގަނޑުމެން ވަރަށް ގިނަ ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން ގޮސްފައި އެ އޮތީ. އެހެން ނޫން ނަމަކަ އެވަރުގެ ބޮޑު އަދަދެއް ކާމިޔާބު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ދެހާސްއަށަކުން ފެށިގެން 2009 ގައިވެސް އިންތިހާބަކަށް ދިޔައިން 2014 ގައިވެސް އިންތިހާބަކަށް ދިޔައިން ދެން މިދިޔައީ 2019 ގައި. ނަތީޖާތަކަށް ތި ބޭފުޅުން ބައްލަވާ. އޭރު ލިބިފައި ހުރި އަދަދާއި 2019 ގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީ. އެހެންވީމަ އެމްޑީޕީއަށް 2019 ގައި ލިބިފައި އޮތް ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
މިއީ މި ހާލަތުގައި އެމަނިކުފާނު ދައްކަވަން ބޭނުންފުޅުވާ ވާހަަކަތަކެއް ނޫންކަން ބަސްމަގު ގެންގުޅުއްވި ގޮތުން ސާފެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންގެ ކިބައިން އެކި ވާހަކަތައް ބޭރަށް ނިކުމެ ކޮންމެ ކަމެއް މެއި ހައެއްގެ ހަމަލާއާ ގުޅުވައި އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށުމުން އެކަމަށް އެޑްރެސް ކުރައްވަން ޖެހިވަޑައިގަތީ އެވެ.
އެކަން ދެން އެމަނިކުފާނު ދެއްކެވި ވާހަކަތަކުން ސާފެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ އެކި ވާހަކަތައް ދައްކައިގެން ސިޔާސީ ހަލަބޮލި ކަމެއް ގެންނަން ވީ ވަގުތެއް ނޫނެވެ. މިއީ ރާއްޖެ ވެއްޓިފައިވާ ބިރުވެރި އަނދަވަޅުން އަރައިގަތުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމުން އެ ފުރުސަތުގެ ބޭނުން ހިފަންވީ ވަގުތަކީ މިއީ އެވެ.
"މީއަކީއެއް ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގައި އެބަހުރި، ގައުމުގައި އެބަހުރި އެއަށްވުރެ މާ ބޮޑެތި މަސައްކަތްތައް. މާގިނަ ކަންތައްތައް ހައްލު ކުރަންޖެހޭ. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިން ހުރިހާ ބޭފުޅުންވެސް ކުރިއަށް ވަޑައިގަތުން،" ރައީސް ވިދާޅުވިއެވެ.
މެއި ހައެއްގެ ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް ވާހަކަތައް ގިނަވެ ތަފާތު ރިވާތަކުން އެކި ރާގުގައި ބޭރުވަމުންދާ ވާހަކަތަކުން އޮތް ނުރައްކާ ރައީސް އެ ސާފުކޮށްދެއްވީ އެވެ. ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ފުނަށް ވާސިލުވާން އެންމެންވެސް ބޭނުންވެއެވެ. ސަރުކާރުންވެސް ރައީސް ސޯލިހުވެސް ބޭނުންފުޅުވާނެ އެވެ. އަދި އެފަދަ ނުރައްކަލަކަށް ދެން އޮތް ހުރިހާ ފުރުސަތެއް ބަންދު ކުރަންވެސް ބޭނުންވާނެ އެވެ. ފަންޑު ކުރި މީހާ އާއި ގޮއްވާލި މީހާ އާއި އެހީތެރިވެ ވާގިވެރިވީ މީހާ އާއި ހިތްވަރުދީ ވަސްވާސް ލައިދިން ބަޔަކު ތިބިނަމަ އެ ބަޔަކުވެސް ހޯދަން ބޭނުންވާނެ އެވެ. ރައީސް ތަކުރާރުކޮށް އެ ވިދާޅުވަނީ އެ ވާހަކަފުޅެވެ. ތަފާތު ވާހަކަތައް ނެރެ މައްސަލައިގެ އަސްލު ގެއްލުވާލަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވަނީ އެހެން ވެގެންނެވެ. އެކަމަށް މުޅި ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ.
ނަމަވެސް މިކަމުގައި ރައީސް ސޯލިހަށްވެސް ކުރެއްވޭނެ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ދުވަހަކު އެކި ވާހަކަތައް ބޭރަށް ނެރޭ ޓީމުގައި ރައީސް އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންވީމަ އެ ދައްކަވާ ވާހަކަތަކުގެ ނުރައްކާ ރައީސަށް އެ ބޭފުޅުންނަށް ވިސްނަވައިދެއްވޭނެ އެވެ. ބޭރު އިސްލާހުވާން ގޮވާލުމުގެ ކުރީން އެތެރެ އިސްލާހު ކުރެއްވުން އިސްކުރާން ޖެހެއެވެ.
އެނގެން އޮތް ސާފު ހަގީގަތަކީ ޓެރަރިސްޓް ހަމަލާގެ ފުރިހަމަ ތަހުގީގަށް ވަގުތު ބޭނުންވާނެ ކަމެވެ. މިހާރުވެސް ފަސް މީހަކު އެ ވަނީ ހައްޔަރުކޮށްފައެވެ. ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި ސައިކަލް ބެހެއްޓި ކަމަށް ބުނާ މީހާ އާއި އެ ސައިކަލްގެ ވެރި މީހާ އާއި ގޮން ގޮއްވާލި ކަމަށް ބުނާ މީހާއާއެކު އެރޭ އުޅުނު މީހާވެސް އެ ވަނީ ހައްޔަރުކޮށްފައެވެ. އެހެންވީމަ ބޮމުގެ ހަމަލާގެ އަސްލަށް ވާސިލުވުމަށް ދައުލަތާއި ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެހީތެރިކަން ދޭން ޖެހެއެވެ. އެކަން ނުކޮށް އަސާސެއް ނެތް ވާހަކަތައް ބޭރަށް ނެރެ އެހެން އަޑުތައް ގަދަކޮށްލައިިފިނަމަ ރައީސް އެ އިންޒާރު ކުރެއްވި ފަދައިން ހައެއް މޭ ގެ އަސްލު ގެއްލޭ ހިސާބަށް ގޮސްދާނެ އެވެ. އޭރުން ރައީސް މުހައްމަދު ނަޝީދާއި މުޅި ގައުމަށްވެސް އިންސާފު ނުލިބި އިންސާފުގެ ދަތުރުގައި ބޮޑުތަނުން ފަހަތަށް ޖެހެވުނީއެވެ.