ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދޭން އުޅޭކަމަށް ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެ އެވެ
އުފަންވުމާ އަދި މަރު ރަޖިސްޓްރީ ކުރުމާ ގުޅޭ ބިލަށް މިއަދު ކުރި ބަހުސްގައި އިލިޔާސް ވިދާޅުވީ މިފަދަ ބިލަކަށް ބަހުސްކުރާ އިރު އިންސާނަކު ދިިރިހުރުމުގެ ހައްގު ކަށަވަރުވާން ޖެހޭ ކަމަށެވެ. އަދި އެ ވާހަކަތަކާ ގުޅުވާލައި މަރާލައިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާނާއި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް އިންސާފު ނުލިބޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މަޖިލީހުގެ ރައީސަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ޓެރަރިސްޓް ހަަމަލާއަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާތީ އިލިޔާސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.
އިލިޔާސް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން ފަންޑު ކުރި މީހުންނާއި ރޭވި މީހުން ނުހޯދޭއިރު އެފަދަ ހަމަލާތައްް ދޭ މީހުންގެ ކިތައް ސެލް ރާއްޖޭގައި އުޅޭ ކަންވެސް ސީދާ އެނގެން ނެތް ކަމަށާއި އެހެންކަމުން ދިރިހުރުމުގެ ހައްގު ކަށަވަރު ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ރައްކާތެރިކަން ކަށަވަރުކުރެވެން ނެތް އިރު މަޖިލީހުގެ އެހެން މެމްބަރުންނަށް ރައްކާތެރިކަން އޮތް ކަމާމެދު އިލިޔާސް ސުވާލު އުފެއްދެވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެނަށް ފެނިގެންދަނީ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ އެތައް އިއްޒަތްތެރި މެންބަރުންތަކަކަށް އެތައް ނުރައްކަލެއް އެބަހުރި. އެ މީހުނަށް ފާރަލައި އެބޭފުޅުން އުޅުއްވާ ތަންތަން ބަލައި ހަމަލާއެއް ދޭން އުޅޭ ކަމަށް އެބަ ތުހުމަތު ކުރެވޭ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ ކަންކަން ކުރަން އުޅޭ މީހުން ހިފައި އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ނޫނީ އަޅުގަނޑުމެން އެކަކަށްވެސް ހިތްހަމަޖެހިގެން ރާއްޖޭގައި އުޅެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ އަމާޒުކުރުމުގެ ކުރިން އެފަދަ މައުލޫމާތުތަކެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ އެކަން އިލިޔާސް ލަބީބް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ވެސް ގެންނެވި އެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ އިލިޔާސް ދިން މައުލޫމާތުތަކާ ހަމަލާއާ ގުޅުމެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުވި ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރު ކޮށްދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން އެމަނިކުފާނާއި އަދި މަޖިލީހުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އެމަނިކުފާނަށް ދައުލަތުން ވަނީ ހާއްސަ ގެކޮޅެއްވެސް ހަމަޖައްސައި ދެއްވައިފަ އެވެ.