ރައީސް މުހައްމަދު ނަޝީދު

ލަފަޔާ އެއްގޮތަށް އަވަހަށް ފިޔަވަޅު އަޅަން ނަޝީދު އެދިވަޑައިގެންފި

"ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި އަޅަން ލަފާ ދީފައިވާ ފިޔަވަޅުތައް އަވަހަށް އަޅަން އެ ހަމަލާ ރައްދުވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެ ފިޔަވަޅުތައް އަވަހާ އަޅަން ރައީސް ނަޝީދު އެދި ވަޑައިގެންނެވީ އިންކުއަރީ ރިޕޯޓް އެމަނިކުފާނަށް އަރުވަން ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި އިންޓެލިޖެންސް ހަރުދަނާ ކުރަން 45 ލަަފައެއް އިންކުއަރީ ރިޕޯޓްގައި ހިމަނައިފައިވާ އިރު އެ ފިޔަވަޅުތައް ރައީސް އިބްރާހިމް ސޯލިހު އެޅުއްވުމުގައި ފަސްޖެހިވަޑައި ނުގެންނެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު މިއަދު ޔަގީން ކުރަން ރައީސް ސޯލިހު ވެސް އުއްތަމަ ފަނޑިޔާރު ވެސް މި ރިޕޯޓާ ގުޅޭ ގޮތުން އަޅުއްވާން ޖެހޭ އަވަސް ފިޔަވަޅުތައް އަވަހަށް އަޅުއްވާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން އެތައް ބަޔަކު އެއްފަހަރާ ހައްޔަރު ކުރުމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފަ އެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެއްވެސް ހާލެއްގައި އެއީ އެމަނިކުފާނުގެ ޒާތާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

"ކަންދިމާކުރި ގޮތުން މިފަހަރު އަޅުގަނޑު މަރާލުމަށް ބަޔަކު މީހުން ރޭވިރޭވުމެއް ނާކާމިޔާބުވެ ދިޔައީ. އެހެން ނަމަވެސް އެ ރޭވުން ކާމިޔާބުގެ ތުންފަތް މައްޗަށް ގެނައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަމެއް. ދައުލަތުގެ ހުރިހާ ބާރުތައް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް މި ކަންބޮޑުވުން އޮންނާނެ. އަޅުގަނޑުމެން ލަސްކޮށްފިނަމަ ދިވެހި ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުން ވަރަށް ބޮޑު. ހާއްސަގޮތެއްގައި ރާއްޖޭގެ އިގްތިސޯދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑު" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއަކީ ރީތި ގޮނޑުދޮށްތަކާއި މޫދުތަކެއް ލިބިފައި އޮންނަ އަމާންތަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތުމަުގެ ބަދަލުގައި ފަސޭހައިން ޓެރަރިސްޓް ހަމަލާ ދެވޭ ފަދަ ތަނެއްގެ ގޮތުގައި ފާހަގަވެގެން ދިއުމުގެ ބިރުވެރިކަން އެމަނިކުފާނު މިއަދު ހިއްސާ ކުރެއްވި އެވެ. ވިދާޅުވީ އޭގެ ސަބަބުން ހަމައެކަނި ގެއްލޭނީ އެތައް ބައެއްގެ ފުރާނަ އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން އެތައް ބައެއް ބައެއްގެ ދިރުއުޅުން ގެއްލި ވަޒީފާތައް ވެސް ގެއްލިގެންދާނެ ކަމަށެވެ.

"ހައެއްފަހެއް" ހަމަލާއަށް ފަހު ރައީސް ނަޝީދު ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށް ފަހު އިނގިރޭސިވިލާތުގައި މިހާރު ދަނީ އަނެއްކާވެސް އިތުރު ފަރުވާ ހޯއްދަވަމުން ނެވެ.