ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ "ބްރީޗް" ވިގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް އާއިލާގެ ބަސް ހޯދި ކަމަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅު ވެއްޖެ އެވެ.
މަޖިލީހުގެ އިންކްއަރީގެ ފައިނަލް ރިޕޯޓް ރޭ ފާސް ކޮށްފައި ވަނީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓް ފައިނަލް ކޮށްފައި ވަނީ ރައީސް ނަޝީދުގެ އާއިލާގެ ބަސް ހިމަނައިގެންތޯ އަވަސް އިން ސުވާލު ކުރުމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ވިދާޅުވީ މަޖިލީހުގެ އިންކުއަރީއަށް އާއިލާގެ ބަސް ހޯދާފައިވާ ކަމަށެވެ.
އިންކުއަރީ ރިޕޯޓާ ގުޅިގެން 241 ކޮމިޓީން ރޭ އާންމުކުރި މައުލޫމާތާ ގުޅިގެން ވިދާޅުވާނީ ކީކޭތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ރިޕޯޓާ މެދު އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ވަނީ ރިޕޯޓް އާންމު ކުރުމުން އެ ވިދާޅުވުމަށްފަހުގައި ކަމަށެވެ.
"ކޮމެޓީގެ މަސައްކަތުގެ ސްޕީޑާ މެދު ވެސް އެެއްޗެއް ބުނަން އެނގޭނީ ރިޕޯޓް ކިޔުމަށް ފަހު،" ނާޒިމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅިގެން އެމަނިކުފާނު މިވަގުތު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސިިވިލާތުގަ އެވެ. ފަރުވާއަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ ކޮން އިރަކުންތޯ އެހުމުން ނާޒިމް ވިދާޅުވީ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.
"އެކަމަކު މި އަހަރުގެ ތެރޭގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީގައި ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ފާސް ކުރުމަށް ރޭ އޮތް ކޮމިޓީގެ ބައްދަލުވުމުގައި ރިޕޯޓް ފާސް ކުރަން ހުށަހެޅުއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޮ އީވާ އަބްދުﷲ އެވެ. ހަސަން ލަތީފް ހުށަހެޅުއްވީ ރެކޮމަންޑޭޝަންތަކާއި ފާހަގަ ކުރެވުނު ކަންތައްތަކާއެކީގައި ރިޕޯޓް ފާސް ކުރާށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމެޓީގެ 13 މެންބަރުން ވެސް އިއްތިފާގުވެ ވޯޓު ދެއްވި އެވެ.
ކޮމެޓީގެ ރޭގެ ބައްދަލުވުގައި މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓް ރޭ ފާސް ކުރި ނަމަވެސް ރިޕޯޓް ފުރިހަމަ ކުރުމަށްޓަކައި ރިޕޯޓްގެ ފެށުމާއި ނިމުމުގެ ބައި އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ވެސް ހިމަނުއްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ނިންމާލެވުނީ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގައި ކަމަށެވެ. އަދި މެންބަރުންގެ ހިކުމަތާއި ހުނަރުވެރިކަން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރެއްވީ އިހުލާސްތެރިކަމާއެކުގައި ކަމަށެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް އިންކުއަރީގެ މަސައްކަތް ކުރެއްވީ ގައުމީ މަަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމްގެ މަސައްކަތަށް އީވާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އީވާ ވިދާޅުވީ ކޮމެޓީގެ ކުރީކޮޅު ބައެއް އުނދަގޫތައް ކުރިމަަތިވި ކަމަށާ މަޖިލީސް މެންބަރުންނަށް މުޅީން އާ މަސައްކަތަކަށް ވުމުން ދިމާވި ހުރިހާ ކަމަކަށް މުގައްރިރު ކުރިމަތިލެއްވި ކަމަށެވެ.