ޕާލިމެންޓް އިންކުއަރީ

އިންކުއަރީގެ ރިޕޯޓް މިމަހުގެ ފަހު ހަފްތާ މަޖިލީހަށް ފޮނުވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" ނިންމާ 241 ކޮމިޓީގެ ރިޕޯޓް މި މަހުގެ ފަހު ހަފުތާގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި އެވެ.

އިންކުއަރީގެ ފަހުގެ މައުލޫމާތުތައް މިއަދު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަނީ ޓައިމްލައިނެއް އެކުލަވާލައިގެން ކަމަށެވެ. ކޮމިޓީގެ މަސައްކަތްތައް މިހާތަނަށް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އިންކުއަރީގެ ރިޕޯޓް ނިންމާ މި މަހުގެ ފަހު ހަފުތާގެ ގައި ފޮނުވާނެ ކަމަށެވެ.

އިންކުއަރީ ކުރިއަށް ގެންދިއުމަށް މިހާތަނަށް ކޮމިޓީގެ 35 ބައްދަލުވުމެއް ބާއްވާ، 83 ގަޑިއިރު ކޮމިޓީގެ މެންބަރުން އެ މަސައްކަތުގައި އުޅުއްވާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ނުރަސްމީކޮށް ވެސް އެވަރުގެ ވަގުތުތަކެއް އެ މަސައްކަތުގައި ހޭދަ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީން ބޭނުންވާ މައުލޫމާތު ހޯދަން ހަތް ފަރާތަކާއެކު ރަސްމީކޮށް މިހާތަނަށް ބައްދަލު ކޮށް ކޮމިޓީން ބޭނުންވާ ސާފު ސީދާ ޖަވާބުތައް ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ފަސް ބޭފުޅަކާ ބައްދަލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް އެކިއެކި އިދާރާތަކުގެ ބޭފުޅުން ހާޒިރު ކޮށްގެން ބަލަމުންދާ މައިގަނޑު ކަމަކީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

އަސްލަމް މިއަދު ވަނީ އިންކުއަރީގައި ބަލަމުންދާ ބައެއް އިތުރު ކަންކަން ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދަށް ދިން ފަދަ ހަމަލާއެއް ތަކުރާރު ނުވާނެ ގޮތް ހެދުމަށްޓަކައި ގާނޫނީ ނިޒާމުގައި ހުރި މައްސަލަތައް ވެސް ކޮމިޓީން ބަލާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރީ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާއި އިޖުރާއަތްތައް މިކަންކަމާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ދާއިރާތަކުގައި އެ މުއައްސަސާތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ޑިފެންސް ފޯސްގައި ހަމަޖެހިފައިވާ އިޖުރާއަތްތަކާއި އަދި މިފަދަ ހަމަލާތަކާއި ޓެރަރިޒަމް ހަމަލާއަކަށް ވާތީ މިކަމާ ގުޅޭ ގޮތުން ގާނޫނުގައި ހުރި ކަންކަން ބަލައި ދިރާސާކުރުން،" މަޖިލީހުގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މީގެކުރިން ވެސް ވިދާޅުވި ގޮތަށް މިއަދު ވެސް ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީއަށް ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކުން ވެސް މިހާތަނަށް ވަރަށް ރަަނގަޅަށް އެެއްބާރުލުން ދެމުންދާ ކަމަށެވެ. ކޮމިޓީއަށް ހާޒިރުވާން އެންގި އެއްވެސް ބޭފުޅަކު އަދި މިހާތަނަށް ކޮމިޓީއަށް ހާޒިރު ނުވެ ނެތް ކަމަށާއި އިދާރާތަކުން އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އޭނާ 241 ކޮމިޓީގެ މުގައްރިރަކަށް ހުންނަވަނިކޮށް އެއްވެސް ބޭފުޅަކަށް ކޮމިޓީގެ އިންކުއަރީއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އެފަދަ ނުފޫޒެއް އޮތް ނަމަ އެ ވާހަކަތައް ހާމަކުރައްވާނެ ކަމުގައި ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވާފަ އެވެ.