ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުން އެދިވަޑައިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
މައްސަލަ މިއަދު ކޮމިޓީ އަށް ހުށަހެޅުއްވީ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީން ރައީސް ކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ނައިބް ރައީސް ޣައްސާން މައުމޫން އެވެ.
ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ސަލާމަތީ ހިދުމަތްތަކަށް ހުށަހަޅާފައިވާތީ އެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ވެސް ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ މަނިކުފާނަށް ވެސް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ދެވިފައިވާ ސަބަބު ކަމަށް 19 ވަނަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިންކުއަރީ ރިޕޯޓުން ހާމަވެފައިވެ އެވެ. އެހެންކަމުން ރައީސް ޔާމީނަށް އަމާޒުކޮށްފައިވާ މިއިންޒާރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބައްލަވައި ދެއްވުން އެދެމެވެ." މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ ހަނދާން އާކުރައްވަމުން މައްސަލައިގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދަށް އެޑްރެސް ކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އަހްމަދު ސައީދު (ޕީޓްރަލް ސައީދު) ކަމަށް ބެލެވޭ މީހަކު ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ ދީފައިވާ އިންޒާރުގެ މެސެޖުގައި ބަޔަކު އަޑީގައި ތިބެގެން ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވާފައިވާކަން ވަރަށް ސާފު ބަހުން އޭނާ ބުނެފައިވާ ކަމަށެވެ.
އެއްވެސް މީހަކަށް އިންޒާރު ދިނުމާއި ބިރު ދެއްކުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރިޒަމްގެ އަމަލެއް ކަމަށާއި އަދި ރައީސް ޔާމީނަށް ދީފައިވާ އިންޒާރަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މެންދަމު 2:18 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް ފުލުހުންގެ އިދާރާ އިން މައްސަލަ ބަލަން ފަށާފައިވާ ކަމުގެ އެއްވެސް އިޝާރާތެއް ޕީޕީއެމް އަށް ވެސް އަދި ރައީސް ޔާމީނަށް ވެސް ލިބިފައި ނުވުމަކީ އިންތިހާ އަށް ކަންބޮޑުވާ މައްސަލައެއް ކަމުގައިވެސް ބުނެފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލެވޭ މި ވާހަކަތައް ދައްކާފައިވާ މި ވީޑިއޯ އަށް މީސްމީޑިއާ މެދުވެރިކޮށް ސަލާމަތީ ހިދުމަތްތަކާ ގުޅުންހުރި ސަރުކާރުގެ އިސްވެރިޔަކު ތާއީދުކޮށް ތަރުހީބު ދީފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަކީ ދިވެހިރާއްޖޭގެ އެންމެ އިސް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެންމެ އިސްވެރިޔާގެ އިތުރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ގާނޫނުއަސާސީގެ 128 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެއްވުމަކީ ދިވެހި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ." ރައީސް ޔާމީނަށް ރައްކާތެރިކަން ދޭންޖެހޭ ގާނޫނު ސަބަބުތައް ހަންދާންކޮށްދެމުން ބުނެފައިވެ އެވެ.