ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ޑިސެމްބަރު މަހު ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލަ ބަލަން ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ރައީސް ނަޝީދުވެސް ވަޑައިގެންނެވި އެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަކި ގައުމެއްގެ ސިޔާސީ ޕާޓީ އަކަށް ނުވަތަ ވަކި ޝަހްސިއްޔަތަކަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު ދުރާލައި އިންތިޒާމު ކޮށްގެން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކެއް ހުންނާނެތީވެ ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންތިޒާމު ކުރެވިގެން ގައުމަކާ ދެކޮޅަށް ހަރަކާތެއް ހިންގުމުން އެ ހަރަކާތް އަމާޒުވާ ގައުމަކުން ދެކޭނެ ގޮތެއް އޮވެދާނެތީ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ މައްސަލަ ދިރާސާ ކުރަންޖެހޭ ކަމަށެވެ. މައްސަލަ ދިރާސާކުރާއިރު އަމަލުކުރަން އޮންނަ އުސޫލުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ ކަމާ ގުޅޭ މާހިރުންނާ ވާހަކަ ދެކެވި އަދި މިފަދަ މައްސަލަތަކުގައި އެހެން ގައުމުތަކުން އަމަލުކޮށްފައިވާ ގޮތް ވެސް ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށެވެ.
ކޮމިޓީގައިވާ މައްސަލައަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކާ މެދު ބަހުސް ކުރަން ހުޅުވާލުމުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ކޮމިޓީން މައްސަލަ ބަލާއިރު އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލާއި އެ ހަރަކާތުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރާއި އަދި ދެ ގައުމުގެ ރައްޔިތުންނަށް ހުރި ނުރައްކާ ބަލައިދިނުމަށް އެދޭ ކަމަށެވެ.
"މިކަންތައްތައް ހިމެނޭ ގޮތަށް މައްސަލަ ބަލަން އަޅުގަނޑު ތާއިދުކުރަން،" ހިސާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭން ހިންގުމަކީ ކުށެއް ނޫން ކަމަށާއި ހިޔާލުފާޅުކުރުމުގެ ހައްގު އެއްވެސް ގާނޫނަކުން މަނާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގައިވާ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޣައްސާން ވަނީ އެ މައްސަލަ ބޭރުކުރުމަށް ހުށަހަޅުއްވާފަ އެވެ.
"މިހާރު [ކޮމިޓީ] މިދަނީ ތަހުގީގަކާ ދިމާލަށް. އަޅުގަނޑަކަށް ހިއެއް ނުވޭ މި ކޮމިޓީގެ މެންޑޭޓްގައި ތަހުގީގުކުރުމެއް އޮތް ހެނެއް،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާންގެ ހުށަހެޅުއްވުމަށް އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ތާއީދު ކުރެއްވި ނަމަވެސް ކޮމިޓީގައި އެ ހުށަހެޅުން ފާހެއް ނުވި އެވެ.
ކޮމިޓީން ފާސްވީ މައްސަލަ ބެލުމަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލަ އެވެ. ހަސަންގެ ހުށަހެޅުމުގައި ވަނީ ކޮމިޓީން މައްސަލަ ބަލަމުންދާއިރު މައުލޫމާތު ސާފުކުރުރުމަށް އެމްއެންޑީއެފް، ޕޮލިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ ހާޒިރުކުރުމަށް ވެސް އެދިފަ އެވެ. އޭގެ އިތުރަށް ކަސްޓަމްސް އާއި އިމިގްރޭޝަން ވެސް ލިސްޓްގައި ހިމަނައިދެއްވުމަށް ކޮމިޓީގެ މުގައްރިރު އެދިވަޑައިގަތުމާ ގުޅިގެން ހުށަހެޅުން އެގޮތަށް ފާސްވީ އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮތް ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ކޮމިޓީ އަށް އިދާރާތައް ހާޒިރުކުރުމަށް ނިންމާ އިންޑިއާ އައުޓްގެ މައްސަލަ ބަލަން ނިންމުމުން ބައެއް މެންބަރުން ވަނީ ކޮމިޓީ އަށް އެ މަސައްކަތް އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
މެންބަރު އުޝާމް ވިދާޅުވީ އިންޑިއާ އައުޓް ގޮވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމަކު އެކަން ކުރަނީ ގާނޫނުއަސާސީގެ ދަށުން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ކަމަށެވެ. އެ ހާލަތަށް ކަންކަން ދިޔައީ ސަރުކާރުން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްްބަސްވުންތައް އެންމެ ކުޑަމިނުން 241 ކޮމިޓީގައި ވެސް ދިރާސާކުރަން ހިއްސާ ނުކޮށް ކަންކަން ސިއްރުކުރުމުން ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ކޮމިޓީން މައްސަލަ ބެލިޔަސް އެ މައްސަލަ ހައްލެއް ނުވާނެ،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 241 ކޮމިޓީ އަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީ އެއް ކަމަށެވެ. އެ ކޮމިޓީއަށް ކުރެވޭނެ ކަންކަން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވައިދުގެ 119 ވަނަ މާއްދާގައި ކަމަށް ފާހަގަކުރައްވާ އުޝާމް ވިދާޅުވީ އެ މާއްދާ އޮތް ގޮތުން އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ 241 ކޮމިޓީއަށް ނުބެލޭނެ ކަމަށެވެ. އެ މާއްދާގައި މައިގަނޑު ގޮތެއްގައި އޮތީ ސަލަމާތީ އިދާރާތަކާ ގުޅޭ މައްސަލަތައް ބެލުން ކަމަށް ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ މަޖިލީހުގައި އިންޑިއާ އައުޓް ހަރަކާތް ދިރާސާކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް 241 ކޮމިޓީން ބަލަން ނިންމި ނިންމުމަކީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ބޭރުން ކުރާ ކަމެއް ކަމަށެވެ. އިންޑިއާ އަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ 241 ކޮމިޓީގައި އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލާނަމަ ރާއްޖެއިން އިންޑިއާ އަށް މަސް އެތެރެކުރުން އުދަނގޫވެގެން އުޅޭ މައްސަލަ ބަލައިދިނުމަށްވެސް އެދޭ ކަމަށެވެ.
"ޔޫރަޕްގެ ގައުމުތަކަށް ވުރެ ރާއްޖެއިން އިންޑިއާ އަށް މަސް އެތެރެކުރުން އުދަނގޫ،" އަލީ ވިދާޅުވި އެވެ.
އުޝާމް އާއި އަލީ ހުސައިން އަދި ޣައްސާން މައުމޫންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ އެއްބައި ވިދާޅުވެފައި އިތުރުފުޅެއް ހައްދަވާފައި ކޮމިޓީއަށް މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ސިޔާސީ ވާހަކަދައްކަވަނީ މަގުބޫލުކަން ހޯއްދަވަން ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަނީ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުމުގެ ހައްގު ދުއްވާލާކަށް ނޫޅެން. ނައްތާލަކަށް ވެސް ނޫޅެން. ދިރާސާއެއް ކުރަން މިއުޅެނީ،" އާޒިމް ވިދާޅުވި އެވެ.
މެންބަރުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ކޮމިޓީގައި އޮތީ މުހިއްމު މައްސަލަ އަކަށް ވާތީ އެއްވެސް މެންބަރަކު ސިޔާސީ ރޫހުގައި މައްސަލަ ނުނެންގެވުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލައިގެ ސިޔާސީ ކުލަ ޖައްސައިގެން އޭނާ މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވާފަ އެވެ.