އާދަމް ޝަރީފު އުމަރު

ހާލަތު ބަދަލުކުރަން ރައްޔިތުން ތެދުވަން ގޮވާލައިފި

Jun 4, 2021
5

ގައުމުގެ ކަންކަމާ މެދު ރައްޔިތުންގެ ބާރު ކެނޑޭ ހިސާބަށް ކަންކަން ދޫވަމުންދާތީ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ތެދުވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެން އަވަސް އިން ގުޅާލުމުން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަށް ފަހު ގައުމުގެ ކަންކަން ހަމައަކަށް ނޭޅި، ގައުމުގެ ހުރިހާ ކަމެއް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

"ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވެސް އެދެވޭ ގޮތަކަށް ނޫން މިދަނީ. އަދި ސަރުކާރުގެ ހާލަތު މިހުރީ މާގޯސްކޮށް. ސަލާމަތީ ބާރުތަކުގެ ކަންކަން ވެސް މިހުރީ އާންމު ހާލަތުން ނައްޓާފައި. މިއީ ކަންބޮޑުވާން ޖެހޭ ހާލަތެއް،" ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެންވެސް އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެ ބިލަކީ ބަޔަކާ ދިމާލަށް "ލާދީނީއޭ" ގޮވާ ގޮވުން ހުއްޓުވުމަށް އެކަނި ހުށަހެޅުއްވި ބިލެއް ނޫން ކަމަށެވެ. އެބިލްގެ މައިގަނޑު ބޭނުމަކީ އިސްލާމީ ޝިއާރު ފާޅުކޮށް ދީނުގެ ދިފާއުގައި ވާހަކަދައްކަވާ ބޭފުޅުންނަށް ފިޔަވަޅު އަޅަން ހުށަހަޅުއްވާފައި އޮތް ބިލެއް ކަމަށެވެ.

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ "ކްރިމިނަލް މައިންޑް"ތަކެއް އެބައުޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެފަދަ މީހުންގެ މައްސަލަތައް ހައްލުކުރެވޭނީ ދިވެހިންގެ ތެރޭގައި އުޅޭ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ހައްލުކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށްޓަކައި ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް އަވަހަށް ހައްލުވާން ޖެހޭ ކަމަށް އާދަމް ޝަރީފް ދެކެވަޑައިގަންނަވަ އެވެ.

ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވެސް އެދެވޭ ގޮތަކަށް ނޫން މިދަނީ. އަދި ސަރުކާރުގެ ހާލަތު މިހުރީ މާގޯސްކޮށް. ސަލާމަތީ ބާރުތަކުގެ ކަންކަން ވެސް މިހުރީ އާންމު ހާލަތުން ނައްޓާފައި. މިއީ ކަންބޮޑުވާން ޖެހޭ ހާލަތެއް
އާދަމް ޝަރީފް | ކުރީގެ ޑިފެންސް މިނިސްޓަރު

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަގާމުން ވަކިކުރަން އުޅުމުން އެކަމުގެ ތެރެއަށް އަވަށްޓެރި ގައުމަކުން ވަދެ މާރިޔާ މަގާމުން ވަކިކުރުން ހުއްޓުވާފައިވާ ކަމަށް ނޫހެއްގައި އޮތް ރިޕޯޓަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ދިވެހިންގެ އަމިއްލަ ކަންކަން އެހެން ގައުމަކުން ނިންމާ ހިސާބަށް ދިއުމުން ގައުމުގެ މައްޗަށް ބޭރުގެ ނުފޫޒު މިއަދު އޮތް މިންވަރު އެނގޭ ކަމަށެވެ.

"މިހިސާބަށް ދިޔައިރު ސަރުކާރަކުން އެއްވެސް އެއްޗެއް ނުބުނެ އެ ތިބެނީ. މާރިޔާ ވެސް އެ ވާހަކަތައް ދޮގެއް ނުކުރޭ. ރައްޔިތުންގެ މަޖިލީހާ ގުޅިގެން ސަރުކާރުން އެއްވެސް މައްސަލައެއް ހައްލުކުރަން އުޅޭ ތަނެއް ވެސް ނުފެނޭ. ގައުމެއްގެ ހާލަތު މިހިސާބަށް ދާއިރު ސަރުކާރު ކޮބައިތޯ ސުވާލު އުފެދޭ،" އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު މުޅި ދިވެހި އަސްކަރިއްޔާ ބަނދުނާމުވާ ގޮތަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވާހަކަދައްކަވަމުން ގެންދަވާތީ އެއްވެސް ފަރާތަކުން އެގޮތަށް ވާހަކަ ނުދެއްކުމަށްވެސް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި އަސްކަރިއްޔާ މަސައްކަތް ކުރާނީ ވެރިން އަންގަވާ ގޮތެއްގެ މަތިން ކަމަށްވާތީ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ސިޔާސީ ބޭނުމަށް ގޯސްކޮށް ކަންކަމުގައި އަމަލުކުރުމުން ހުރިހާ ސިފައިން ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ދިވެހި އަސްކަރިއްޔާ ބަނދުނާމަކޮށް އިތުބާރު ގެއްލުވާލަމުންދާއިރު ޑިފެންސް މިނިސްޓަރާއި އަސްކަރިއްޔާގެ އިސްވެރިން ދިފާއުގައި ވާހަކަ ނުދައްކަވާތީ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ސިފައިންގެ ހިންގަވަން ތިއްބެވި ބޭފުޅުން މިއަދު ކަންކަން ތަރުތީބު ކުރައްވާ ތަނެއް ނުފެނޭ. ވެރިންގެ ފަރާތުން ލިބެންޖެހޭ އިރުޝާދު ލިބޭ ތަނެއް ނުފެނޭ. ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން އިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބް އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަށް އެންގެވުމުން އެންމެ ކުޑަމިނުން އެކަން ފުލުހުންނަށް ހުށަހަޅާފައެއް ވެސް ނެތް. މިހުންނަނީ ސީރިއަސް މައްސަަލަތައް،" ޑިފެންސްގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ނަމަވެސް އެ ހަމަލާ އަކީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް އާދަމް ޝަރީފް ގަބޫލުކުރައްވަ އެވެ. އެކަމަކު އެހާ ނުރައްކާތެރި ހަމަލާއެއް ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގެން ސަރުކާރުން މައްސަލަ ބަލަމުންދޭތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފަ އެވެ. މަޖިލީހުން އިސްވެ އެ މައްސަލަ ބަލަންޖެހުނީ ސަރުކާރުން މައްސަލަ ބަލަން ނޫޅޭތީ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލަށް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަ ކަމަށް މިވަނީ ލޮޅުން އަރާފައި. އަޅުގަނޑުމެންގެ މުއައްސަސާތަކަށް އޮތް އިތުބާރު މިވަނީ ގެއްލިފައި. އެހެންވެ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު މިއޮތް ސަރުކާރަކަށް ގައުމުގެ އެއްވެސް ކަމެއް ހައްލުވާނެ ކަމަކަށް. ވީމާ އަޅުގަނޑު މިއެދެނީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ ބާރާ އެކު ހާލަތު ބަދަލުކުރަން ތެދުވަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.