އާދަމް ޝަރީފު އުމަރު

ރައީސްގެ އޮތީ ހަސަދަވެރިކަމާއި ބަދަލު ހިފުން: އާދަމް ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްގެ މުހައްމަދު ސޯލިހްގެ އޮތީ ހަސަދަވެރިކަމާއެކު ބަދަލު ހިފުމުގެ ވިސްނުން ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާ އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށް ލުމަށްފަހު މަތި މައްޗަށް ނުހައްގު ދައުވާތައްކޮށް އެ ވަރުން ނުވެގެން އިތުުރު އިލްޒާމްތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެކަންކަން އެ ގޮތަށް ކުރައްވަމުން ގެންދަވަނީ ވަރުގަދަ ހަސަދަވެރިކަމަކާއި ބަދަލު ހިފެއް އޮތުމުން ކަމަށް ވިދާޅުވިއެވެ.

"އެކަމަކު އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ބަލައެއް ނުގަނެވޭނެ،"

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރިސޯޓް ހަދަން ދޫކުރި ގިނަ ރަށްތަކެއް ނުހެދި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހުއްޓިފައިވާ ކަމަށެވެ. ކުރީ ސަރުކާރުތަކުން ދޫކުރި 85 ރަށެއް އަދިވެސް ނުހެދި އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެ ރަށްރަށް އިންވެސްޓަރުންނަށް ދީގެން ލިބުނު ފައިސާގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި މިހާ ހިސާބަށް އައިއިރުގައި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީ އެއް ނެތް، ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް އަދި ދޫކޮށްފައެއް ނުވާނެ. އަދި އެހާ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބިވަޑައިގެންނެވި ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިގެން ހަރަދު ކުރެވޭނީ،"

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިންމާލީ ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދީ 15 ބިލިއަންގެ ދަރަނި ކަމަށެވެ.

"ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި ފަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަނަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ. މިއީ މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމެއް،"